ކޯވިޑް-19

ކޮވިޝީލްޑް ވެކްސިނަކީ ރާއްޖޭގެ މާހައުލާ ގުޅޭ، އެއްތަނުން އަނެއްތަނަށް ގެންދަން ފަސޭހަ ވެކްސިނެއް


އިންޑިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނަކީ ރާއްޖޭގެ މާހައުލާ ގުޅޭ، އެއްތަނުން އަނެއްތަނަށް ގެންދަން ފަސޭހަ ވެކްސިނެއްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން، އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކާ ބޭނުންވާ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ދިވެހިރާއްޖެއަށް ގެނެސްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އިންޑިއާއިން ވަނީ ދިވެހިރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ އެއްލައްކަ ޑޯޒް ހަދިޔާކޮށްފައެވެ.

ކޮވިޝީލްޑް ވެކްސިނަކީ އޮކްސްފޯޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ވެކްސިންގެ ފޯމިއުލާއާ އެއްގޮތަށް ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ، އެސް.އައި.އައިއިން ތައްޔާރުކޮށް އުފައްދާ ވެކްސިނެކެވެ. މި ވެކްސިން މިހާރުވަނީ ކްނިލިކަލް ޓްރަޔަލްގެ އެންމެފަހުގެ މަރުހަލާ ނިންމާ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ހުއްދަ ހޯދުމަށް ފޮނުވާފައެވެ. ދިވެހިރާއްޖޭގައި ދޭ ހުރިހާ ވެކްސިންތަކަކީވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ލިބިގެން ބޭނުންކުރެވޭ ވެކްސިންތަކެއްކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އަދި އެމް.އެފް.ޑީ.އޭއިން ހުއްދަދެވޭއިރު ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭތޯ ބަލާ ކަށަވަރުކުރާނެކަމަށްވެސް އެޖެންސީން ވަނީ ވިދާޅުވެފައެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ކޮވިޝީލްޑް ވެކްސިނަކީ ރާއްކާތެރިކަމާއި، ނަތީޖާ ރަނގަޅުކަމަށް ތަހުލީލުތަކުން ދެނެގަނެވިފައިވާ ވެކްސިނެއްކަމަށެވެ. އަދި މިއީ އާދައިގެ ފްރިޖުތަކުގައި ހުންނަ ފިނިހޫނުމިނުގައި ރައްކާކޮށް ބެހެއްޓޭނެ ވެކްސިނެއްކަމުން، ރާއްޖޭގެ އެކި ހިސާބުތަކަށް މި ވެކްސިން ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެކަންވެސް އެޖެންސީން ހާމަކުރައްވައެވެ.

ކޯވިޑް-19 އަށް ފަރުވާއެއް ހޯދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސައިންޓިސްޓުން އަވަދިނެތި މަސައްކަތް ކުރަމުންދާއިރު، ވެކްސިން އުފެއްދުމުގައިވެސް ބޮޑު ވާދަވެރިކަމެއް ވަނީ އުފެދިފައެވެ. ބައެއް ވެކްސިންތަކުގެ ޓްރަޔަލް މަރުހަލާތައް ނިންމާ، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ހުއްދައާއެކު ބައެއް ޤައުމުތަކުގައި މިހާރު ވަނީ ވެކްސިން ދޭން ފަށާފައެވެ. މިއާއެކު ބައެއް ވެކްސިންތަކުގެ ސަބަބުން ހަށިގަނޑަށް ނޭދެވޭ އަސަރުތަކެއް ނުވަތަ ސައިޑްއިފެކްޓްތަކެއް ކުރާކަމުގެ ވާހަކައަކީވެސް އާއްމުންގެ މެދުގައި ދެކެވެމުންދާ ވާހަކަތަކެކެވެ.

އެހެން ބައެއް ވެކްސިންތަކެކޭ އެއްފަދައިން ކޮވިޝީލްޑް ވެކްސިން ޖެހުމުގެ ސަބަބުން ބައެއް މީހުންގެ ކިބައިން ސައިޑް އިފެކްޓްސް ފެނިގެންދާނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އެގޮތުން އާންމުކޮށް ހަށިގަނޑު ފެންނަ އަލާމާތްތަކަކީ ވައިރަސްއާ ދެކޮޅަށް ހަޑިގަނޑު ރައްކާތެރިކުރުމަށް ދިފާޢީ ނިޒާމުން މަސައްކަތް ކުރާކަމުގެ އަލާމަތްތަކެއްކަމަށާއި، މި އަލާމާތްތައް ދެތިން ދުވަހުގެ ތެރޭގައި ފިލާ ރަނގަޅުވާނެކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.


ކޮވިޝީލްޑް ވެކްސިންގެ ސައިޑް އިފެކްޓްސްގެ ތެރޭގައި :

- އިންޖެކްޝަން ޖެހި ތަނުގައި ގަނޑުލައި، ތަދުވެ، ރަތްވެ، ހިރުވާ، ދުޅަވެ، ނޫފައިގަތުން ފަދަ ކަންކަން
- ހުން އައުން
- ވަރުބަލިވުން
- ބޮލުގައި ރިއްސުން
- މޭ ނުބައިކުރުން
- ހުޅުހުޅުގައި ނުވަތަ މަސްތަކުގައި ރިއްސުން

ކޮވިޝީލްޑް ވެކްސިން އުފައްދާ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ، ވެކްސިން އުފެއްދުމަށް މަޝްޙޫރު އެންމެ ބޮޑު އެއް ކުންފުންޏެވެ. އެގޮތުން އެ ކުންފުނިން އަންނަނީ އެކި ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންވާ 1.5 ބިލިއަން ޑޯޒުގެ ވެކްސިން އަހަރެއްގެ މައްޗަށް އުފައްދާ، ފޯރުކޮށްދެމުންނެވެ. ކޯވިޑް-19 ވެކްސިން ހޯދުމަށްޓަކާ ހަމަކަމާއެކު ރައްކާތެރި ވެކްސިން ޤައުމުތަކަށް ފޯރުކޮށްދިނުމަށް ދުނިޔޭގެ ޞިއްހަތު ޖަމިއްޔާއިން އެކުލަވާލާފައިވާ ކޯވެކްސް ފެސިލިޓީގައި ދިވެހިރާއްޖެއިން ވަނީ ބައިވެރިވެފައެވެ. ކޯވެކްސް ފެސިލިޓީގެ ތެރެއިން ރާއްޖެއަށް ވެކްސިން ލިބޭނެކަމަށް ލަފާކޮށްފައިވަނީ މިއަހަރުގެ ފުރަތަމަ ކުއަރޓަރގެ 3 މަސް ދުވަހުގެ ތެރޭގައެވެ.

މީގެ އިތުރުން ސަރުކާރުން ދަނީ އެސްޓްރާޒެނެކާ ފަދަ ވެކްސިން އުފައްދާ ކުންފުނިތަކުން ވެކްސިން ގަތުމުގެ އިންތިޒާމް ހަމަޖައްސަމުންނެވެ. އެގޮތުން ވެކްސިންގެ 7 ލައްކަ ޑޯޒްގަތުމަށް އެސްޓްރާޒެނެކާއާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.