ޚަބަރު

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށައިފި


މާލޭގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ހަވީރު 05:00 އަށް މި އުމުރުފުރައިގެ މީހުންނަށް ވެކްސިން ދެމުން ގެންދާނެކަމަށެވެ. އުމުރުން 65 އަހަރުގެ މީހުންނަށް މާލޭގެ ސޯޝަލް ސެންޓަރުންނާއި ހުޅުމާލެ ފްލޫ ކުލިނިކް ހުރި އިމާރާތުގައި ޤާއިމްކޮށްފައިވާ ވެކްސިން ސެންޓަރުން ވެކްސިން ޖަހާދޭނެއެވެ.

ވެކްސިން ޖަހަން އަންނަ އިރު އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ވެކްސިން ޖަހަންދާ މީހަކީ ބަލީގެ އެއްވެސް އަލާމާތެއް ނެތް މީހަކަށް ވާންވާނެ ކަމަށާއި، އަދި ކަރަންޓީންގައި ހުރި މީހަކަށް ވެގެން ނުވާނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. ވެކްސިން ޖަހަން ދާއިރު ގަޔަށް ދޫ ފަސޭހައިން ވެކްސިން ޖެހޭނެ ހެދުމެއް ލައިގެން ދިއުމަށާއި ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމަށް އެޗްޕީއޭއިންވަނީ އިލްތިމާސް ކުރައްވާފައެވެ. މީގެ އިތުރަށް ވެކްސިން ޖަހަން ދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުމާއި އެކުގައި އެކަކަށްވުރެ ގިނަ މީހުން ނުގެންދިއުމަށްވެސް އެޗްޕީއޭއިން އިލްތިމާސް ކުރައްވައެވެ. ކޯވިޑްގެ ވެކްސިން ޖަހަން ދާއިރު ބޭނުން ކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މަޢުލޫމާތު ގެންދަން ޖެހެއެވެ.

ކޯވިޑް 19 އިން ރައްކާތެރިވުމަށްޓަކައި ވެކްސިން ޖެހުމަށް ރަޖިސްޓްރީ ވުމަށް ޚާއްސަ ޕޯޓަލްއެއް ވަނީ ހަދާފައެވެ.
މި ޕޯޓަލްގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ އެހީތެރިކަން ވެކްސިނޭޝަން ސެންޓަރުތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ހުރިހާ ފަރާތްތަކުންވެސް މި ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އަދި ވެކްސިން ދިނުމަށް އިސްކަންދޭ ތަރުތީބުން އިތުރު ފަރާތްތަކަށް ވެކްސިން ޖެހުމަށް ފުރުޞަތު ހުޅުވާލަމުންގެންދާނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑްގެ ވެކްސިން 1500 އަށް ވުރެ ގިނަ މީހުން ވަނީ ޖަހާފައެވެ. ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އެގޮތުން މާލޭ ސަރަޙައްދުގެ 6 ތަނަކުން ވެކްސިން ޖަހާދެމުން އަންނައިރު މިހާރު އަތޮޅުތެރޭގައިވެސް އަންނަނީ ވެކްސިން ޖަހަމުންނެވެ.

ވެކްސިން ޖެހުމުގައި އެންމެ ފުރަތަމަ އިސްކަން ދެނީ ފްރަންޓް ލައިންގައި މަސައްކަތް ކުރާ ސިއްޙީ މީހުންނާއި ސޯޝަލް ވާކަރުންނަށެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް-19ގެ ވެކްސިންގެ ސަބަބުން ދިފާއީ ނިޒާމު ފުރިހަމައަށް ބައްޔާ ދެކޮޅަށް މަސައްކަތްކުރާނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަވުމަށް ފަހުން ކަމަށެވެ. އެހެންކަމުން ވެކްސިންގެ ފުރަތަމަ ޑޯޒަށްފަހުވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވާނެއެވެ. ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ވެކްސިނަށްފަހު ހަތަރު ހަފްތާފަހުން ކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއްވައެވެ. ދެ ވަނަ ޑޯޒް ޖެހުން ލަސްކުރި ނަމަވެސް އެންމެ ލަސްކުރެވޭނީ 12 ހަފްތާ ވަންދެންކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.