ދީން

3 ރަށެއްގައި މިސްކިތް އިމާރާތްކުރުމަށް ބަޔަކާއި ހަވާލުކޮށްފި


ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ހިލޭ އެހީގެ ދަށުން 3 މިސްކިތެއް އިމާރާތްކުރުމަށް 2 ކުންފުންޏަކާއި ޙަވާލުކޮށްފިއެވެ.

މި މަސައްކަތް މި ކުންފުނިތަކާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ. އަޙުމަދު ޒިޔާދު އެވެ.

މިސްކިތްތައް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ގއ. ވިލިނގިލި، ހދ. ނާވައިދޫ އަދި ޅ. ނައިފަރުގައި އެވެ. މީގެ ތެރެއިން ގއ.ވިލިނގިއްޔާއި ހދ. ނާވައިދޫގެ މިސްކިތްތައް އިމާރާތްކުރުމަށް ޙަވާލުކޮށްފައިވަނީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި އެވެ. ޅ. ނައިފަރުގައި މިސްކިތް އިމާރާތްކުރުމަށް ޙަވާލުކޮށްފައިވަނީ މާލާ ހައިރައިސިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. 

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒިޔާދު ވިދާޅުވީ، ސައުދީ ރަސްގެފާނުގެ ހިލޭ އެހީގައި 10 މިސްކިތެއް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރެއިން 8 ރަށެއްގައި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާކަމަށާއި، އަންނަ އަހަރު އިތުރު 2 ރަށެއްގައި މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ހެޔޮއެދޭ އަމިއްލަ ފަރާތެއްގެ އެހީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 6 މިސްކިތެއްގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ހިލޭގެ އެހީގައި އިމާރާތްކުރުމަށް ޙަވާލުކުރި، ހދ. ނާވައިދޫއާއި ޅ.ނައިފަރު އަދި ގއ. ވިލިނގިލީގައި މިސްކިތް އިމާރާތްކުރުމަށް ސައުވީސް މިލިއަން ( 24،008،915.34 ) ވުރެ ގިނަ ރުފިޔާ ޚަރުދުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވާފައި ވެއެވެ.