ސިއްހަތު

ހަކުރުބަލީގެ ދުވަހުގެ އިވެންޓުގެ މީޑިޔާ ޕާޓްނަރަކަށް ޕީ.އެސް.އެމް


ދުނިޔޭގެ ހަކުރުބަލީގެ
ދުވަހާ ބައިނަލްއަޤްވާމީ މޫދު ކަސްރަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ
އިިވެންޓުގެ މީޑީޔާ ޕާޓްނަރެއްގެ ގޮތުގައި ޕީއެސްއެމް ހަމަޖައްސާ އެކަމުގެ
އެއްބަސްވުމުގަ ޕަބްލިކް ސަރވިސް މީޑިޔާއާއި ޑައެބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް އަދި
ގްލޯފިޓްއާ ދެމެދު ސޮއިކޮށްފި އެވެ.



ޕީއެސްއެމްގެ ޓީވީއެމްގައި ބޭއްވި
ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ
ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުލް ލަތީފް އެވެ. އަދި
ޑައިބެޓީސް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެގެޓިވް އޮފިސަރ
އާއިޝަތު ޝިރުހާނާ އެވެ. ގްލޯފިޓްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ
ލެފްޓިނެންޓް ޖެނެރަލް އަލީ މުއާޒްެ އެވެ. 

އެއްބަސް ސޮއިކުރެއްވުމަށްފަހު
މައުލޫމާތު ދެއްވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް
އަބްދުލް ލަތީފް ވިދާޅުވީ، ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމަށް ބާއްވާ
ހަރަކާތުގެ މީޑިޔާ ޕާޓްރަނެއްގެ ގޮތުގައި ޕީއެސްއެމް ހަމަޖެހިގެން ދިއުމުން،
ޕީއެސްއެމްގެ ޗެނަލްތައް މެދުވެެރިކޮށް ހަކުރުބައްޔާމެދު އާންމުން
ޙޭލުންތެރިކުރުވުމުގެ އެކި ހަރަކާތްތައް ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.



މިރަސްމިއްޔާތުގައި
ވާހަކަދައްކަވަމުން ޑައިބެޓީސް އެސޯސިއޭޝަންގެ ޗީފް އެގްޒެގެޓިވް އޮފިސަރ އާއިޝަތު
ޝިރުހާނާ ވިދާޅުވީ، ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ދުނިޔޭގެ ހަކުރުބަލީގެ
ދުވަސް ފާހަގަކުރުމަށް ހިންގޭ ހަރަކާތުގައި ބައިވެރިވާން ބޭނުންވަ ފަރާތްތަކުން
ޑައިބެޓީސް އެސޯސިއޭޝަންގައި ނަންނޯޓުކުރަންޖެހޭ ކަމަށެވެ.



މިއެވެންޓުގައި އާންމުކޮށް
ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައި އެވެ.

ހުޅުމާލޭ ބީޗްގައި ބޭއްވުމަށް
ހަމަޖެހިފައިވާ މިއިވެންޓުގެ ލޮޖިސްޓުކް ޕާޓްރަނެއްގެ ގޮތުގައި ހައުސިންގ
ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ ހަމަޖައްސާފައިވާ ކަމަށް ޑައިބެޓީސް
އެސޯސިއޭނުން މައުލޫމާތު ދެއްވާފައިވެ އެވެ.