ފަހު މުޙުލަތެއްދީ މާރުކޭޓް އަޅާ ސަރަޙައްދު މާދަމާގެ ނިޔަލަށް ހުސްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މާލޭގައި ހިންގަމުންދާ މައި ހުރިހާ މާރުކޭޓްތައް އެއް އިމާރާތަކަށް ގެނައުމަށް، މާލެ މާރުކޭޓް ކޮމްޕްލެކްސް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރީ، މިއަހަރުގެ މާރިޗު މަހު ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި އިމާރާތް އަޅަނީ މިހާރު ލޯކަލް މާރުކޭޓު ހުރި ބިމުގައެވެ.
މަސައްކަތް ހަވާލުކޮށް 5 މަސް ވެގެންދިޔައިރު، ޢަމަލީ މަސައްކަތް ނުފެށިވަނީ އެކަމަށް ބޭނުންވާ ބިން މާލެ ސިޓީ ކައުންސިލުން ހަވާލުނުކޮށްގެންކަމަށް ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކުން ހާމަކުރެއެވެ.
މާރުކޭޓް ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށްގެންދަނީ މަސްވެރިކަމާ ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ. އެ ވުޒާރާއިން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ބިން ނުލިބި، ކޮންޓްރެކްޓަރަށް ދީފައިވާ މުޙުލަތުގައި މަސައްކަތް ފެށުމަށް ދަތިވެފަވާތީ ކޮންޓްރެކްޓަރުގެ ޝަކުވާ ލިބެމުންދާކަމަށެވެ. ނަމަވެސް މިހާތަނަށް އެކަން ނުފެށި ވަނީ، ކައުންސިލުން ބިން ހުސްކޮށްނުދީގެންނެވެ.
ނަމަވެސް މިހާރު، މާލެ ތައިސޭ ކޮށި ބިއްދޮށުން އޮތް ބިމުގައި، ވަގުތީ މާރުކޭޓެއްގެ ގޮތުގައި ލޯކަލް މާރުކޭޓް ހަދާ، އެތަނުން ވަނީ ގޮޅި ދީފައެވެ.
ލޯކަލް މާރުކޭޓްގައި 124 ގޮޅި ހިމެނެއެވެ. ނަމަވެސް ލިބުނު ސަރަޙައްދުން ނެގިފައިވަނީ 96 ގޮޅިކަމަށާއި، ބާކީ ހިމެނޭ 28 ފަރާތަށް ގޮޅި ހަމަޖެއްސުމުގައި ގޮތެއް ހޯދަމުންދާކަމަށް ވިދާޅުވިއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން މިހާރު މުޙުލަތު ދީފަވަނީ މާދަމާގެ ނިޔަލަށް އެ ބިން ހުސްކޮށް ހަވާލުކުރުމަށެވެ.
މާލޭގެ ބާޒާރުމަތީ ސަރަޙައްދުގައި އިމާރާތްކުރާ މާރުކޭޓް ކޮމްޕްލެކްސް ތަރައްޤީކުރަނީ 6 ފަންގިފިލާއަށެވެ. މިއީ 126.4 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. މި އިމާރާތް އަޅަނީ 15،525 އަކަފޫޓުގެ ޖާގައިގައެވެ. ހުރިހާ ފަންގިފިލާތައް ހިމެނޭހެން އިމާރާތުގެ ޖާގަ 95،000 އަކަފޫޓަށްވުރެ ބޮޑެވެ.
އައު އިމާރާތާއެކު މަސްމާރުކޭޓް، ދަތުރުވެރިންގެ މާރުކޭޓް އަދި ލޯކަލް މާރުކޭޓް ދެން ހިންގާނީ އެ އިމާރާތުގައެވެ. މުޅި ޖުމުލަ 455 ގޮޅި މި މާރުކޭޓު ކޮމްޕްލެކްސްގައި ޤާއިމުކޮށް ދޫކުރާނެއެވެ.
އިމާރާތުގެ އެންމެ ތިރި، (ބޭސްމަންޓް) ތަރައްޤީކުރަނީ 400 ސައިކަލަށް ޕާކު ކުރެވޭ ޖާގައާއެކުއެވެ. އެންމެ މަތީ ފަންގިފިލާ ތަރައްޤީކުރަނީ ކެފޭ/ރެސްޓޯރަންޓްގެ ކޮންސެޕްޓަށް ފުޑް ކޯޓެއްގެ ގޮތުގައެވެ.
ސަރުކާރުގެ އަމާޒަކީ މި މަސައްކަތް 1 އަހަރާ 8 މަސް ތެރޭގައި ނިންމުމެވެ.
މާލޭގެ ބާޒާރުމަތި ތަރުތީބުކޮށް، އެ ސަރަޙައްދަކީ ބޭނުންކުރަން ދާ ފަރާތްތަކަށް އަދި ޚިދުމަތް ދޭ މީހުންނަށްވެސް ފަސޭހަ ސަރަޙައްދަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެވެ. މީގެދަށުން އެ ސަރަޙައްދުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް އަދި ބަނދަރަށްވެސް ވަނީ ބޮޑެތި ބަދަލުތައް ގެނެސްފައެވެ.