އައްޑޫ ސިޓީގައި ކޯވިޑް ވެކްސިން ދޭން ފަށައިފިއެވެ. އައްޑޫ ސިޓީގައި ކޯވިޑް-19އަށް ވެކްސިން ދިނުން ކުރިއަށް ގެންދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައްޑޫ ސިޓީގެ އޭއީއެޗްގެ ޕަބްލިކް ހެލްތު މިވަގުތު ހިންގެވުމާ ޙަވާލުވެ ހުންނެވި ޢައިޝަތު ސަފާ ވިދާޅުވީ ފުރަތަމަ ޑޯޒް ދިނުމަށް އޭއީއީއެޗްއަށް 1050 ޑޯޒްގެ ވެކްސިން ލިބިފައިވާކަމަށެވެ. ސަފާ ވިދާޅުވީ އެންމެ ފުރަތަމަ ވެކްސިންދޭ ބެޗުގައި އޭއީއެޗްގައި ކޯވިޑް-19 އާދެކޮޅަށް މަސައްކަތްކުރައްވާ ފްރޮންޓްލައިން މުވައްޒަފުންގެ ތެރެއިން 30 މުވައްޒަފަކަށް ވެކްސިންދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އައްޑޫގައިވެސް ކޯވިޑް ވެކްސިން ދެމުންދަނީ އެކަމަށް އެޗްޕީއޭއިން ކަނޑައަަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ.
“އަޅުގަނޑުމެންވެސް ފުރަތަމަ ވެކްސިން މިދެނީ ފްރޮންޓްލައިން ސްޓާފުންގެ ތެރެއިން 30 މީހަކަށް. އޭގެ ތެރޭގައި މެޑިކަލް އޮފިސަރުންނާ ނަރުހުންނާއި އެޓެންޑެންޓުންނާއި އެހެނިހެންވެސް ފްރޮންޓްލައިން ސްޓާފުން އެބަ ހިމެނޭ. ދެން މިތަނުގައި އަޅުގަނޑުމެން ސެޓަޕް ހަދާފައި ހުންނާނީ ވެކްސިން ދޭތަން ވަކިން އެއީ ހަމަ އެޗްޕީއޭގެ ސްޓޭންޑަޑަށް." ސަފާ ވިދާޅުވިއެވެ.
އޭއީއެޗްއިން ވިދާޅުވީ ވެކްސިންގެ ދެވަނަޑޯޒް މީގެ 4 ހަފްތާފަހުން މިފަރާތްތަކަށް ދޭނެެކަމަށެވެ. އަދި ވެކްސިންގެ ސަބަބުން އެއްވެސް ކަހަލަ އެލަރޖިކް ރިއެކްޝަނެއް އެއްވެސް ފަރާތަކަށް ކުރިމަތިވޭތޯ ބަލަމުން ގެންދާނެކަމަށެވެ. އައްޑޫ ސިޓީގައި މަސައްކަތްކުރާ ސިއްޙީ ޚިދުމަތްތެރިންނަށްފަހު އެސިޓީގައި ތިބި ޢުމުރުން ދުވަސްވީ މީހުންނާއި ހައިރިސްކް ކެޓަގަރީގައި ހިމެނޭ ދާއިމީ ބައްޔަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ވެކްސިން ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވެއެވެ.
ރާއްޖޭގައި މިއަދު ކޯވިޑް-19އަށް ވެކްސިން ދޭން ފަށާފައިވާއިރު މިއީ މިބަލިމަޑުކަމާދެކޮޅަށް އެޅޭނެ އެންމެ ބާރުގަދަ ފިޔަވަޅު ކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. ރާއްޖޭގައި ދެމުން އަންނަނީ ސިންގަޕޫރުގެ އެސްޓްރާޒެނެކާއާއި އޮކްސްފޯޑް ޔުނިވަރސިޓީ ގުޅިގެން ތައްޔާރުކޮށް އިންޑިއާގެ ސެރަމް އިންސްޓިޓިއުޓްގައި އުފައްދާފައިވާ ވެކްސިނެކެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަމަސްދުވަހުގެ ތެރޭގައި މުޅިއާބާދީއަށް ވެކްސިން ދިނުމެވެ.