ކޯވިޑް-19އިގެ ކޭސްތައް ރާއްޖެއިން ފެންނަން ފެށުމާ ގުޅިގެން މިބަލި ކޮންޓްރޯލްކުރުމަށްޓަކާ ސަރުކާރުންވަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މިގޮތުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއިން ކޯވިޑްގެ ކޭސްތައް ފެންނަ މިންވަރު ދަށްވާން ފެށީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ކޭސްތަކުގެ އަދަދު މަދުވަމުން ގޮސް 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވާ މީހުންގެ ޢަދަދު 10 އަކަށްވުރެ ދަށަށްވެސް ދިޔައެވެ. އެހެންނަމަވެސް އޭގެ 2 މަސްފަހުން އަނެއްކާވެސް ކޭސްތައް މިހާރު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިހަފްތާގެ ފުރަތަމަ ދުވަހު ޕޮޒިޓިވްވީ މީހުންގެ ޢަދަދުވަނީ 100އަށް ވުރެ މައްޗަށް އަރާފައެވެ. މީގެ ސަބަބުން ޑޮކްޓަރުންގެ ކަންބޮޑުވުން އަނެއްކާވެސް މިވަނީ އިންތިހާއަށް އިތުރުވެފައެވެ.
We have to learn from what’s happening in other countries. Lock down after lock down. We can’t afford for another curfew. Everyone has suffered. If we can’t obey a few simple steps of infection prevention, we will end up like any other country. Its we/you who can change this.1/2
— Dr. Mohamed Ali (@Moxamedalu) January 23, 2021
ކޯވިޑް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ދެމުންގެންދާ ލުއިތަކާއެކު ޕޮޒިޓިވްވާ މީހުންގެ ނިސްބަތް އިތުރުވެގެންދާނެކަމަށް ސިއްޙީ މާހިރުން ކުރިންވެސްވަނީ އަންދާޒާކޮށްފައެވެ. އެހެންނަމަވެސް ކޭސްތައް އިތުރުވެގެން މިހާރު މިދަނީ އެފަރާތްތަކުންވެސް ކަންބޮޑުވާ ދަރަޖައަށެވެ. އެކަން އެހެން ނުވާންވީ ސަބަބެއް ނެތެވެ. ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ފެންނަމުންދާ މަންޒަރުތަކުން ކޯވިޑްގެ އިތުރު ރާޅުތަކާއެކު ޤައުމުތައް އަލުން ފުރަބަންދުކޮށް ފިޔަވަޅުތައް ވަރުގަދަ ކުރަމުން އަންނަ މަންޒަރު މިދަނީ ފެންނަމުންނެވެ.
އިތުރުވަމުންދާ ކޭސްތަކާއެކު ކަންބޮޑުވުން ފާޅުކުރައްވާ އައިޖީއެމްއެޗްގެ ނޭޝަނަލް ސެންޓަރ ފޮރ ރެސްޕިރޭޓަރީ މެޑިސިންގެ ފިޒީޝަން، ޑރ.މުޙައްމަދު ޢަލީ ވިދާޅުވަނީ ރާއްޖޭގައި ކޭސްތައް އިތުރުވަމުން އަންނައިރު ޕޮޒިޓިވްވަމުން އަންނަ މީހުންގެ ޙާލުވެސް ބޮޑުވަމުން އަންނަކަމަށެވެ. މިއީ ނުރައްކާތެރި ވާހަކައެކެވެ. އަޅުގަނޑުމެން ސަމާލުވާން އެބަޖެހެއެވެ. ރާއްޖޭގައި ޕޮޒިޓިވް ކޭސްތައް ހާހުން މަތީގައި ހުރިއިރު މީގެ ތެރޭގައި ބަލީގެ ނުރައްކާ ބޮޑު މީހުން ނިސްބަތުން ގިނަކަން ފާހަގަކުރެވެއެވެ.
We have to learn from what’s happening in other countries. Lock down after lock down. We can’t afford for another curfew. Everyone has suffered. If we can’t obey a few simple steps of infection prevention, we will end up like any other country. Its we/you who can change this.1/2
— Dr. Mohamed Ali (@Moxamedalu) January 23, 2021
ކޯވިޑް-19ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދުވަނީ 51އަކަށް އަރާފައެވެ. މިއީ ހަމައެކަނި ހިސާބު ޢަދަދެއް ނޫންކަމަށާއި މިއީ މިނުރައްކާތެރި ބަލީގައި ވަކިވެގެންދިޔައީ އަޅުގަނޑުމެން ފަދަ އިންސާނުންކަން ޑރ.މުޙައްމަދު ޢަލީވަނީ ފާހަގަކުރައްވާފައެވެ. އަދި މިއީ ބައްޔާ މެދު ހުޝިއާރުވެ ސަމާލުވާންވީ 51 ސަބަބުގެ ގޮތުގައި ޑޮކްޓަރވަނީ ފާހަގަކުރައްވާފައެވެ. އަދި އަމިއްލަ ދިފާޢު ތިރިކުރަން ގާތްވެސް ނުވާކަން ޑރ.މުޙައްމަދު އަލީވަނީ ފާހަގަކުރައްވާފައެވެ. ހަމައެއާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކަކު އަނެކަކަށް ހަނދާންކޮށްދީ މިކަމުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.
ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކޮށް ރައްކާތެރިކަމުގެ ފިޔަވަޅުއަޅައިފިނަމަ މުޅި ޤައުމުގެ ހިންގުން ހުއްޓުމަކަށް އައުމުން އެބަ ސަލާމަތްކުރެވެއެވެ. ކަންމިހެންއޮތްއިރު އެފިޔަވަޅު ނާޅަންވީ ކީއްވެގެންތޯއެވެ؟ ޤައުމު ފުރަބަންދުކޮށް މާލޭގައި ކަރފިއު ޤާއިމުކޮށްގެން ތިބެންޖެހުމުގެ ސަބަބުން ވިޔަފާރިތައް ބަނގުރޫޓުވެ އެތައްދުވަހެއް ވަންދެންކުރި ބުރަ މަސައްކަތް ވިއްސިވިހާލިވީތަންވެސްވަނީ ފެނިގެންގޮސްފައެވެ.
ކޯވިޑާ ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުތަކަށް ދިން ލުއިތަކާއެކު ދިރިއުޅުން އަނބުރާ ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުއްޓުމެއް އައިސްދާނެކަމުގެ މަލަމަތި ފެންނަންވަނީ ފަށާފައެވެ. އެހެންނަމަވެސް ރައްކަލަށް އެޅޭ ފިޔަވަޅުތަކުގެ ސަބަބުން އަދިވެސް މަންޒަރު ބަދަލުވެގެން ހިނގައިދާނެކަމަށް ކަމާބެހެ ފަރާތްތަކުން ވިދާޅުވެއެވެ. އެހެންކަމުން އެންމެން ގުޅިގެން ފިޔަވަޅުތަކަށް ސަމާލުކަން ދެއްވަމާ ހިނގާށެވެ. މީގެ ކުރިންވެސްވަނީ މިޙާލަތު ބަދަލުކޮށް ރާއްޖެއިންވަނީ ދުނިޔެއަށް ނަތީޖާ ދައްކާފައެވެ. މާސްކު އަޅާށެވެ. ގައިދުރުކަން އިސްކުރާށެވެ. ދީފައިވާ ލުއިތަކާއެކު ސަމާލުކަން ދޭންޖެހޭ ކަންކަމަށް ސަމާލުކަންވެސް ދޭށެވެ. މިފަހަރުވެސް ދިވެހިންނަށް ވާނެއެވެ.