ޚަބަރު

އެޗްޕީއޭގެ ނިންމުން ތަންފީޒް ކުރާނަން - ފުލުހުން


މާލޭ ސަރަހައްދުގައި ހަވީރު 6 ފެށިގެން ފަތިހު 6 ކަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާ ވަގުތުތަކުގައި ވެހިކަލް ދުއްވާނަމަ އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މިއަދުން ފެށިގެން، ވަކިގޮތެއް އަންގަންދެން، މާލެ ސަރަހައްދުގައި ހަވީރު 06:00 އިން ހެނދުނު 06:00 އަށް އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެއްކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ނިންމާފައިވާ ނިންމުން ތަންފީޒް ކުރުމަށް ފުލުހުން ޚާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާތީ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މިރެއިން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި ހަވީރު 06:00 އިން ފަތިހު 06:00 އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެއްކަމަށެވެ.

ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މިމަހުގެ އެއްވަނަދުވަހު ފެށިގެންވެސް ވަނީ މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ވަކި ވަގުތަކަށްވަނީ މަނާކޮށްފައެވެ. މިހާތަނަށް މި ވަގުތު އޮތީ ރޭގަނޑު 20:30 ފަތިހު 04:00 އަށެވެ. މަގުމަތީގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމުގެ އިތުރުން މާލޭ ސަރަހައްދުގައި ވަނީ ކާފިއުވެސް އިއުލާންކޮށްފައެވެ. އެގޮތުން ރޭގަނޑު 11:30 ފަތިހު 04:00 މަގުމައްޗަށް ނުކުމެ އުޅުމަކީ މަނާކަމެކެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ބޭރަށް ނުކުމެ އުޅޭ އިރު މާސްކު އެޅުމަކީ މަޖްބޫރުކަމެއްގެ ގޮތުގައި މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ވަނީ ކަނޑައަޅާފައެވެ.

ފުލުހުން ވިދާޅުވީ އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލްތަކާއި ޚިލާފުވާ ފަރާތްތަކާއި ދެކޮޅަށް އެއްވެސް އިންޒާރެއް ނަސޭހަތެއް ދިނުމެއް ނެތި ފިޔަވަޅު އަޅަމުން ގެންދާނެކަމަށެވެ.