ޚަބަރު

މަހުޖަނުންގެ ފައިދާ 3.9 ޓްރިލިއަނަށް، ފަގީރުންގެ އަދަދު 500 މިލިއަނަށް


ކޯވިޑްގެ ސަބަބުން މުއްސަނދިންނާއި ފަޤީރުންގެ މެދުގައި އޮންނަ ފަރަގު އިތުރުވެފައިވާކަމަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާޢަތެއްކަމަށްވާ އޮކްސްފެމުން ބުނެފިއެވެ.

އޮކްސްފެމް އިންޓަނޭޝަނަލުން ޝާޢިއުކޮށްފައިވާ ރިޕޯޓެއްގައި ބުނީ ކޯވިޑްގެ ސަބަބުން ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް ދުނިޔޭގެ އެންމެ ފަޤީރު މީހުންނަށް ދިހަ އަހަރަށްވުރެ ގިނަ ދުވަސް ނަގާނެކަމަށެވެ. އެ ރިޕޯޓުގައިވަނީ ޤައުމުތަކުގެ ސަރުކާރުތަކުން އަވަސް ފިޔަވަޅުތަކެއް އަޅާ، މުއްސަނދިންނާއި ފަޤީރުންނާއި ދެމެދު އޮތް ފަރަގު ކުޑަކުރުމަށް މަސައްކަތްތައް ކުރަންޖެހޭކަމަށް ފާހަގަކޮށްފައެވެ.

100 އަހަރުގެ ތެރޭގައި ހީނަރުވެފައި ނުވާ މިންވަރަށް މުޅި ދުނިޔޭގެ އިޤްތިޞާދު ހީނަރުވެފައިވާ މި ދަނޑިވަޅުގައިވެސް ދުނިޔޭގެ އެންމެ މުއްސަނދި 1،000 ބިލިއަނަރުންނަށް ބަލިމަޑުކަމުގެ ޙާލަތުގައި ލިބުނު ގެއްލުމުން މިހާރު އަރައިގަނެވިފައިވާކަމަށް އެ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

އެ ފަރަގުގެ ސަބަބުން ކުރިމަރުވެފައިވާ ބައިބައިވުމަކީ ބަލިޖައްސާ ވައިރަސް ފަދަ ނުރައްކާތެރި އެއްޗެއްގެ ގޮތުގައި ސިފަކުރަމުން އޮކްސްފެމްގެ އެގްޒެކެޓިވް ޑިރެކްޓަރު، ގެބްރިއޭލާ ބުޝާ ވިދާޅުވީ ހީނަރުވެފައިވާ އިޤްތިޞާދުތައް އަލުން އާރާސްތުކުރުމުގައި ފަޤީރުންނާއި މުއްސަނދިންނާއި ދެމެދު އޮތް ތަފާތަށް ޚާއްޞަ ސަމާލުކަން ދޭންޖެހޭކަމަށެވެ.

ދުނިޔޭގެ 79 ޤައުމެއްގައި 295 އިޤްތިޞާދީ މާހިރުންގެ މެދުގައި އޮކްސްފެމުން ކުރި ދިރާސާއަކުން ދައްކާގޮތުގައި ދިރާސާގައި ބައިވެރިވި 87 އިންސައްތަ މީހުންވަނީ އެ މީހުންގެ ޤައުމުގައި ފަޤީރުންނާއި މުއްސަނދިންނާއި ދެމެދުގައި އޮތް ފަރަގު ކޯވިޑްގެ ސަބަބުން އިތުރުވާނެކަމަށް ބުނެފައެވެ. ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 50 އިންސައްތަ މީހުން ބުނީ އެމީހުންގެ ޤައުމުގައި ޖިންސީ ތަފާތުކުރުންތައް އިތުރުވާނެކަމަށް ޤަބޫކުރާކަމަށެވެ. އަދި ތިންބައި ކުޅަ ދެބައި ބުނީ ބަލިމަޑުކަމުގެ ސަބަބުން ނަސްލީ ތަފާތުކުރުން އިތުރުވާނެކަމަށް ޤަބޫކުރާކަމަށެވެ.

އޮކްސްފެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ކޯވިޑް ބަލިމަޑުކަމުގެ ސަބަބުން މުއްސަނދިންނަށް ލިބުނު ގެއްލުމަށްވުރެ ފަގީރުންނަށް ލިބުނު ގެއްލުން މާ ބޮޑެވެ. އަދި ޚާއްޞަ ގޮތެއްގައި އަންހެނުންނަކާއި ކަޅު ނަސްލަށް ނިސްބަތްވާ މީހުންނަށާއި އެފްރޯ ނަސްލުގެ މީހުންނާއި އިންޑީޖަނަސް މީހުންނަށާއި އެކަހެރިވެފައިވާ މުޖުތަމަޢުތަކަށް ކޮށްފައިވާ ނޭދެވޭ އަސަރު އިތުރުކަމަށް ރިޕޯޓުގައިވަނީ ބުނެފައެވެ.

