ވިޔަފާރި

އިޤްތިސާދަށް ގެއްލުންވާފަދަ ފިޔަވަޅެއް ސަރުކާރުން ނާޅާނެ - ސައީދު


ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމަށް ކަމަށްބުނެ، ރާއްޖޭގެ އިޤްތިސާދަށާއި، ދިވެހި ރައްޔިތުންނަށް ގެއްލުންވާ ފަދަ އެއްވެސް ފިޔަވަޅެއް ސަރުކާރުން ނާޅުއްވާނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ރޭގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ، ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް އަވަސް އަރުވާލާފައި ނިންމާލުމަށްކަމަށް ބުނެ، ރައްޔިތުންނަށް ގެއްލުންވާފަދަ އެއްވެސް އަމަލެއް ސަރުކާރުން ނުހިންގަވާނެކަމަށެވެ. އަދި ސަރުކާރުން އާޅުއްވާ ކޮންމެ ފިޔަވަޅެއް އަދި ނިންމަވާ ކޮންމެ ނިންމެވުމެއްވެސް ނިންމަވާނީ އެކަމުގެ ސަބަބުން ރައްޔިތުންނަށާއި، ޤައުމުގެ ތަރައްޤީއަށް ލިބޭނީ ކޮންކަހަލަ ކުރިއެރުމަކަށްތޯ ބެއްލެވުމަށްފަހުކަމަށެވެ. ސަރުކާރުގެ މައިގަނޑު އިޤްތިސާދީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، އެ މަޝްރޫޢާއި ގުޅިގެން ދުބާއީ ޕޯރޓްސް ވޯލްޑް، ޑީޕީ ވޯލްޑާއެކު އެމް.އޯ.ޔޫއެއްގައި ސޮއިކުރެވުނު ކަމަށާއި، ނަމަވެސް ސަރުކާރުން ފަހުން އެ އެއްބަސްވުން އުވާލެއްވީ އެކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ގެއްލުންތަކެއް ވެދާނެކަން ސަރުކާރަށް ޤަބޫލުކުރެއްވޭތީކަމަށެވެ. ރައީސް ނަޝީދުގެ ސަރުކާރުން އެއަރޕޯޓް ތަރައްޤީކުރުމަށް އިންޑިޔާގެ ޖީ.އެމް.އާރަށް ދިން ދިނުމަށް އިޝާރާތްކުރައްވަމުން މިނިސްޓަރ ވިދާޅުވީ އެކަމުގެ ސަބަބުން ދިވެހި ދަޢުލަތަށާއި، ރާއްޖޭގެ އިޤްތިސާދަށް ލިބުނު ގެއްލުން މިއަދުވެސް ރައްޔިތުން ތަހައްމަލުކުރަމުންދާކަމަށާއި، ރައީސް ޔާމިންގެ ސަރުކާރުން އެފަދަ ރިސްކެއް ނަގަން ބޭނުންފުޅު ނުވާކަމަށެވެ. އެސް.އީ.ޒެޑް އިންވެސްޓްމަންޓް ބޯޑުގެ ޗެއާރކަންވެސް ކުރައްވަމުން ގެންދަވާ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ، ރައީސް ޔާމިން އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ހަމަލާއަށްފަހު މިއަދުވެސް ފެނިގެން މިދަނީ ސަރުކާރު ހިންގުމަށް އެއްވެސް ކަހަލަ ބުރުލެއް ނާރާ، އަދި ތަރައްޤީގެ މަޝްރޫޢުތައްވެސް އެއްވެސް ހުއްޓުމެއް ނެތި ހަލުވި ސްޕީޑުގައި ކުރިއަށްދާ މަންޒަރުކަމަށެވެ. އަދި އެމަނިކުފާނަށް ދެވުނު މި ނުރައްކާތެރި ހަމަލާގެ ތުހުމަތުގައި މިއަދު ހައްޔަރުކުރެވިފައިވަނީ އެސް.އީ.ޒެޑް ފަދަ ބޮޑެތި ބިޔަ މަޝްރޫޢުތަކުން ރާއްޖޭގެ އިޤްތިސާދަށް ކުރާނެ ފައިދާ އެންމެ ރަނގަޅަށް އެނގޭނެ ބޭފުޅުންކަމަށާއި، މިހަމަލާއިން ދޭހަވަނީ ސަރުކާރުން ހޯދަމުންދާ ކުރިއެރުންތަކާއި ކާމިޔާބީތަކާމެދު ބަޔަކު މީހުން ހަސަދަވެރިވެފައިވާ މިންވަރުކަން މިނިސްޓަރ ސައީދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިނިސްޓަރ ސައީދު ވިދާޅުވީ، އެސް.އީ.ޒެޑްގެ ދަށުން ރާއްޖޭގެ އުތުރުގައި ތަރައްޤީކުރާ އައިހެވަން މަޝްރޫޢުގެ ފީޒިބިލިޓީ ސްޓަޑީޒް މިހާރު ނިމިފައިވާކަމަށާއި، އެކަމުގެ ތަފްސީލުތައް ސަރުކާރަށް ލިބުނުހާ އަވަހަކަށް މީޑިއާއަށް ހާމަކުރައްވާނެކަމަށެވެ.