ޚަބަރު

ކޯވިޑުން ލިބުނު ގެއްލުން ބޮޑު، އަލުން ތެދުވެ ކުރި މަސައްކަތުން އޮތީ އުންމީދު


ކޯވިޑް-19އާ ގުޅިގެން އިޤްތިޞާދީގޮތުން އެންމެބޮޑު ގެއްލުމެއް ލިބިގެންދިޔަ ޤައުމުތަކުގެ ތެރޭގައި މިކުޑަކުޑަ ދިވެހި ރާއްޖެ ހިމެނެއެވެ.

ރާއްޖޭގެ އިޤްތިޞާދު އަންދާޒާކުރި ވަރަށްވުރެވެސް ދަށަށްގޮސް ޤައުމުމުގެ މާލީ ޙާލަތު އިންތިހާއަށް ދިޔައީ ދަށަށް ގޮސްފައެވެ. ކޯވިޑުން އަރައިގަތުމަށް ރާއްޖެއިން ކުރި މަސައްކަތާއި އެކަމުން ލިބިފައިވާ ނަތީޖާ ވަރަށް ތަފްސީލް ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުން ވަނީ ރައްޔިތުންނަށް އިވިގެން ގޮސްފައެވެ.

ކޯވިޑުން އަރައިގަތުމަށް އެޅި ފިޔަވަޅުތަކާއިއެކު އުންމީދު ގެނުވި

ކޯވިޑް-19ގެ ބަނަ ވިލާގަނޑު ރާއްޖެއަށް ހިޔަނި އަޅާނެ ކަމުގެ ބިރު އުފެދުމާއެކު، މިދިޔަ އަހަރުގެ އެންމެ ކުރީކޮޅުން ފެށިގެން، ސަރުކާރުގެ ހުރިހާ ހަކަތައެއް ބޭނުންކުރީ، މިކަމުން އަރައިގަތުމަށެވެ.

ބަލީގައި ފަރުވަދެވޭނެ ނިޒާމުތަކެއް ކަނޑައަޅައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި، މި ބައްޔަށް ފަރުވާކުރެވޭނެ އިންތިޒާމު ހަމަޖައްސައި، 362 ޞިއްޙީ ޚިދުމަތްތެރިން ވަނީ ތަމްރީނު ކުރެވިފައެވެ. އަދި ދުވާލަކު 5600 އަށްވުރެ ގިނަ ކޯވިޑް ޓެސްޓް ހެދުމުގެ ޤާބިލުކަން ރާއްޖޭގައި މިހާރު އެބަހުއްޓެވެ.

ކޯވިޑުގެ ނުރައްކަލުގެ ރަނގަބީލު އެންމެ ގަދަވެގެން ދިޔަ ދުވަސްވަރުގައިވެސް ރާއްޖޭގެ ޞިއްޙީ ޚިދުމަތްތެރިންގެ ލަފަޔާއި މަޝްވަރާގެ މަތީން ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއަށް ދިޔައީ ބަލީގައި ބޮޑެތި ކުރިއެރުންތަކެއް ލިބެމުންނެވެ. ނަތީޖާއެއްގެ ގޮތުން ތިންމަސްތެރޭގައި އަލުން ބޯޑަރު ހުޅުވާލައި، ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް އަނެއްކާވެސް ވަނީ ފަށާފައެވެ.

"ތިން މަސްދުވަހަށް ފަހު ބޯޑަރު ހުޅުވައިލެވުނީ، ކޯވިޑާ ދެކޮޅަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަމުގެ ސަބަބުން. އަދި މިބަލި ކޮންޓްރޯލްކުރުމަށް ސަރުކާރުން އެކުލަވައިލި، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރި ބުރަ މަސައްކަތްތަކާއި، ޓެކްނިކަލް އެޑްވައިޒަރީ ޓީމުން ނިންމި ހަރުދަނާ ނިންމުންތަކާއި، މިބައްޔާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވާ ޞިއްޙީ ޚިދުމަތްތެރިންނާއި، އެހެނިހެން ބޭފުޅުންގެ ބުރަ މަސައްކަތްތަކުންކަން އަޅުގަނޑު މި ވަގުތުގައިވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ 37.9 ބިލިޔަން ރުފިޔާގެ ބަޖެޓުން، 28.5 ބިލިއަން ރުފިޔާ ކޯވިޑަށް

  • ކަރަންޓާއި ފެން ބިލުތަކުން 117 މިލިއަން ރުފިޔާ ކަނޑާލަދީފަ.
  • ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، އާންމުއެކި ޚިދުމަތްތެރިންނަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައި.
  • ބިމުކުލި ދެއްކުން 6 މަސްދުވަސް ފަސްކޮށްދެވުނު.
  • 15 ޤައުމެއްގައި ތިބި ދިވެހިންގެ ތެރެއިން 2421 ދިވެހިން އަނބުރާ ރާއްޖެ ގެނެވުނު.
  • ވަޒީފާ ގެއްލުނު މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް 17147 މީހަކަށް، 221 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވޭ.
  • ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 400 މިލިއަން ރުފިޔާ ކަނޑައަޅާފައިވޭ.
  • ކޮންސްޓްރަކްޝަން ދާއިރާގެ 240 ފަރާތަކަށް 95 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވޭ.

