ޚަބަރު

ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ 3 މަޝްރޫޢެއް އެމްޓީސީސީއަށް


އއ.ބޮޑުފުޅަދުއާއި ރ.އުނގޫފާރުގެ ބިންހިއްކުމުގެ މަޝްރޫޢުގެ އިތުރުން ނެއްލައިދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ޙަވާލުކޮށްފައިވަނީ އއ.ބޮޑުފުޅަދުއާއި ރ.އުނގޫފާރުގެ ބިންހިއްކުމުގެ މަޝްރޫޢުއެވެ.

ޑިޒައިން އެންޑް ބިޑް އުސޫލުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކުރި މިމަޝްރޫޢުގެ ދަށުން އއ.ބޮޑުފުޅަދޫއިން 8 ހެކްޓަރުގެ ބިންހިއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި އެރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ގޮތުން 1052 މީޓަރުގެ ރިވެޓްމެންޓް ޖެހުމަށާއި 180 މީޓަރުގެ ބޭރުތޮއްޓެއްލުމަށާއި ވެލިގަނޑު ހިފެހެއްޓުމަށް 110 މީޓަރުގެ ހުރަސްތޮއްޓެއްލުމަށްވަނީ ހަމަޖެހިފައެވެ. 78 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ޙަވާލުކުރި މިމަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ އެއްއަހަރުގެ ތެރޭގައި ނިންމާގޮތަށެވެ.

ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ބިންހިއްކުމަށް ދެން އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ ރ.އުނގޫފާރުގެ މަޝްރޫޢޫއެވެ. 75 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް މިމަޝްރޫޢު އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 8 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިމަޝްރޫޢުގެ ދަށުން ރ.އުނގޫފާރުގައި 10 ހެކްޓަރުގެ ބިންހިއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި 1150 މީޓަރުގެ ރިވެޓްމެންޓަކާއި ވެލި ހިފެހެއްޓުމަށް 75 މީޓަރުގެ ހުރަސް ތޮއްޓެއް ލުމަށްވަނީ ހަމަޖެހިފައެވެ.

ހދ.ނެއްލައިދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢޫ އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 19 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. އެމްޓީސީސީއާ މިމަސައްކަތް ޙަވާލުކޮށްފައިވަނީ 8 މަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މީގެ ދަށުން އެރަށުގައި 870 މީޓަރުގެ ރިވެޓްމަންޓެއްޖަހާ ގޮނޑުދޮށް ޙިމާޔަތްކުރުމަށްވަނީ ނިންމާފައެވެ.

މިމަޝްރޫޢުތައް އެމްޓީސީސީއާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަމަނަންޓް ސެކެޓްރީ ޒީނިއާ އަޙްމަދު ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޝާހިދު ޙުސެއިން މޫސާއެވެ.