ތަރައްްޤީ

ގދ. ތިނަދޫ ޕޯޓާއި ހޮސްޕިޓަލު ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް


ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ރާއްޖޭގެ ރަށްތައް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ.

ވަކިން ޚާއްސަކޮށް ޞިއްޙީ ޙިދުމަތްތަކަށް މާލޭ ސަރަޙައްދަށް ބަރޯސާވާ ބަރޯސާވުން ނިމުމަކަށްގެނެސް، ހަރުދަނާ ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް ސަރުކާރުން އަންނަނީ މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރާއްޖޭގެ އެކި ރަށްރަށުގައި ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ކުރިއަށްދާއިރު، އޭގެ ތެރޭގައި ހިމެނޭ އެއްރަށަކީ ގދ. ތިނަދޫއެވެ.

ގދ. ތިނަދޫގައި މިވަގުތު ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫޢަކީ ތިނަދޫގައި ރީޖަނަލް ޕޯޓެއް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެވެ. ތިނަދޫގައި ސަރަޙައްދީ ފެންވަރުގެ ބަނދަރެއް ތަރައްޤީކުރުމަށް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 22 ޑިސެމްބަރު 2020 ގައެވެ. 2 މަޝްރޫޢަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ.

އެގޮތުން ތިނަދޫ ރީޖަނަލް ޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ބަނދަރު ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ފަސްގަނޑު އެއްވަރުކުރުމާއި، ސަރވޭ ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. އަދި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތުގެ %50 ނިމިފައިވާއިރު، މުޅި މަޝްރޫޢުގެ ގާތްގަނޑަކަށް %30 މިހާރު އެއްކޮށް ނިމިފައިވާކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން، 4500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 3000 އަކަ މީޓަރުގެ ސަރަޙައްދެއްގައި ރީއިންފޯސް ކޮންކްރީޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތްވެސް ކުރެވިގެންދާނެކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. ޕޯޓު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަށްސަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. ޕޯޓް ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް އަންނަ މަރޗް މަހުގެ ނިއަލަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދެވަނަ ފިޔަވަށްސާއެކު ތިނަދޫ ރީޖަނަލް ޕޯޓު މަޝްރޫޢު އެއްކޮށް ނިމިގެންދާއިރު، އެތަނުގައި 5000 އަކަފޫޓޫގެ ގުދަނަކާއި، އިދާރީ މަސައްކަތްތަކަށް ޚާއްސަ އިމާރާތަކާއި، ޕޯޓަށް ބޭނުންވާ ޔާޑު ލައިޓިންގގެ މަސައްކަތްތައްވެސް ފުރިހަމަވެގެންދާނެއެވެ.

ތިނަދޫގައި ކުރިއަށްދާ އަނެއް މުހިއްމު މަސައްކަތަކީ ގދ. ތިނަދޫ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތު ކުރުމުގެ މަޝްރޫޢެވެ. މި ހޮސްޕިޓަލަކީ ހުވަދު އަތޮޅުގެ ރަށްތަކުން ޞިއްޙީ ޚިދުމަތް ހޯދުމަށް އެންމެ ބޮޑަށް ބަރޯސާވާ ހޮސްޕިޓަލެވެ. އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް އެކުންފުނިން ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައެވެ.

މި މަސައްކަތް މިހާރު ކުރިއަށްގޮސްފައިވާ ހިސާބަށް ބަލާލާއިރު، ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތާއި، ވިއްސާ ކޮޓަރި ހުންނަ އިމާރާތުގެ އެކްސްކަވޭޝަން މަސައްކަތްތަކާއި، ކޮންކްރީޓް މަސައްކަތްތައް މިހާރު ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. އަދި އޯޕީޑީ އިމާރާތް އެޅުމުގެ މަސައްކަތުގެ %40 ނިމިފައިވާކަމަށްވެސް އެކުންފުނިން ހާމަކުރައްވާފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތާއި، ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމުގެ އިތުރުން އިމަރޖެންސީ ރޫމް މަރާމާތު ކުރުމުގެ މަސައްކަތްވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައިވަނީ 33.5 މިލިއަން ރުފިޔާއަށެވެ. މިމަޝްރޫޢުގެ މަސައްކަތް އަންނަ މެއިމަހުގެ ނިއަލަށް ނިންމާ ލެވޭނެ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއްވައެވެ.

މި ދެ މަޝްރޫޢުގެ އިތުރުން، ތިނަދޫގައި އައުޓްޑޯރ ޖިމެއް ޤާއިމުކުރުމާއި، ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށްއެބަދެއެވެ. މީގެ އިތުރުން ސިންތެޓިކް ޓްރެކެއް ތަރައްޤީކުރުމާއި، އެރަށު ޒޯން ސްޓޭޑިއަމް އަޕްގްރޭޑްކުރުމުގެ އިތުރުން މަގުހެދުމާއި، 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖާއެކު މަސްގަންނަ ފެސިލިޓީއެއް ޤާއިމުކުރުމުގެ މަޝްރޫޢުވެސް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.