ތަރައްްޤީ

ބައިނަލްއަޤްވާމީ ޕޯޓަކާއެކު ފެލިވަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އަންނަމަހު ފަށާނެ - މިފްކޯ


ޅ.ފެލިވަރު ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަމަހު ފަށާނެކަމަށް މިފްކޯއިން ވިދާޅުވެއްޖެއެވެ.

ފެލިވަރު ތަރައްޤީކޮށް ނިމޭއިރު، އެތަނުގައި ބައިނަލްއަޤްވާމީ ޕޯޓެއްވެސް ތަރައްޤީކުރާނެކަން އެކުންފުނިން ހާމަކުރައްވައެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ލިމިޓެޑް (މިފްކޯ)ގެ މައިގަނޑު އޮޕަރޭޝަންތައް ހިނގާ ތަނަކީ ޅ.ފެލިވަރެވެ. މިއީ ރާއްޖޭގެ ނިސްބަތުންވެސް މަސް ޕްރޮސެސްކުރާ އެންމެ ދުވަސްވީ، އަދި އެންމެ ބޮޑު ކާރުޚާނާ ހުރި ރަށެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް ފެލިވަރު އިތުރަށް ތަރައްޤީކުރުމަށް މާ ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިނެތެވެ. އޭގެ ސަބަބުން މިފްކޯއަށް ވަނީ އެތައްގޮތަކުން އޭގެ ނޭދެވޭ އަސަރު ކުރިމަތިވެފައެވެ. ރާއްޖޭގެ މަސްވެރިކަން ފުޅާވެ، މިސިނާޢަތުގައި ހަރަކާތްތެރިވާ އޮނޑިދޯނިފަހަރުތައް އިތުރުވެގެން ދިޔައިރުވެސް، ފެލިވަރުގެ ކެޕޭސިޓީ މާބޮޑުތަން އިތުރުވެފައިނެތުމަކީ މަސްވެރިންގެ އެންމެ މޮޑު ކަންބޮޑުވުމެވެ.

ފެލިވަރު ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި އެކުންފުނީގެ ސީ.އީ.އޯ އިސްމާޢީލް ފައުޒީ ވިދާޅުވީ، ފެލިވަރު ތަރައްޤީވެގެންދާއިރު، އެތަނުގެ ކެޕޭސިޓީ އެތައްގުނައެއް އިތުރުކޮށް މަސައްކަތަށް ބޭނުންވާ އެންމެފަހުގެ ޒަމާނީ ވަސީލަތްތައް އެތަނުގައި ޤާއިމުވެގެންދާނެކަމަށެވެ. އަދި މިމަޝްރޫޢަކީ ސަޢުދީ ފަންޑާއި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"ފެލިވަރު ތަރައްޤީވެ ނިމޭއިރު، އުތުރަށް ދިމާވެފައިވާ މަސް ކިރުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ. މި އުއްމީދުކުރަނީ މި ފެށޭ ފެބްރުއަރީ މަހުގެ މެދުތެރޭގައި ޢަމަލީ މަސައްކަތް ފެށޭނެކަމަށް. އެތަން ތަރައްޤީވެ ނިމޭއިރު 4000 ޓަނުގެ ބޯޓުފަހަރު ކައިރިކުރެވޭ ވަރުގެ މަގަތު ފާލަމަކާއި އަދި ކޯލްޑް ސްޓޯރޭޖެއްވެސް އެތާ ކައިރީ ހެދި، ފަސޭހައިން ލޯޑިންގ އަންލޯޑިންގ ކުރެވޭގޮތަށް އެތަން ތަރައްޤީކުރެވިގެންދާނެ. އަދި ދުވާލަކަށް 100 ޓަނު ޕްރޮސެސް ކުރެވޭނެ ކޭނަރީއެއްވެސް އަލަށް ޤާއިމުކުރެވޭނެ" ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ، ދެކުނުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައި ގއ.ކުއްޑޫގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ. މީގެ އިތުރުން ގދ.ތިނަދުއާއި، މ.މުލަކުގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 100 ޓަނުގެ މަސް ގަނެވޭނެ ފެސިލިޓީއެއް ޤާއިމުކުރުމަކީވެސް މިފްކޯގެ އަމާޒެއްކަމަށް ފައުޒީ ވިދާޅުވިއެވެ.

"ދެކުނުގައި ކޫއްޑޫގެ މިހާރު މި އިންނަނީ 2000 ޓަނުގެ ކެޕޭސިޓީ. އެކަމު އެތަންވެސް 6000 ޓަނަށް ގެނެވޭނެ. ކުއްޑޫގައިވެސް މިހާރު އޮތް ބަނދަރަށް މަސްކިރުމުގެ ދަތިތަކެއް ދިމާވޭ. އެއީ މިހާރު ބޭނުންކުރާ ފިފްތު ޖަނަރޭޝަންގެ ދޯނިފަހަރަށް ވަދެ ނުކުންނަން ދަތިތަކެއް ދިމާވޭ. އަދި މަސް ކިރުމުގައިވެސް ދަތިތަކެއް ދިމާވޭ. އެހެންވީމަ އެތަން ތަރައްޤީވެ ނިމޭއިރު އެއް ފަހަރާ 6 ދޯންޏަށް މަސްކިރޭނެ އިންތިޒާމް ހަމަޖެހޭނެ. އަދި އަޅުގަނޑުމެންގެ ކަލެކްޓިންގ ބޯޓުފަހަރަށްވެސް ވަކި ސަރަޙައްދެއް ކަނޑައެޅިގެން މަސްކިރުމަށް ދަތިނުވާނެގޮތަށް އެތަން ތަރައްޤީކުރެވޭނެ" ފައުޒީ ވިދާޅުވިއެވެ.

ފެލިވަރު ތަރައްޤީކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން އެރަށުގައި މަސްވެރިކަމުގެ އިތުރު ފެސިލިޓީތަށް ޤާއިމުކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ބޮޑުކޮށް، ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީ)އާ މިހާރު ވަނީ ޙަވާލުކޮށްފައެވެ. މި މަސައްކަތް ޙަވާލުކޮށްފައިވާނީ އެއް އަހަރުދުވަހުގެތެރޭގައި ނިންމާގޮތަށެވެ.

ކޯވިޑް-19ގެ ސަބަބުން 2020ވަނަ އަހަރު، މިފްކޯގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުނުނަމަވެސް، މިފެށުނު 2021ވަނަ އަހަރަކީ މިފްކޯގެ ހަޔާތުގައިވެސް ހިންގޭ އެންމެ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތައް ހިންގާނެ އަހަރުކަމަށް މިފްކޯއިން ވިދާޅުވެއެވެ.