ކޯވިޑް-19

ކޯވިޑް-19 : ޗަައިނާއިން ރާއްޖެއަށް އެއްލައްކަ ޑޯޒްގެ ވެކްސިން ހަދިޔާކުރަނީ


ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެިއން ކުރާ މަސައްކަތްތަކަށް އެހީތެރިވުމަށް ޗައިނާއިން ކޯވިޑް-19 ވެކްސިންގެ އެއްލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކުރުމަށް ނިންމައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. މިކަމާގުޅިގެން ފޮރިން މިނިސްޓަރ ޝާހިދު ކުރެއްވި ޓުވިޓެއްގައިވަނީ، ކޯވިޑް-19 އާ ދެކޮޅަށް އުފައްދާފައިވާ ވެކްސިންގެ އެއްލައްކަ ޑޯޒް ޗައިނާއިން ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވާތީ، ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިކަމާގުޅިގެން ދެ ޤައުމުގެ ދެމެދުގައި ކުރަންޖެހޭ މަޝްވަރާތައް ކުރަމުންދާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ޗައިނާއިން ރާއްޖެއަށް ވެކްސިން ހަދިޔާކުރުމަށް ނިންމާފައިވާކަން ހާމަކުރައްވައި އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގްވެސް ވަނީ ޓުވީޓުކުރައްވާފައެވެ. ސަފީރުގެ ޓުވީޓުގައި މި ވެކްސިން ވީ އެންމެ އަވަހަކަށް ރާއްޖެއަށް ފޯރުކޮށްދެއްވުމަށް މަސައްކަތްކުރައްވަމުން ދާކަމަށް ވިދާޅުވެފައިވެއެވެ. އަދި ކޯވިޑް-19އާ ދެކޮޅަށް މުޅި ދުނިިޔެ ކުރާ ހަނގުރާމައިގައި ޗައިނާއިން ފުރިހަމައަށް އެއްބާރުލުންދީ، ޤައުމުތަކަށް ވެކްސިން ފޯރުކޮށްދޭނެކަމަށް ސަފީރު ވިދާޅުވިއެވެ.

އެގޮތުން ދިވެހިރާއްޖެވެސް ހިމެނޭހެން ދުނިޔޭގެ 38 ޤައުމަކަށް ވެކްސިން ފޯރުކޮށްދިނުމަށް ޗައިނާއިން މަސައްކަތްކުރަމުންދާކަން ސަފީރު ވަނީ ފާހަގަކުރައްވާފައެވެ. ހަމައެހެންމެ ދުނިޔޭގެ ޤައުމުތަކަށް ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ޤާއިމުކޮށްފައިވާ ކޯވެކްސް ފެސިލިޓީއަށް ޗައިނާއިން ވެކްސިންގެ 10 މިލިއަން ޑޯޒް ފޯރުކޮށްދޭނެކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ. އަދި ކޯވެކްސް ފެސިލިޓީއަށް ވެކްސިން ހަދިޔާކުރުމުގެ ޤާބިލުކަން ލިބިފައިވާ ޤައުމުތަކުން އެ ފެސިލިޓީއަށް އެއްބާރުލުންދީ ބައިވެރިވުމަށް އެ ޤައުމުން ބާރުއަޅާކަމަށްވެސް ޗައިނާ ސަފީރު ވިދާޅުވެފައިވެއެވެ.

ޗައިނާއިން ދިވެހިރާއްޖެއަށް ކޯވިޑް-19ގެ ވެކްސިންގެ އެއްލައްކަ ޑޯޒް ހަދިޔާކުރަން ނިންމާފައިވާއިރު، އެ ޤައުމުން ރާއްޖެއަށް ފޯރުކޮށްދޭނީ ކޮން ވެކްސިނެއްކަމެއް އަދި ސީދާ ހާމަކުރައްވާފައެއްނުވެއެވެ. ނަމަވެސް ޗައިނާ ސަފީރުގެ ޓުވީޓުގައި ކޯވިޑް-19 އާ ދެކޮޅަށް ޗައިނާއިން އުފައްދާފައިވާ ސައިނޯފާމް ވެކްސިންގެ ފޮޓޯއެއް ބޭނުންކޮށްފައިވާތީ، ބޮޑަށް ބެލެވެނީ ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވަނީ ސައިނޯފާމް ވެކްސިންކަމަށެވެ.

ހެޔޮއެދޭ ފަރާތަކުން ހަދިޔާކޮށްފައިވާ ޗައިނާގެ ސައިނޯފާމް ވެކްސިންގެ 5000 ޑޯޒް ރާއްޖެއަށް ލިބިފައިވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ދާދިފަހުން ހާމަކުރައްވާފައިވެއެވެ. އެގޮތުން އެ ވެކްސިންތައް ރައްކާކޮށްފައިވާކަމަށާއި، ވެކްސިން ޖެހުމުގެ ކުރިން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންގެންދާކަމަށް އެ ސެންޓަރުން ވިދާޅުވެފައިވެއެވެ. އަދި އެ ވެކްސިން ޖެހުމުގެ ކުރިން އެ ވެކްސިނަކީ ރަނގަޅު ވެކްސިންއެއްތޯ ބެލުމަށްޓަކަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދިރާސާތައް ކުރައްވާނެކަމަށްވެސް އެޗް.އީ.އޯ.ސީން ވިދާޅުވެފައިވެއެވެ.

ޗައިނާގެ ދެ ކުންފުންޏަކުން ގުޅިގެން އުފައްދާފައިވާ ސައިނޯފާމް ވެކްސިން ދުނިޔޭގެ ބައެއް ޤައުމުތަކުގައި މިހާރު ދޭން ފަށާފައިވާއިރު، އެ ވެކްސިނުން 78 އިންސައްތަ މީހުން ބަލިން ރައްކާތެރިކޮށްދޭކަމަށް ވެކްސިން އުފެއްދި ކުންފުނިން ވަނީ ހާމަކޮށްފައެވެ. ރާއްޖޭގައި ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. ރާއްޖޭގައި މިވަގުތު ޖަހަމުން އަންނަނީ އިންޑިއާއިން މިދިޔަ މަހު ފޯރުކޮށްދިން އެއްލައްކަ ވެކްސިން ޑޯޒްއެވެ. މި ވެކްސިން ރާއްޖޭގެ އާބާދީގެ 50،000 މީހުންނަށް ޖެހުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މި ވެކްސިންގެ 0.5 އެމްއެލްގެ 2 ޑޯޒް ޖަހަން ޖެހެއެވެ. ފުރަތަމަ ޑޯޒްއަށް ފަހު ދެވަނަ ޑޯޒް އޭގެ 4 ހަފްތާފަހުން ޖަހަން ޖެހެއެވެ.

މީގެ އިތުރުންވެސް ރާއްޖެއަށް އިތުރު ވެކްސިންތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. ރާއްޖެއިން ގަންނަ އެސްޓްރަޒެނަކާ ވެކްސިން ކުރިއަށްއޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ލިބޭނެކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމް ވަނީ ވިދާޅުވެފައެވެ. އެސްޓްރާޒެނެކާގެ ވެކްސިންގެ އިތުރުން ޑަބްލިއުއެޗްއޯގެ ވެކްސިންއާއި ފައިޒާގެ ވެކްސިންވެސް ރާއްޖެއަށް ކުރިޔަށް އޮތްތާނގައި ލިބޭނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.