ކޯވިޑް-19އާއެކު ރައްޖޭގެ މަސްވެރިންނަށާއި، ދަނޑު ވެރިންނަށްވެސް ބޮޑެތި ލުއިތަކެއް ސަރުކާރުންވަނީ ދެއްވާފައެވެ. މަސްވެރިކަމުގެ ބޭނުންތަކަށް އިމްޕޯޓުކުރާ، ބައެއް ތަކެތިން ނަގަމުން އައި އިމްޕޯޓް ޑިއުޓީވެސް މިދިޔަ އަހަރު ވާނީ ކަނޑާލާފައެވެ.

ކޯވިޑާ ގުޅިގެން މަސްވެރިކަމާއި ދަނޑުވެރިކަމަށް ދެވުނު ލުއިތަކާއި ގެނެވޭ ހެޔޮ ބަދަލުތައް

  • ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ 6 ކުންފުންޏަކަށް 55.3 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވޭ.
  • މިފްކޯއަށް މިދިޔަ އަހަރު، 49 ހާސް މެޓްރިކް ޓަނުގެ މަސް ގަނެ، މަސްވެރިންނަށް 879 މިލިއަން ރުފިޔާ ވާނީ ދީފަ.
  • މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ގދ. ތިނަދޫގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހެދުމުގެ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފަ.
  • ފެލިވަރާއި ކޫއްޑޫ އަދި ކަނޑުއޮތްގިރީގެ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީއަށް 8200 މެޓްރިކް ޓަނު، އިތުރުކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ.
  • 45 ރަށެއްގެ ދަނޑުވެރިންނާއެކު، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެއްބަސްވުން ޤާއިމުކޮށް، ތިމާވެށްޓާ ރައްޓެހި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ފެށުމަށް، އެގްރޯ ކުންފުނިން މިހާރު އަންނަނީ ތައްޔާރުވަމުން.

ކޯވިޑްގެ ގޮންޖެހުންތަކާއިއެކު މިހާލަތުން އަރައިގަތުމަށް ސަރުކާރުން ދަނީ ދުރާލައި ރޭވިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ މިހާލަތުން އަރައި ގަތުމަށް ބޮޑެތި މަޝްރޫޢުތައް އަވަށް ފެށުމަކީ ސަރުކާރުގެ ވަރަށްބޮޑަށް މަސައްކަތް ކުރަމުންދާކަމެވެ. މިމަސައްކަތްތަކަކީ ރައްޔިތުންގެ ދިރިއުޅުމުގެ އާންމު ހާލަތާއިވެސް ގުޅިފައިވާ ކަންކަމަށް ވުމުން މިކަންކަން އަވަސް ގޮތެއްގައި ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒެވެ.

ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް

  • މިއަހަރު އިތުރު 5 ރަށެއްގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ފެށުން.
  • ތިލަމާގެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް މިއަހަރު ފެށުން.
  • ރާއްޖޭގެ މަރުކަޒީ ވިޔަފާރި ބަނދަރުގެ މަސައްކަތް މިއަހަރު ފެށުން.
  • މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިން ޔުނިޓްގެ ޢަމަލީ މަސައްކަތް ފެށުން.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވަނީ ރާއްޖޭގައި އިސްލާމްދީނުގެ ނަމުގައި އެކިއެކި މަސައްކަތް ކުރާ ފަރާތްތަކަށް އެއްވެސް ޖާގައެއް ނުދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

"އިސްލާމްދީނުގެ މަތިވެރި އިޖުތިމާޢީ އުޞޫލަކީ، ކުޑަކުދިންނަށް އަޅައިލުމާއި، އެކަކު އަނެކަކަށް އެހީތެރިވެ އެކުވެރިކަމުގައި އުޅުން ކަމަށްވާއިރު، ދީނުގެ ނަމުގައި، ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ އަދި ޖިސްމާނީ ގޯނާކޮށް، ޙައްޤުތަކުން މަޙްރޫމްކޮށް، މުޖުތަމަޢު ބައިބައިކުރުމަށް، އެއްވެސް ބަޔަކަށް މިފަސްގަނޑުގައި އެއްވެސް ފުރުޞަތެއް ނުދެވޭނެ" ރައީސް ޞާލިހު ވިދާޅުވިއެވެ.

މުޅި ރިޔާސީ ބަޔާނުންވެސް ކޯވިޑްގެ ހިތްދަތި ދުވަސްތަކުން އަރައިގަތުމަށް ސަރުކާރުން ކުރި ބުރަ މަސައްކަތް ވަރަށް ރަނގަޅަށް ވަނީ ވަޒަންކުރެވިފައެވެ. އަދި މިކަމުން އަރައިގަތުމަށް ސަރުކާރުން ނެގި ރިސްކާއި، އެޅި ފިޔަވަޅުތަކަކީ މިއަދު ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މަޑުމަޑުން ރަނގަޅުވާން ފެށުމުން އެންމެބޮޑު އެއްސަބަބެބެވެ. ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުމާއި، ޞިއްޙީ މަސައްކަތްތެރިންނާއި އާންމު ޚިދުމަތްތެރިންގެ ހިތްވަރަކީ މިއަދު މިހިސާބަށް ޤައުމު ދިއުމުގައި ރައީސުލްޖުމްޖުމްރިއްޔާ ޝުކުރުވެރިކަމާއިއެކު ފާހަގަކުރައްވާފައިވާ ކަންތައްތަކެވެ.