ޚަބަރު

އޭދަފުށިން 2 މީހަކު ކޯވިޑަށް ޕޮޒިޓިިވްވެއްޖެ


ބ.އޭދަފުށީގައި ހޯމް ކަރަންޓީންގައި ހުރި ދެމީހަކު ކޯވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މާލެއިން ހޯމް ކަރަންޓީނަށް އެރަށަށް ދިޔަ ދެމީހުން ޕޮޒިޓިވްވިކަން އެނގުނީ 10 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކުރުމުން ހަދާ ޓެސްޓުންނެވެ.

މި ދެމީހުންވެސް ކަރަންޓީންގައި ތިބީ އެއްގެއެއްގައެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވީ އުމުރުން 50 އަހަރުގެ އަންހެނަކާ، 35 މަތީގެ ފިރިހެނެކެވެ.

އޭދަފުށީގައި ހޯމް ކަރަންޓީނުގައި ތިބި ދެމީހަކު މިދިޔަ ހަފްތާ ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. މިހާތަނަށް އޭދަފުށިން ކޮވިޑް 19 އަށް 21 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 17 މީހަކުވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު އެރަށުގައި 4 މީހަކު ކޯވިޑް 19 އަށް ޕޮޒިޓިވްވެ ކަރަންޓީންގައި އެބަތިއްބެވެ. މިހުރިހާ އެންމެންގެ ހާލު ރަނގަޅުކަމަށާ އަދި އެމީހުންގެ ކިބައިން އިތުރު އަލާމާތެއް ނުފެންނަކަމަށް ބ.އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މިހާތަނަށް އެރަށަށް ހޯމް ކަރަންޓީނަށް 800 ވުރެ ގިނަމީހުން ގޮސްފައިވާކަމަށް އޭދަފުށީ ކައުންސިލުން މައުލޫމާތުދެއެވެ.