ވިޔަފާރި

ރިޔާސީ ބަޔާން: ޑޮލަރުގެ ތާށިކަން ނައްތާލުމަށް ސިޔާސަތުތަކަށް ބަދަލު ގެންނަނީ


ރައްޔިތުން ބޭނުންވާ ވަރަށް ދަތިނުވެ ޑޮލަރު ލިބޭނެގޮތް ހެދުމަށްޓަކައި، ސިޔާސަތުތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖްލިސް ފެށުމަށް ބޭއްވި ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ބޭރު ފައިސާގެ އާމްދަނީ ދަށްވެ، އިމްޕޯޓަށް ބޭނުންވާ ޑޮލަރު ހޯދުމުގައި ޢާއްމުންނަށާއި ވިޔަފާރިތަކަށް ވަރަށްބޮޑަށް ދަތިވިކަމަށެވެ. އަދި އެކަން ޙައްލުކުރުމަށް ބޭންކުތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖް ބާޒާރަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން، މިދިޔަ އަހަރު ތެރޭގައި 3 ފަހަރެއްގެ މަތިން އިތުރުކޮށްދެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ.

"ދިވެހިރާއްޖެއަށް ބޭނުންވާ ވަރަށް ޑޮލަރު ލިބުނު ނަމަވެސް ވިޔަފާރިތަކަށާ، ޢާންމުންގެ ބޭނުންތަކަށް ޑޮލަރު ލިބުމުގައި ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރި. ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ރާއްޖެއަށް ވަންނަ ބޭރު ފައިސާ، ރާއްޖޭގެ އިޤްތިޞާދުގެ ތެރޭގައި ދައުރުކުރުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ، ސަރުކާރުން ކުރަންޖެހިފައި އޮތް ކަމެއް" ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ރައްޔިތުން ބޭނުންވާ ވަރަށް ދަތިނުވެ ޑޮލަރު ލިބޭނެގޮތް ހެދުމަށްޓަކައި، ސިޔާސަތުތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ކޯވިޑް19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ އަދި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް އެމްއޭއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޚާއްސަކޮށް ބޭރު ފައިސާގެ ބާޒާރަށް ކުރިމަތިވި ޕްރެޝަރު ކުޑަކުރުމަށް އެމްއެމްއޭއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުރިން ބޭންކުތަކަށް ދޫކުރަމުން އައި ޑޮލަރުގެ އިތުރުން، ޒަރޫރީ ބޭނުންތަކަށް މުދާ އިމްޕޯޓްކުރުމަށްޓަކައި އިތުރު ޑޮލަރު، ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއިން ދަނީ ދުކުރަމުންނެވެ.