ކޯވިޑް-19

ކޯވިޑްގެ ޙާލަތުގައި ދިވެހިންނަށް ޢުމްރާއަށް ދެވޭނެ ޚާއްސަ އުސޫލެއް ސަޢުދީ ޢަރަބިއްޔާއިން ކަނޑައަޅައިފި


ކޯވިޑް-19ގެ ޙާލަތުގައި ދިވެހިންނަށް ޢުމްރާއަށް ދެވޭނެ ޚާއްސަ އުސޫލެއް ސަޢުދީ ޢަރަބިއްޔާއިން ކަނޑައަޅައިފިއެވެ.

ކޯވިޑްގެ ޚާއްސަ ޙާލަތާއި ގުޅިގެން ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރަށް އެޅުނު ހުރަސްތަކާއި، ސަޢުދީ ޢަރަބިއްޔާ އަދި އެހެނިހެން ޤައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާ ގުޅިގެން ދިވެހިންނަށް ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ސަޢޫދީގެ ޚާރިޖީ ވަޒީރާއި، ސަޢޫދީ ސަރުކާރާއެކު މަޝްވަރާތައް ކުރައްވާފައެވެ.

މިގޮތުން ކުރެވުނު މަޝްވަރާތަކުގެ އަލީގައި ކޯވިޑުގެ ޙާލަތުގައި ދިވެހިރާއްޖޭގެ ރައްޔިތުން ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރުމުގައި އަމަލުކުރަންޖެހޭ އުޞޫލުތަކެއް ކަނޑައަޅާފައިވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެގޮތުން ޢުމްރާގެ އަޅުކަން އަދާކުރުމަށް އޮންނަ އުޞޫލުތަކާއި އެއްގޮތަށް، މުޤައްދަޞް ދެ ޙަރަމުން ކުރެ ޙަރަމަށް ޢުމްރާގެ އަޅުކަމަށް ނުވަތަ ޒިޔާރަތަކަށްވެސް، ދިޔުމުގެ ކުރިން ރިޒަވޭޝަން ހައްދަންޖެހޭނެއެވެ. އަދި ކުރިންވެސް އަމަލުކުރަމުން އަންނަ އުސޫލުން އުމްރާ ގްރޫޕް ނުވަތަ ޓްރެވަލް އެޖެންޓް މެދުވެރިކޮށް އެކަން ހަމަޖެއްސޭނަކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ޢުމްރާގެ އަޅުކަމަށް ސަޢުދީ އަރަބިއްޔާއަށް އެތެރެވެވޭނީ ދިވެހިރާއްޖޭގައި ހުއްދަ ދެވިފައިވާ ލެބޯޓަރީއަކުން ހައްދާފައިވާ، ސަޢުދީއަށް ފުރުމުގެ ކުރިން 72 ގަޑިއިރު ހަމަނުވާ ކޯވިޑް-19ގެ ނެގެޓިވް ޓެސްޓް ސެޓިފިކެޓެއް އޮންނަ ފަރާތްތަކަށްވެސް ކަމަށްވެސް މި އުޞޫލުގައި ބުނެފައިވެއެވެ. އަދި ޢުމްރާގެ އަޅުކަން އަދާކުރާ ފަރާތަށް ހުއްދަދީފައިވާ ދަތުރުގެ ޕްރޮގްރާމާއި އެއްގޮތްވާ އެއާރލައިން ރިޒަވޭޝަނެއް އޮންނަންޖެހޭނެކަމަށާއި، ސަޢުދީ ޢަރަބިއްޔާއަށް އެތެރެވުމަށްފަހު، ޢުމްރާގެ އަޅުކަން އަދާކުރާ ފަރާތެއް ހުންނަން ހަމަޖެހިފައިވާ ހޮޓަލުގައި 3 ދުވަހަށް ކަރަންޓީނުވާންވެސްޖެހެއެވެ.

ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ހެލްތުގެ ޤަވާއިދުގައިވާގޮތުން ޢުމްރާގެ އަޅުކަން އަދާކުރުމަށް މި ޙާއްސަ ހާލަތުގައި ހުއްދަ ދެވޭނީ އުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ ފަރާތްތަކަށެވެ. އަދި ޢުމްރާގެ އަޅުކަން އަދާކުރުމަށް ޒިޔާރަތްކުރާ ފަރާތްތަކުން، ސަޢުދީ ޢަރަބިއްޔާއަށް އެތެރެވާ ވަގުތުން ފެށިގެން އެނބުރި ޤައުމަށް ދެވެންދެން، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢަމަލު ކުރުމުގައި ޙާއްސަ ސަމާލުކަމެއް ދިނުންމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީޏް މިހާތަަނަށް ޖުމްލަ 37 ކުންފުންޏަކަށް މީހުން އުމްރާއަށް ގެންދިޔުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ ބޯޑަރުތައް ބަންދުކުރުމާގުޅިގެން ކުންފުނިތަކުން ޢުމްރާއަށް މީހުން ނުގެންދެވުމުގެ ސަބަބުން އެ ކުންފުނިތަކަށް ދީފައިވާ މުއްދަތުވެސް އިސްލާމިކް މިނިސްޓްރީން ވަނީ އިތުރުކޮށްދީފައެވެ. އެގޮތުން އެ ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން އެއް އަހަރުދުވަހަށް އިތުރުކޮށްދީފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.