ކުޅިވަރު

އަހަރެން މި ހުރީ ކުލަބާއެކު ސުލްހަވާން ތައްޔާރަށް: ޓާސްޓެގަން


އޭނާ ހުރީ ބާސެލޯނާއާ މެދު ޖެހިފައިވާ މައްސަލަތަކަށް ހައްލު ހޯދައި ސުލްހަވާން ތައްޔާރަށް ކަމަށް ޖަރުމަނުގެ ކީޕަރު މާކް އަންދްރޭ ޓާސްޓެގަން ބުނެފި އެވެ.

އޭނާ މިހެން ބުނީ ބާސެލޯނާގެ ކެޕްޓަންކަން އޭނާގެ އަތުލުމާއެކު ނެރުނު ނޫސް ބަޔާނެއްގަ އެވެ. މި ބަޔާނުގައި އޭނާ ބުނެފައިވަނީ މިދިޔަ ދެ ހަފުތާގައި އޭނާއާ ބެހޭ ގޮތުން ސްޕޭނުގެ ނޫސްތަކުންނާއި ސޯޝަލް މީޑިއާތަކުން ދެއްކީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މީގެ ސަބަބުން އޭނާގެ އަގުވެއްޓޭ ފަދަ ކަންކަން ހިނގައިފި ކަމަށާއި އެކަމާ ވަރަށް ބޮޑަށް ދެރަވާ ކަމަށެވެ.

ޓާސްޓެގަން ބުނީ ހުސްވި ހަފުތާގައި އޭނާ އުނަގަނޑު އޮޕަރޭޝަން ކުރީ ކުލަބަށް އެނގިގެން ކަމަށެވެ. އަދި މި އޮޕަރޭޝަނަށް ފަހު ތިން ހަފުތާގެ ތެރޭގައި އަލުން ކުޅެން ނުކުމެވޭނެ ކަމަށް އާއްމުކޮށް ސޯޝަލް މީޑިއާގައި އިއުލާނުކުރީ މެޑިކަލް ޕްރޮފެޝަނަލުން އެގޮތަށް ލަފާ ދިނުމުން ކަމަށެވެ.

ނަމަވެސް ބާސެލޯނާއިން އޭނާއާ މެދު ހިތްހަމަ ނުޖެހުނީ މި އޮޕަރޭޝަނަށް ފަހު އަލުން ކުޅެން ނުކުމެވޭނީ ހަތަރެއް ނުވަތަ ފަސް ހަފުތާ ފަހުން ކަމަށް އޮޕަރޭޝަން ކުރި ޑޮކްޓަރު ދީފައިވާ ލިޔުމުގައި ސޮއި ކުރަން އޭނާ ދެކޮޅު ހެދުމުންނެވެ. ބާސެލޯނާ އަށް ޓާސްޓެގަން މުސާރައިގެ 80 ޕަސެންޓަށްވާ ޖާގަ އެހެން ކުޅުންތެރިއަކަށް ހާއްސަ ކުރެވެން އޮތީ އޭނާ އަނިޔާގައި ހުންނަ މުއްދަތަކީ މަދުވެގެން ހަތަރު ހަފުތާ ކަމަށް ބުނާ ލިޔުމުގައި ކުޅުންތެރިޔާ ސޮއި ކުރުމުންނެވެ.

މި ލިޔެކިއުންތަކުގައި ޓާސްޓެގަން ސޮއި ނުކުރުމުން ބާސެލޯނާއިން އެންމެ ފަހުން ނިންމީ އޭނާއާ މެދު ފިޔަވަޅު އެޅުމަށެވެ. ބާސެލޯނާ ދެކޭ ގޮތުގައި ޓާސްޓެގަން މާކުރިން އަލުން ކުޅެން ނުކުމެވޭނެ ދުވަސް އިއުލާނު ކުރީ ކުލަބަށް ޖެއްސުން ކުރުމުގެ ގޮތުންނެވެ. އެއީ އޭނާގެ ބަދަލުގައި އެއްވަނަ ކީޕަރަކަށް ކުޅުވަން ޒުވާން ކީޕަރަކު ގެނައުމާއި ޓާސްޓެގަން ތިން ވަނަ ކީޕަރަކަށް ބަދަލުކޮށް އޭނާ އެހެން ކުލަބަކަށް ދިއުމަށް އެ ކުލަބުން ބާރު އަޅަން ފެށުމުން އެކަމަށް އިޖާބަ ނުދޭން ވެގެން ކަމަށެވެ.

މި ވާހަކަތައް ދޮޮގުކޮށް ޓާސްޓެގަން ބުނީ ކުލަބަށް އަލަށް ގެނައި ކުޅުންތެރިން ގެނައީ އޭނާ އޮޕަރޭޝަން ކުރަން ނިންމުމުގެ މާކުރިން ކަމަށާއި އަދި އެ ކުޅުންތެރިންނަ ނުކުޅެވޭނެ ގޮތް ހަދަން އެއްގޮތަކަށް ވެސް އޭނާ ބޭނުންނުވާ ކަމަށެވެ. އޭނާ އަބަދުވެސް އިސްކަން ދެނީ ވާދަވެރި މާހައުލެއްގައި ވާދަކޮށްގެން ޓީމުގައި ކުޅެން ކަމަށެވެ. މިހެންވުމާއެކު މިހާރު ދިމާވެފައިވާ މައްސަކަތަކަށް ހައްލު ހޯދައި ކުލަބާ ސުލްހަވާން އޭނާ ހުރީ ތައްޔާރަށް ކަމަށެވެ.

ނަމަވެސް ސްޕޭނުގެ ގިނަ މީޑިއާތަކުން ބުނަނީ ބާސެލޯނާއިން ޑިސިޕްލިނަރީ ފިޔަވަޅު އަޅަން ފެށުމުން ޓާސްޓެގަން ނޫސްބަޔާނަކުން ސުލްހަވާން ބޭނުން ކަމަށް ބުނި ނަމަވެސް ކުލަބާއި ކުޅުންތެރިޔާއާ ދެމެދު އޮތް ގުޅުން ވަރަށް ގޯސް ކަމަށެވެ. މިހެންވެ މި ކަމުގައި ޓާސްޓެގަން އަށް ކުރި ނުލިބޭނެ ކަމަށެވެ. ކެޕްޓަން އަތުލިތާ އެއް ދުވަސް ފަހުން ބާސެލޯނާއިން ވަނީ ފާއިތުވެދިޔަ 10 އަހަރު އޭނާ ކުޅުނު އެއް ނަންބަރު ޖާޒީ ވެސް ޓާސްޓެގަން އަށް ނުދޭން ނިންމައިފަ އެވެ.

ގާތްގާތުގައި އަނިޔާގެ މައްސަލަތަކާއި ފިޓްނަސްގެ މައްސަލަ ދިމާވާތީވެ ބާސެލޯނާއިން ޓާސްޓެގަން ކުރީގެ މޮޅު ކުޅުން ދައްކާފާނެ ކަމަށް މިހާރު ގަބޫލެއް ނުކުރެ އެވެ. އުމުރުން މިހާރު 34 އަހަރުގެ ކީޕަރު އެހެން ކުލަބަކަށް ދިއުމަށް ބާސެލޯނާ ބާރު އަޅަނީ މިހެންވެ އެވެ.