ޚަބަރު

އޭދަފުށީ މަގުހެދުމުގެ މަސައްކަތް އަންނަ މާޗްމަހު ނިންމާލެވޭނެ: އެމްޓީސީސީ


ބ.އޭދަފުށީ މަގުހެދުމުގެ މަސައްކަތް އަންނަ މާޗް މަހު ނިންމާލެވޭނެ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީީ،އެމްޓީސީސީން ބުނެފިއެވެ.

އޭދަފުށީ މަގުހެދުމުގެ މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ނިމިފައެވެ. އެގޮތުން މަގުތަކުގައި ޕޭވްމަންޓްހަދާ ތާރު އަޅާ ސްޕީޑް ބްރޭކަރ ހަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

އޭދަފުށީ މަގުހެދުމުގެ މަސައްކަތުގައި މިހާރު ކުރަމުންދަނީ ފިނިޝިންގ މަސައްކަތް ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ފެންހިންދާ ނިޒާމް ޤާއިމް ކުރުމަށް ބޭނުންވާ ވަޅުގަނޑު ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތާއި، ފެނާއި ނަރުދަމާ ޖަންގްޝަންތައް އެއްވަރު ކުރުމުގެ މަސައްކަތްތަކެވެ. މީގެތެރެއިން މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ 80 އިންސައްތަ ނިމިފައިވާކަމަށް އެކުންފުނިން ބުނެއެވެ.

ޒަމާނީ ފެންވަރަކަށް ބ.އޭދަފުށީ މަގުހެދުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. މަގުހެދުމުގެ އަމަލީމަސައްކަތް އެކުންފުނިން ފަށާފައިވަނީ 22 އޭޕްރީލް 2019 ގައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީއާ މިމަސައްކަތް ހަވާލުކުރީ 34.4 މިލިއަންރުފިޔާއަށެވެ.