ބަލިމަޑުކަމުގެ މި ޙާލަތުގެ ސަބަބުން ދުނިޔޭގެ ތިން ބިލިއަނަށްވުރެ ގިނަ މީހުންނަށް ޞިއްޙީ ފަރުވާ ލިބެން ނެތްކަން ހާމަވެގެން ގޮސްފައިވާކަމަށާއި، މަސައްކަތްތެރިންގެ ތެރެއިން ހަތަރުބައި ކުޅަ ތިންބައި މީހުންނަށް އެއްވެސް އިޖުތިމާޢީ ރައްކާތެރިކަމެއް ނުލިބޭކަމަށްވެސް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. ފަޤީރު ޤައުމުތަކާއި މެދު ފަންތީގެ ޤައުމުތަކުގައި ވަޒީފާ އަދާކުރާ މީހުންގެ ދެބައި ކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަކީ ވަޒީފާއެއް ޢަދާކުރިނަމަވެސް ފަޤީރުކަމުގެ ޙާލަތުގައި ދިރިއުޅޭ މީހުންކަމަށް ރިޕޯޓުގައި ބުނެއެވެ.

އެއާއި ޚިލާފަށް 2020ވަނަ އަހަރުގެ މާރިޗު މަހުގެ 18ވަނަ ދުވަހާއި ޑިސެމްބަރު މަހުގެ 31ވަނަ ދުވަހާއި ދެމެދު ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުންގެ މުއްސަނދިކަންވަނީ 3.9 ޓްރިލިއަން އެމެރިކާ ޑޮލަރުން އިތުރުވެފައިކަމަށް އޮކްސްފެމުގެ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. އެ ފަރާތްތަކުގެ ޖުމްލަ މުއްސަނދިކަން މިހާރު ހުރީ 11.95 ޓްރިލިއަން އެމެރިކާ ޑޮލަރުގައިކަމަށާއި އެއީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި ކުރިއަރަމުން އަންނަ 20 ޤައުމުތަކުގެ ސަރުކާރުތަކުން ކޯވިޑާއި ދެކޮޅަށް ޚަރަދުކޮށްފައިވާ ޖުމްލަ ޢަދަދާއި އެއްވަރު ޢަދަދެއްކަމަށް ރިޕޯޓުގައިވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހާއި ޖުލައި މަހާއި ދެމެދު ދުނިޔޭގެ އެންމެ މުއްސަނދި ދިހަ ބިލިއަނަރުންގެ މުއްސަނދިކަންވަނީ 540 ބިލިއަން އެމެރިކާ ޑޮލަރުން އިތުރުވެފައެވެ. ހަމަ އެ ދުވަސްވަރު އާންމުންގެ އެތައް މިލިއަން މީހުންގެ ވަޒީފާ ގެއްލި އެމީހުންނާއި އެމީހުންގެ ޢާއިލާތަކުންވަނީ ނިކަމެތިކަމާއި ބަނޑުހައި ހޫނުކަމާއި ކުރިމަތިލާފައެވެ. އޭގެ ސަބަބުން ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި މުއްސަނދިންނާއި ފަޤީރުންގެ ދެމެދުގައި އޮތް ފަރަގު ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތް އަލުން ކުރަންޖެހިފައިވާކަމަށްވެސް އޮކްސްފެމުން ބުނެއެވެ.

ފާއިތުވި އަހަރުގެ ތެރޭގައި ދުނިޔޭގައި ތިބި ފަޤީރުންގެ ޢަދަދު 200 މިލިއަނާއި 500 މިލިއަނާއި ދެމެދުގެ ޢަދަދަކުން އިތުރުވެފައިވާކަމަށްވެސް އޮކްސްފެމްގެ ރިޕޯޓުގައިވަނީ ބުނެފައެވެ. އެހެންކަމުން ބަލިމަޑުކަމުގެ ޙާލަތު އައުމުގެ ކުރިން ހުރި މިންވަރަށް ފަޤީރުންގެ ޢަދަދު ތިރިވުމަށް އިތުރު ދިހަ އަހަރު ނަގާނެކަމަށް އެ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

މުޖުތަމަޢުގައި ދިރިއުޅޭ އެކި ފަންތީގެ މީހުންގެ މެދުގައި އޮންނަ ފަރަގު ކުޑަކުރުމަށް ސަރުކާރުތަކަށް ކުރެވިދާނެ މަސައްކަތްތަކުގެ ގޮތުގައި ހުރިހާ އެންމެންނަށް ބޭސްފަރުވާއާއި ތަޢުލީމާއި އެހެނިހެން އާންމު ޚިދުމަތްތައް ލިބޭނޭ އިންތިޒާމް ހަމަޖެއްސުމާއި މުއްސަނދިން އަތުން ނަގައި ޓެކްސްގެ މިންވަރު އިތުރުކުރުން ހިމެނޭކަމަށް އޮކްސްފެމުން ބުނެއެވެ..