ކޯވިޑް-19

ކޮޅުފުށީގައި ނާޒުކު ޙާލަތުގައި ތިބި ފަރާތްތަކަށް ޖެންޑަރ މިނިސްޓްރީން ކެއަރ ޕެކޭޖް ފޮނުވަނީ


މުލަކު އަތޮޅު ކޮޅުފުށި މޮނިޓަރިންގގެ ހާލަތަށް ގެނައުމާއި ގުޅިގެން އެރަށުގައި ނާޒުކު ޙާލަތް ތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް އެ ފަރާތްތަކަށް ގުޅައި ހާލުބަލައި ކެއަރ ޕެކޭޖު ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ވިދާޅުވެއްޖެއެވެ.

ޕީ.އެސް،އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޖެންޑަރ މިނިސްޓްރީގެ ޑިރެކްޓަރ ކޮމިއުނިކޭޝަންސް އިބްރާހީމް މުޙައްމަދު ވިދާޅުވީ، މ. ކޮޅުފުށި މޮނިޓަރިންގއަށް ލާފައިވުމުން، އެ ރަށުގައި ދާންމަތިވެފައިވާ ފަރާތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރި ފަރާތްތަކާ ގުޅައި، ބޭނުންވާ އެހީތެރިކަން ދެނެގަތުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާކަމަށެވެ. އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެހީތެރިކަމާއެކު އެ ފަރާތްތަކަށް ކެއަރ ޕެކޭޖް ފޮނުވުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.

މި މަސައްކަތުގެ ދަށުން، ކޮޅުފުށީގައި ދިރިއުޅެމުންދާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، ދާންމަތިވެފައިވާ ފަރާތްތަކަށް 21 ކެއަރ ޕެކޭޖް ފޮނުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. މި ކެއަރ ޕެކޭޖްތަކުގައި ސެނިޓައިޒަރއާއި، ކުޑަކުދިންގެ ނެޕީއާއި، ފޭސް މާސްކާއި، އަންގި އަދި ޑެޓޯލް ހިމެނޭނެކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.


ކޮޅުފުއްޓަށް ކެއަރ ޕެކޭޖް ފޮނުވުމުގެ މަސައްކަތް ޖެންޑަރ މިނިސްޓްރީން ކުރަމުންދާއިރު، އެ މިނިސްޓްރީން މީގެ ކުރިންވެސް ވަނީ ކޯވިޑް-19ގެ އެކްޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން މޮނިޓަރިންގެ ޙާލަތަށް ލާފައިވާ ރަށްރަށަށް މިފަދަ ކެއަރ ޕެކޭޖް ފޮނުވާފައެވެ.

މ. ކޮޅުފުށި މޮނިޓަރިންގްއަށް ގެނެސްފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އެއީ އެރަށުން މާލެއައި މީހަކު ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ރަށުގައި ބަލި ފެތުރިފައިވާ މިންވަރު ބެލުމަށް ނެގި 100 އަށްވުރެ ގިނަ ސާމްޕަލްއިން، އިތުރު ބަޔަކުވެސް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިއާއެކު އެރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައްވަނީ ވަރުގަދަކޮށްފައެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުންވަނީ ޖެނުއަރީ 5 ވަނަ ދުވަހުގެ ފަހުން މ. ކޮޅުފުށިން އަތޮޅުގެ އެހެން ރަށްތަކަށް ދަތުރުކޮށްފައިވާ މީހުން ވީ އެންމެ އަވަހަކަށް އެކަން އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތް ސެންޓަރާ ޙިއްސާކުރުމަށް ވެސް އަންގާފައެވެ. އަދި ކޮޅުފުށިން މާލެއަށް ދަތުރުކޮށްފައިވާ މީހުން އެޗް.ޕީ.އޭގެ ހޮޓްލައިން 1676 އަށް އެންގުމަށްވެސްވަނީ އިލްތިމާސްކޮށްފައެވެ.