ކޯވިޑް-19

ކޯވިޑް-19 : ވެކްސިންގެ ސަބަބުން ދިމާވެދާނެ އެލަރޖިކް ރިއެކްޝަންތަކަށް ފަރުވާދެވޭނެ އިންތިޒާމް ހަމަޖެހޭނެ


ރާއްޖޭގައި ކޯވިޑް-19އިން ދިފާއުވުމަށް ވެކްސިން ދިނުމަށް ޤާއިމުކުރާ ހުރިހާ މަރުކަޒެއްގައިވެސް ވެކްސިންގެ ސަބަބުން ދިމާވެދާނެ ނޭދެވޭ އަސަރަކަށް ފަރުވާދެވޭނެ އިންތިޒާމް ޤާއިމުކުރާނެކަމަށް ޤައުމީ ވެކްސިން ޕްރޮގްރާމުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށްދޭ ވެކްސިން ޖެހުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ރާއްޖޭގައިވަމުންދާއިރު، އެކަމަށް ބޭނުންވާ ޞިއްޙީ ޙިދުމަތްތެރިން ތަމްރީންކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

ރާއްޖޭގައި ވެކްސިން ދިނުމަށް އިސްކަންދޭ ތަރުތީބު 3 ބަޔަކަށް ވަނީ ބަހާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޞިއްޙީ ޚިދުމަތުގައި އަދި އިޖްތިމާޢީ ޚިދުމަތުގައި އިސް ސަފުގައި މަސައްކަތްކުރާ މީހުންނާއި، އުމުރުން 50 އަހަރުން މަތީގެ މީހުންނާއި އުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން މި ބައްޔަށް ހުށަހެޅިއްޖެނަމަ އެކަމުގެ ނުރައްކާ އެންމެ ބޮޑުވާނެ މީހުންނާއި، އަސާސީ ޚިދުމަތް ފޯރުކޮށްދިނުމުގައި އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނާއި، ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނެވެ. މި ތަރުތީބު ކަނޑައަޅާފައިވަނީ ބައިނަލްއަޤްވާމީ އޮނިގަނޑުތަކާ އެއްގޮތަށެވެ.

ވެކްސިން ޖަހަން ފެށުމަށްޓަކައި ރާއްޖޭގައި ވަމުންދާ ތައްޔާރީތަކަށް ބަލާއިރު ވެކްސިން ރައްކާކުރުމުގައި ޢަމަލުކުރަންވީ މިންގަނޑުތަކަށް ބަލައި، ކޯލްޑްޗެއިން ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ވެކްސިންދޭނެ ގޮތާއި، ވެކްސިންގެ ސަބަބުން ހަށިގަނޑަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ޞިއްޙީ ޙިދުމަތްތެރިންނަށް އުނގަންނައިދީ، ތަމްރީންކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި އިމިއުނައިޒޭޝަން ޕްރޮގްރާމްގެ މެނޭޖަރ ނާޝިޔާ ޢަބްދުލްޤަފޫރު ވިދާޅުވީ، ރާއްޖޭގައި ވެކްސިން ދިނުމުގައި ހަރަކާތްތެރިވާ ވެކްސިނޭޓަރުންނަކީ ޢާއްމުކޮށްވެސް ވެކްސިންތަކާ ގުޅިގެން ކޮށްފާނެ ނޭދެވޭ އަސަރުތަކަށް އެޓެންޑްވުމަށް ބޭނުންވާ ތަމްރީން ލިބިފައިވާބައެއްކަމަށެވެ. ނަމަވެސް ކޯވިޑް-19އަކީ އައު ބައްޔަކަށްވެފައި، ވެކްސިނަކީވެސް އައު ވެކްސިނެއްކަމުން، އެލަރޖިކް ރިއެކްޝަންސްތަކަށް ޚާއްސަ ސަމާލުކަމެއްދޭނެކަމަށް ނާޝިޔާ ވިދާޅުވިއެވެ. އެގޮތުން ކޮންމެ ވެކްސިން ސެންޓަރެއްގައިވެސް ވެކްސިން ޖެހުމަށްފަހު، އިތުރު އުނދަގޫތަކެއް އެމީހަކަށްވޭތޯ ދެނެގަތުމަށްޓަކާ ވެއިޓިންގ އޭރިއާއެއް ޤާއިމުކޮށް، ޞިއްޙީ ކުއްލި ފަރުވާ ދެވޭނެ އިންތިޒާމް ޤާއިމުކުރާނެކަމަށް ނާޝިޔާ ވިދާޅުވިއެވެ.

"އެލަރޖިކް ރިއެކްޝަންތައް މޮނިޓަރކޮށް ދެނެގަތުމަށްޓަކާ ޚާއްސަ ވެއިޓިންގ އޭރިއާއެއް ކޮންމެ ވެކްސިން ސެންޓަރެއްގައިވެސް ހުންނާނެ. ވެކްސިންޖެހުމަށްފަހު ކޮންމެ ބޭފުޅެއްވެސް 15 ވަރަކަށް މިނެޓް އެތަނުގައި ބައިންދާނަން. އެއްވެސް އިތުރު އުނދަގުލެއްވާނަމަ ވަގުތުން އެކަމަކަށް އަޅުގަނޑުމެންގެ ޞިއްޙީ އެހީތެރިން އެޓެންޑްވާނެ. އަދި ޞިއްޙީ މަރުކަޒަކަށް ނުވަތަ ހޮސްޕިޓަލަކަށް ޓްރާންސްފަރކުރަން ޖެހުނަސް އެ އިންތިޒާމް ހަމަޖެހިގެންދާނެ" ނާޝިޔާ ވިދާޅުވިއެވެ.

ނާޝިޔާ ވިދާޅުވީ، ވެކްސިން ޖެހުމުގެ މަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ ރާއްޖެއަކީ ރަށްތަކަކަށް ބެހިފައިވާ ޤައުމެއްކަމުން، ހުރިހާ ރަށްރަކަށް ވެކްސިން ފޮނުވުންކަމަށެވެ. އެހެންނަމަވެސް މީހުން އުޅޭ ހުރިހާ ރަށަކަށާއި، ރިސޯޓުތަކާއި ސިނާޢީ ރަށްތަކަށް ވެކްސިން ފޯރުކޮށްދެވޭނެ އިންތިޒާމް ކަމާބެހޭ ފަރާތްތައް ގުޅިގެން ހަމަޖައްސަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިން ޖެހުން މަޖުބޫރު ނުކުރާނެކަމަށް އެޗް.ޕީ.އޭއިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ވެކްސިން ޖެހުމުގެ ސަބަބުން ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އިތުރު އެހީއަކަށްވާނެކަމަށާއި، ގިނަ ބަޔަކު މި ވެކްސިން ޖަހައިފިނަމަ އާއްމު ޙާލަތަށް ރުޖޫއަވުން އަވަސްވާނެކަން އެ އެޖެންސީން ވަނީ ފާހަގަކުރައްވާފައެވެ. އަދި ވަކި ފަރުދަކަށް ބަލައިފިނަމަވެސް، މި ވެކްސިން ޖެހުމުން އޭނާ މި ބަލިން ރައްކާތެރިވުމުގެ އިތުރުން މި ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރެއިން މީހަކަށް އޭނާގެ ފަރާތުން ބަލި ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭނެކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ.