ޚަބަރު

ކޯވިޑް-19: ފުވައްމުލަކުން އިތުރު މީހަކު ޕޮޒިޓިވްވެއްޖެ


ފުވައްމުލަކު ސިޓީއިން މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފުވައްމުލަކު ސިޓީ ކައުންސިލުން ވިދާޅުވީ އެސިޓީއިން ޕޮޒިޓިވްވެފައިވަނީ ކަރަންޓީންގައި ހުރި މީހެއްކަމަށެވެ. އެމީހާއަކީ ރާއްޖެއިން ބޭރުން އައިސް ކަރަންޓީންގައި ހުރި މީހެއްކަމަށާއި އޭނާ ޓެސްޓުކޮށްފައިވަނީ ކަރަންޓީންގައި ހުއްޓާ ބަލީގެ ޢަލާމާތްތައް ފެނިގެންކަމަށް ވެސް ފުވައްމުލަކު ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މިމީހާއާއެކު ދަތުރުކުރި އިތުރު މީހަކުވެސް ކަރަންޓީންގައި ހުރިއިރު އެމީހާގެ ކިބައިން ބަލީގެ އެއްވެސް ޢަލާމާތެއް ނުފެންނަކަމަށް ސިޓީކައުންސިލުން ވިދާޅުވެއެވެ. އެހެންނަމަވެސް އެމީހާވެސް މިހާރު ޓެސްޓުކުރުމުގެ މަސައްކަތް ފުވައްމުލަކުގެ ކޯވިޑް ޓާސްކްފޯސްއިން ކުރައްވަމުންގެންދަވާކަމަށް ސިޓީކައުންސިލުން ވިދާޅުވެއެވެ.

މިއީ ފުވައްމުލަކުގައި ކަރަންޓީންގައި ހުއްޓާ ޕޮޒިޓިވްވި 3 ވަނަ މީހާއެވެ. ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ދެމުންދާ ލުއިތަކާއެކު ރަށު ކަރަންޓީން ފުރިހަމަ ކުރާ ގޮތަށް ދަތުރުކުރެވޭ ގޮތްވަނީ މިހާރު ހަމަޖައްސާފައެވެ. މިގޮތަށް ރަށު ކަރަންޓީނަށް ދާ މީހުންގެ ތެރެއިން ނިސްބަތުން ގިނަބަޔަކު ޕޮޒިޓިވްވަމުން އަންނަކަން ފާހަގަކުރެވެއެވެ. އެހެންކަމުން ކަރަންޓީންގައި ހުންނަ މުއްދަތުގައި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރައްވަމުންނެވެ.