ޚަބަރު

ކުޅުދުއްފުށީގައި ކޯވިޑް ވެކްސިން ދޭން ފަށައިފި


ކުޅުދުއްފުށީގައި ކޯވިޑް ވެކްސިން ދޭން ފަށައިފިއެވެ. ކުޅުދުއްފުށީގައި ކޯވިޑް ވެކްސިން ދެނީ އުފަން ހިޔާ އިމާރާތުގައެވެ. ވެކްސިން ފެށުމުގެ ގޮތުން ފުރަތަމަ ވެކްސިން ޖަހާފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ދާއޫދަށެވެ.

މިއަދު ރާއްޖޭގެ 3 ސަރަހައްދެއްގައި "ކޮވިޝީލްޑް" ވެކްސިން ދޭން ފަށާފައިވާއިރު މާލެއާއި ކުޅުދުއްފުށީގެ އިތުރުން ދެން ވެކްސިން ދެނީ އައްޑޫ ސިޓީގައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މިއަދު 30 މީހުންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވާއިރު ވެކްސިން ދޭނީ ހެލްތު ވޯކަރުންނަށާއި ނަރުހުންނަށާއި ލެބޯޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. އަދި މާދަމާއިން ފެށިގެން ހޮސްޕިޓަލްގެ އެހެން މުއައްޒަފުންނަށް ވެކްސިން ދިނުން ކުރިއަށް ގެންދާނެކަމަށް އެހޮސްޕިޓަލުން ބުނެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް 350 ޑޯޒްގެ ވެސިން ލިބިފައިވާ ކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

ރާއްޖޭގައި މިއަދު ޖަހަން ފަށާފައިވަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ސެރަމް އިންސްޓިޓއުޓްގެ ކޮވިޝީލްޑް ވެކްސިންއެވެ. އިންޑިޔާ އިން ވަނީ މީގެ އެއްލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާ ކޮށްފައެވެ.