ޚަބަރު

ރަށްވެހިފަތިސް ކެންޕޭން މުޅި ރާއްޖޭގައި އަލުން ފަށަން ތައްޔާރުވަނީ


ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން އިތުރަށް ވަރުގަދަކޮށް ރަށްވެހި ފަތިސް ކެމްޕެއިން މުޅި ރާއްޖޭގައި އަލުން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެމްޑީޕީން ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބަށް އެމްޑީޕީން ވަމުންދާ ތައްޔާރީތަކާއި ގުޅޭ އެންމެފަހުގެ މައުލޫމާތު ދިނުމަށް މިއަދު އެޕާޓީގެ މައި އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކެންޕޭންގެ ސްޕޯސްޕާރސަން މުޙައްމަދު ސައިފް ފާތިޙް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ލާމަރުކަޒީ ނިޒާމު ނުދަންނަކަމަށެވެ. ލާމަރުކަޒީ ނިޒާމާއި އިދިކޮޅު ފަރާތްތައް ބީރަށްޓެހިކަން ފާހަގަކޮށް މިސާލު ނަންގަވަމުން ސައިފް ވިދާޅުވީ ކުޅުދުއްފުށި ސިޓީ ހުޅަނގު އުތުރު ދާއިރާއަށް ކުރިމަތިލައްވާފައި ހުންނެވި އިދިކޮޅު ކެންޑިޑޭޓް ނަން އަނބުރާ ގެންދެވީވެސް މިސަބަބުތަކަށްޓަކައި ކަމަށެވެ.

ސައިފް ވިދާޅުވީ އެމްޑީޕީން ކެންޕެއިން ހަރަކާތްތަކުގެ ތެރެއިން ޕާޓީގެ ލީޑަރޝިޕުން ވަކިވަކި ދާއިރާތަކާއެކު އޮންލައިން ބައްދަލުވުންތައް ފެށިގެންދަނީ ކުރިއަށްކަމަށާއި، ކޯވިޑްގެ ދަތީގައިވެސް ރައްޔިތުންނާ ހަމައަށް ރަށްވެހިފަތިސް ކެންޕޭންގެ މެސެޖުތައް ރައްދުކޮށްދިނުމަށް، ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށެވެ. އަދި ރަށްވެހިފަތިސް ކެންޕޭން މުޅި ރާއްޖޭގައި އަލުން ފަށާ، އިފްތިތާޙްކުރުމުގެ ހަރަކާތާބެހޭ މަޢުލޫމާތު ދާދި އަވަހަށް ހާމަކުރައްވާނެކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކެންޕޭން ހަރަކާތްތައް ހިންގާނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އެންގެވުންތަކާއި، ކޯވިޑްގެ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް ތަބަޢަވެ، މިފަދަ ބަލިމަޑުކަމެއްގައި އިންތިޒާމުވެ ހިންގާ ސިޔާސީ ޕާޓީއެއް، ކެންޕޭނެއް ހިންގާނެ އެންމެ ފުރިހަމަ ލާމަސީލު ގޮތުގައިކަމަށެވެ.