ޚަބަރު

މެޑިކަލް ހަދަން ދާ މީހުން އަމަލުކުރުމުގެ އުސޫލު ހަރުދަނާކޮށްފި


ވޯކްޕާމިޓް ވިސާއަށް ބޭނުންވާ މެޑިކަލް ހެދުމަށް ބ.އަތޮޅު ހޮސްޕިޓަލަށް ދާ މީހުން އަމަލުކުރުމުގެ އުސޫލު ހަރުދަނާކޮށް އަމަލުކުރަން ފަށައިފިއެވެ. މިއުސޫލު މުރާޖާކޮށް އަލުން ނެރެފައިމިވަނީ، މިދުވަސްވަރަކީ ރިސޯޓްތަކުގައި ކޯވިޑް 19 ފެތުރެމުންދާ ދުވަސްވަރަކަށްވުމުން ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައެވެ.

ބިދޭސީން ރާއްޖޭގައި މަސައްކަތް ކުރުމަށް ދޫކުރާ ވޯކްޕާމިޓް ދިނުމަށް ހަދާ މެޑިކަލް ޓެސްޓްހަދަން ދުވާލެއްގެ މައްޗަށް ރިސޯޓްތަކާ ގެސްޓްހައުސްތައް ހިންގާ ތަންތަނުން ގިނަ ބަޔަކު މީގެ ކުރިން ބ.އަތޮޅު ހޮސްޕިޓަލަށްދެއެވެ. މިހާރު މިޚިދުމަތް ފޯރުކޮށްދެނީ ދުވާލަކު 15 މީހުންނަށެވެ. ޚިދުމަތް މިދުވަސްވަރު ފޯރުކޮށްދެނީ މެންދުރުފަހު 14:00 ން ހަވީރު 17:00 އަށެވެ. އަދި މި ވަގުތުތަކުގައި ހޮސްޕިޓަލަށް އިމަރޖެންސީ ކަމެއްގައި ނޫނީ އާންމުން ޑޮކްޓަރަށް ދެއްކުމަށް ނުދިއުމަށް ހޮސްޕިޓަލުން ވަނީ އެދިފައެވެ. އެއީ ކޯވިޑް 19ގެ ބަލިމަޑު ކަމާގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބ.އަތޮޅު ހޮސްޕިޓަލުން މިކަމަށް ހަދާފައިވާ އުސޫލާ އެއްގޮތަށް މިކަންކުރިއަށްގެންދިއުމުގެ ބޭނުމުގައެވެ.

މެޑިކަލް ހައްދައިގެން ދައުލަތަށް ބޮޑު އާމްދަނީއެއް ލިބޭއިރު މިޚިދުމަތް މެދުކަނޑާނުލައި ކުރިއަށް ގެންދިއުމަށްޓަކައި އެރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކާ މަޝްވަރާ ކުރުމަށްފަހު އެކަމުގައި އަމަލުކުރަމުންދިޔަ އުސޫލަށް ބަދަލުތަކެއްގެނެސް ރިސޯޓްތަކަށާއި ގެސްޓްހައުސް ހިންގާ ތަންތަނަށް ވަނީ އެއުސޫލް ފޮނުވާފައެވެ.

އުސޫލުގައި އިސްލާހުކޮށްފައިވާ ކަންކަމަށް ބަލާއިރު، އެމީހުން ދަތުރު ކުރުމަށް އެންބިއުލާސް ހަމަޖައްސާ، ފޮޓޯ ނެގޭނެ އިންތިޒާމު ހޮސްޕިޓަލުގައި ވަނީ ހަމަޖައްސާފައެވެ. އަދި އެރަށުގައި ކޭޓަރިންގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މައުލޫމާތުތަކާ، ކެއުމުގެ އެންމެހާކަންކަން ހޮސްޕިޓަލުގެ ގޯތިތެރޭގައި ކުރާގޮތަށް ވަނީ ނިންމާފައެވެ. އަދި މިޚިދުމަތްތައް ފޯރުކޮށްދޭއިރުވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ބ.އަތޮޅު ހޮސްޕިޓަލުން ލަފާދެއެވެ.

ޑޮކްޓަރަށް ދެއްކުމަށާއި މެޑިކަލް ހެއްދުމަށްދާ މީހުން އަމަލުކުރުމަށް ހަދާފައިވާ އުސޫލުގައި ވާގޮތުން މެޑިކަލް ހެއްދުމަށް ބިދޭސީން ދާއިރު، އެމީހުންނާއެކު ބަލަދުވެރިފަރާތެއް ފޮނުވަންވާނެއެވެ. އެހެންނަމަވެސް ބައެއް ރިޒޯޓުތަކުން މިގޮތަށް ބަލަދުވެރިފަރާތެއް ނުފޮނުވުމުން، ބިދޭސީން ރަށުތެރޭގައި އުޅޭކަމުގެ ޝަކުވާ ކައުންސިލަށާއި ހޮސްޕިޓަލަށް ލިބެމުންދާކަމަށް އެ ދެމުއައްސަސާއިން ބުނެއެވެ. އަދި މެޑިކަލް ގައި ޖަހާ ފޮޓޯ ނެގުމަށް ބިދޭސީން ރަށުތެރެއަށް އެރުމާ، އާންމުން ދަތުރުފަތުރުކުރާ އުޅަނދުފަހަރުގައި މިމީހުން އުފުލަމުންދާތީ އެކަމުގެ ކަންބޮޑުވުންވެސް ރައްޔިތުންދަނީ ފާޅުކުރަމުންނެވެ.

އޭދަފުއްޓަކީ އަސާސީ ގިނަ ޚިދުމަތްތަކެއް އެރަށަކުން ފޯރުކޮށްދޭ ރަށަކަށްވުމުން ބޭންކްގެ ޚިދުމަތާއި ޕޯސްޓްގެ ޚިދުމަތާއި ސިއްޙީ ޚިދުމަތް ހޯދުމަށް ދާ ފަރާތްތަކުން އަމަލުކުރަންޖެހެނީ އެރަށު އެކައުންސިލުން އަންގާ ގޮތްތަކަކަށެވެ. މިގޮތަށް އަމަލު ނުކުރާފަރާތްތަކާ މެދު ފިޔަވަޅުއަޅާނެކަމަށް ކައުންސިލުން ވިދާޅުވެއެވެ. އެއީ އާންމުގެ ރައްކާތެރިކަމަށްޓަކައެވެ.

އެހެންކަމުން އެކިއެކި ޚިދުިމަތްތައް ހޯދުމަށްދާ ފަރާތްތަކުންވެސް ފަރުދީ ޒިންމާ އިސްކޮށް އުސޫލާ ޚިލާފް ނުވުމަށް ބ.އަތޮޅު ހޮސްޕިޓަލާ އެރަށު ކައުންސިލުން އިލްތިމާސްކުރެއެވެ.