ޚަބަރު

19 ރަށެއްގެ ފެންފަށަލަ އިޔާދަކުރުމާ ގުޅޭ މަސައްކަތް ފަށައިފި


ނަވާރަ ރަށެއްގެ ބިމުގެ ފެން ފަށަލައިގެ ދިރާސާތައްކުރުމަށާއި ފެން ފަށަލަ އިޔާދަކުރުމުގެ ކޮންސެޕްޓާއި ޑިޒައިން މަސައްކަތްކުރުމަށް ޙަވާލުކޮށްފިއެވެ. މިމަޝްރޫޢަކީ ގްރީން ކްލައިމެޓް ފަންޑުން ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުއެކެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން މިމަސައްކަތް ޙަވާލުކޮށްފައިވަނީ ރިޔަން ޕްރައިވެޓް ލިމިޓެޑް އަދި އިޕޮކް އެސޯސިއޭޓްސްއާއެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ވިދާޅުވީ މިމަޝްރޫޢުގެ ދަށުން އެދެކުންފުނިން 19 ރަށެއްގެ ބިމުގެ ފެން ފަށަލައިގެ ތަފްސީލީ ދިރާސާތައް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ އިތުރުން އެރަށްރަށުގެ ފެންފަށަލަ އިޔާދަކުރުމަށް ޤާއިމުކުރަންޖެހޭ ވަސީލަތްތަކުގެ ފީސިބިލިޓީހެދުމާއި ކޮންސެޕްޓާއި ޑީޓެއިލްޑް ޑިޒައިން ވެސް މިކުންފުނިތަކުން ހަދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މިއެއްބަސްވުމުގެ ދަށުން ފެންފަށަލައިގެ ދިރާސާކޮށް ފެންފަށަލަ އިޔާދަކުރުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ އއ.މަތިވެރި، އއ.ހިމަންދޫ، އދ.ކުނބުރުދޫ، ދ.ބަނޑިދޫ، ދ.ހުޅުދެލި، މ. ނާލާފުށި، މ. ވޭވަށް، ތ.ކަނޑޫދޫ، ތ.ވަންދޫ، ތ.އޮމަދޫ، ތ.ދިޔަމިގިލި، ތ.ގާދިއްފުށި، ށ.ފޯކައިދޫ، ގއ.މާމެންދޫ، ގއ.ނިލަންދޫ، ގދ.ފަރެސްމާތޮޑާ، ގދ.ރަތަފަންދޫ، ގދ.ނަޑެއްލާ އަދި ގދ.ހޯޑެއްދޫގައެވެ. ހަތް މިލިއަން ދެލައްކަ ސޯޅަހާހަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މިމަޝްރޫޢުގެ މަސައްކަތް މިދެކުންފުންޏާ ޙަވާލުކޮށްފައިވަނީ 9 މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ގްރީން ކްލައިމެޓު ފަންޑް ޕްރޮޖެކްޓުން އަންނަނީ 2017 ވަނަ އަހަރު ފެށިގެން 5 އަހަރުގެ ނިޔަލަށް ޚާއްސަ ޕްލޭންތައް އެކުލަވާލާ ރާއްޖޭގެ އާބާދީއަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް ބޭނުންވާ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ފެންފޯރުކޮށްދިނުމާއި ފެން ފަށަލައާއި ގުޅޭ ދިރާސާކޮށް ބެލެހެއްޓުމާއި ހޫނު މޫސުމުގައި ފެނަށް ޖެހޭ ރަށްރަށަށް ފެން ފޯރުކޮށްދިނުމާއި މިދާއިރާއިން މީހުން ބިނާކުރުމާއި ޢާއްމުން ހޭލުންތެރިކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.