ކޯވިޑް-19

ކޯވިޑް-19 : މާލޭ ސަރަޙައްދުގައި އަނެއްކާވެސް ކާފިޢު އިޢުލާންކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފި


މާލޭ ސަރަޙައްދުގައި ކާފިޢު އިޢުލާންކޮށް، ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އަނެއްކާވެސް ވަރުގަދަކޮށްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ނެރެފައިވާ އެންގުމުގައިވަނީ ކޯވިޑް-19އިން ރައްކާތެރިވުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، މިއަދުން ފެށިގެން މާލެއާއި ހުޅުމާލެއާއި، ވިލިމާލޭގައި ޕާޓީތަކާ، ޙަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާކޮށްފައިވާކަމަށެވެ. އަދި މިމަހުގެ 27 ވަނަ ދުވަހުގެ ރޭ ދަންވަރު 12 އިން ފެށިގެން ފަތިހު 4 އަކަށް މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާއްމު ތަންތަނަށް މީހުން ނުކުތުންވެސް އެޗް.ޕީ.އޭއިން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން މާލެ، ހުޅުމާލެ، އަދި ވިލިމާލޭއިން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީންވާން ޖެހޭނެކަމަށާއި، މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް 10 ދުވަހުގެ މުއްދަތަކަށް ކަރަންޓީންވާންޖެހޭނެކަމަށްވެސް އެޗް.ޕީ.އޭއިން ވަނީ ހާމަކުރައްވާފައެވެ.

ގްރޭޓަރ މާލޭ ސަރަހައްދުގައި އަލުން ކާފިޢު އިޢުލާންކޮށްފައިވާއިރު، މީގެ ތެރޭގައި އިސްތިސްނާވާ ފަރާތްތަކެއް ހިމެނެއެވެ. އެގޮތުން ސިފައިންނާއި، ފުލުހުންނާއި، ޞިއްޙީ ޙިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު ހިމެނެއެވެ. އަދި އެމްބިއުލާންސާއި، ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތަކާއި، ފަތިސް ނަމާދަށް މިސްކިތަށްދާ ފަރާތްތަކާއި، ބޭރަށް ނުކުތުން މަނާކޮށްފައިވާ ވަގުތަކުގައި އެމެޖެންސީކޮށް ޞިއްޙީ ޙިދުމަތް ހޯދަންޖެހޭ ފަރާތްތައް މިކަމުން އިސްތިސްނާވާނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ.

ކޯވިޑް-19ގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، އެޗް.ޕީ.އޭއިން ނެރުނު އެންގުމުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ޚާއްސަ ހާލަތްތަކުގައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ ގޮތެއްގެ މަތިން ޢަމަލުކުރެވޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި މި ފިޔަވަޅުތައް ތަންފީޒުކުރުމުގައި ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުންކަމަށް އެ އެޖެންސީން ވިދާޅުވިއެވެ. މި ފިޔަވަޅުތައް ތަންފީޒުކޮށް ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެންމެހާ އިދާރާތަކށާއި ފަރާތްތަކަށް އެޗް.ޕީ.އޭއިން ވަނީ އަންގަވާފައެވެ.

ރާއްޖޭގައި ކޯވިޑް-19އާއި ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައި މިވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ފަހަކަށް އައިސް ވަރަށް ބޮޑުތަން އިތުރުވާން ފެށުމާގުޅިގެންނެވެ. ރާއްޖޭގައި މި ބައްޔަ ޕޮޒިޓިވްވާ މީހުންގެ ރޭޓު ދުވާލެއްގެ މައްޗަށް 50 އިން މަތީގައި ހަފްތާއެއް ވަންދެން އޮތުމަށްފަހު މިހާރު މިވަނީ އެ ޢަދަދު 100 އިން މައްޗަށް އަރާފައެވެ. އެޗް.ޕީ.އޭގެ އެންމެފަހުގެ ތަފާސް ހިސާބުތައްދައްކާގޮތުން ފާއިތުވި 24 ގަޑިއިރު، ރާއްޖޭގައި ރިކޯޑް އަދަދަކަށް މިވަނީ ކޯވިޑް-19ގެ ކޭސްތައް ފެނިފައެވެ. އެގޮތުން 145 މީހުންނަށް މި ބަލި ޖެހިގެން ރިކޯޑްކޮށްފައިވާއިރު، ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު ވަނީ 15،000 އިން މައްޗަށް އަރާފައެވެ.