ޚަބަރު

މާލޭގައި ކާރު ޕާކުކުރަން ޖާގަ ނުލިބޭ މައްސަލައަށް ޙައްލެއް


ޕާކިންގެ މައްސަލައަކީ މާލެއަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. މިމައްސަލަ ކުރިމަތިވެފައިވަނީ ހަމައެކަނި ސައިކަލް ދުއްވާ ފަރާތްތަކަކަށް ނޫނެވެ. ކާރާއި ޕިކަޕު ދުއްވާ ފަރާތްތަކުންވެސް މިޝަކުވާ ސިޓީ ކައުންސިލަށް އަންނަނީ ހުށައަޅަމުންނެވެ. މިކަމަށް ޙައްލެއް ގެނައުމުގެ ގޮތުން ސިޓީ ކައުންސިލުން ވަނީ މިހާރު މާލޭގެ މަގުތަކުގައި ޕާކުކުރެވޭގޮތަށް ހުރި ސަރަޙައްދުތައް ރަޖިސްޓަރކޮށްދިނުމަށް ނިންމަވާފައެވެ. މީގެ ދަށުން ދޮންއަދަރާދަ މަގު ނުވަތަ އެވިޑް ކޮލެޖާ އިންވެގެން އޮތް ގޯޅިން ފެށިގެން އިއްޒުއްދީންމަގާ ދެމެދުގައިވާ ގޯޅިތަކާއި މަގުތަކުގައި ހުރި މިފަދަ ޖާގަތައް އަމިއްލަ ފަރާތްތަކުގެ ވެހިކަލް ޕާކުރުމަށް ރަޖިސްޓަރކޮށް ކުއްޔަށް ދޭގޮތަށް ސިޓީ ކައުންސިލުން ވަނީ ނިންމަވާފައެވެ.

މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން ސިޓީ ކައުންސިލްގެ ޕާކިންގ ޕޯޓަލް މެދުވެރިކޮށް އެއްގަމުގައި ދުއްވާ ހަތަރުފުރޮޅުލީ ވެހިކަލްތަކާއި 350 ކިލޯއަށްވުރެ މަތިނޫން ޕިކަޕު މީގެ ދަށުން ރަޖިސްޓަރކުރެވޭނެކަމަށް ކައުންސިލުން ވިދާޅުވެއެވެ. މިގޮތުން މަގުމަތީގައި ވަކި ސަރަޙައްދެއް ރަޖިސްޓަރކޮށް ދިނުމަށް ކައުންސިލުން ނިންމަވާފައިވަނީ ސްލޮޓަކަށް 1500 ރުފިޔާގެ ރޭޓުގައެވެ. މިހާރު ކަނޑައަޅާފައިވާ މިފަދަ 292 ޖާގަ ދޫކުރުމަށް ނިންމާފައިވާކަމަށް މާލެ ސިޓީކައުންސިލުން ވިދާޅުވެއެވެ. މާލޭގެ މަގުތަކުގައި ހުރި ހުސް ޖާގަތަކުން ދޫކުރާ ސްލޮޓްތަކުގެ މަޢުލޫމާތު ކައުންސިލްގެ ޕޯޓަލްއިން ފެންނާނެކަމަށާއި ހުސްވެފައިވާ ޖާގަތައްވެސް މީގެ ތެރެއިން އެނގެން ހުންނާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލުން ވިދާޅުވީ ކާރު ޕާކުކުރުމަށް ޖާގަ ނެތުމުގެ ޝަކުވާ ކައުންސިލަށް ލިބެމުން އަންނަކަމަށެވެ. އަދި ވަކި ސަރަޙައްދުތަކެއް ރަޖިސްޓަރކޮށް ދިނުމުން މިމައްސަލަ ޙައްލުވެގެންދާނެކަމަށް ކައުންސިލުން ވިދާޅުވެއެވެ. އަދި މިއާއެކު މާލޭގެ މަގުތަކުގައި ޕާކުކޮށްފައިވާ ދުވަސްވީ އަދި މިހާރު ބޭނުންނުކުރެވޭ ޙާލަތުގައި ހުރި ވެހިކަލްތަކާއި ހެވީ ވެހިކަލްތައް ރަށުތެރޭގައި ޕާކުކުރުމުގެ މައްސަލަވެސް ޙައްލުކުރެވޭނެކަމަށް ކައުންސިލުން ވިދާޅުވެއެވެ. އެގޮތުން މިގޮތަށް ޢަމަލުކުރަން ފެށުމުން މަގުމަތީގައި ހުސްކޮށް ހުންނާނީ ކުޑަ ވަގުތުކޮޅަކަށް ޕާކުކުރާ ޓެކްސީތަކާއި މުދާ ބޭލުމަށް މަޑުކުރާ ވެހިކަލްތައްކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ކުލި ނަގައިގެން މަގުމަތީގައި ވެހިކަލް ޕާކުކުރުމުގެ މަސައްކަތް 2008 ވަނަ އަހަރުގެ ކުރިންވެސްވަނީ ކުރިއަށް ގެންގޮސްފައެވެ. އޭރު ވެހިކަލްއަކަށް ޗާޖުކޮށްފައިވަނީ 500 ރުފިޔާއެވެ.