ޚަބަރު

މިދިޔަ މަހު 10 މީހަކަށް ބ.އަތޮޅު ހޮސްޕިޓަލްގެ ކޯވިޑް ފެސިލިޓީގައި ފަރުވާދީފައިވޭ


މިދިޔަ މަހު ބ.އަތޮޅު ހޮސްޕިޓަލުން ކޯވިޑް 19 އަށް ފައްސިވެގެން ފަރުވާދޭންޖެހުނު 10 މީހަކަށް ކޯވިޑް ފެސިލިޓީގައި ފަރުވާދީފައިވާ ކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ. އެހޮސްޕިޓަލުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ މަހަކީ ކޯވިޑް ފެސިލިޓީގައި އެންމެ ގިނަ ބަޔަކަށް ފަރުވާދިންމަހެވެ.

ބ.އަތޮޅު ހޮސްޕިޓަލުގައި ޤާއިމްކޮށްފައި ހުންނަ ކޯވިޑްއަށް ފަރުވާދޭ މަރުކަޒުގައި، ފަރުވާ ދީފައިވަނީ ބ.އަތޮޅުގައި އޮންނަ އަނަންތަރަ ކިހަވަށްވިލާސް އިން ގެންދިޔަ 10 މީހަކަށް ކަމަށާ، އެއެންމެންވެސް ފަރުވާދިނުމަށްފަހު ރިސޯޓަށް ދޫކޮށްލާފައިވާ ކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ. ފަރުވާދިން 10 މީހުންގެ ތެރޭގައި 7 ދިވެއްސަކާ 3 ބިދޭސީން ހިމެނެއެވެ.

މިދިޔަ މަހު ބ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުން ކޯވިޑް 19 އަށް ފައްސި ވެފައިވަނީ 15 މީހެކެވެ. މިއެންމެންނަކީވެސް ހޯމް ކަރަންޓީންގައި ތިބި މީހުންނެވެ. މީގެތެރެއިން 5 މީހަކު އަދި ބަލިން ރަނގަޅުނުވާ ކަމަށްވެސް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ކޯވިޑްގެ ކޭސްތައް ފެންނަ މިންވަރު އިތުރުވަމުން ދިއުމާ ގުޅިގެން އެޗްއީއޯސީންވަނީ ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން އާންމުކޮށް ޚާއްޞަ ހުއްދައިގެ ދަށުން ޟަރޫރީ ބޭނުންތަކަށް މާލެ ސަރަޙައްދުން ރަށްރަށަށް ދާ ފަރާތްތަކުންވެސް ދަތުރުކުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ހަދާފައިވާ ނެގެޓިވް ޕީ.ސީ.އާރު ޓެސްޓެއް އޮންނަން ޖެހޭ ގޮތަށްވަނީ ހަމަޖައްސަވާފައެވެ.