ދުނިޔެ

ކޯވިޑްގެ ޙާލަތުގައި ޕޯޗުގަލްގެ ރިޔާސީ އިންތިޚާބު ބާއްވަނީ


ހަލުވިކޮށް ކޯވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި ޕޯޗުގަލްގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ކޯވިޑްގެ ފުރަތަމަ ރާޅު ފެތުރުނު ދުވަސްވަރު އެހެން ޤައުމުތަކާއި އަޅައި ބަލާއިރު ޕޯޗުގަލްގެ ޙާލަތު ރަނގަޅު ނަމަވެސް، އެ ޤައުމުގެ ޙާލަތު މިހާރުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެ ޤައުމުގައި މިހާތަނަށް 624،469 މީހުންނަށް ބަލިޖެހިފައިވާއިރު 10،194 މީހުންވަނީ މަރުވެފައެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 15،333 މީހުންނަށް ބަލިޖެހި 274 މީހުން މަރުވެފައިވާއިރު އެ ޤައުމު މިހާރު ހިމެނެނީ އާބަދީގެ ނިސްބަތުން ބަލާނަމަ ހަތް ދުވަސް ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހި، މީހުން މަރުވެފައިވާ ޤައުމުގެ ގޮތުގައެވެ.

ޕޯޗުގަލްގައި ބަލި ފެތުރޭ މިންވަރު ކުއްލިއަކަށް އިތުރުވެފައިވާ މައިގަނޑު ސަބަބަކީ އިނގިރޭސިވިލާތުން ފެނިފައިވާ ކޯވިޑްގެ އައު ވައްތަރު އެ ޤައުމުގައި ދައުރުވުމެވެ. ވައިރަހުގެ އެ ވައްތަރަކީ ކުރިން ފެތުރެމުންދިޔަ ވައިރަހަށްވުރެ ވާރުތަވުމުގެ ބާރު އިތުރަށް ގަދަ ވައިރަހެކެވެ. ޕޯޗުގަލްގައި ބަލިފެތުރޭ މިންވަރު އިތުރުވުމުގެ ސަބަބުން މިދިޔަ ހަފުތާގައި އެ ޤައުމުގައި ފުރަބަންދުކުރުމުން ރިޔާސީ އިންތިޚާބަށް ކުރާ އެންމެ ފަހުގެ ކެންޕެއިނުތަކަށްވަނީ ހުރަސް އެޅިފައެވެ.

ގިނަ ވަގުތުތަކަށް ގޭގައި މަޑުކުރުމަށް މަޖުބޫރުވެފައިވާ ޕޯޗުގަލްގެ ގިނަ ރައްޔިތުންވަނީ އިންތިޚާބުގައި ވޯޓުލުމަށް ބޭރުތެރެއަށް ނިކުމެއްޖެނަމަ ބަލި ފެތުރުން އިތުރުވާނެކަމުގެ ކަންބޮޑުވުންތައް ފައުޅުކޮށްފައެވެ. 10 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޕޯޗުގަލްގެ ގިނަ ޢަދަދެއްގެ ރައްޔިތުން ވޯޓުލުމަށް ނިކުތުމަށް ޖެހިލުންވާތީ، މި އަހަރުގެ އިންތިޚާބުގައި ވޯޓުލާ މީހުންގެ ޢަދަދު ދަށްވާނެކަމަށް ބެލެވެއެވެ. ގިނަ މީހުން ޤަބޫލުކުރާގޮތުގައި މިހާލަތުގައި އިންތިޚާބު އިތުރަށް ލަސްކޮށްލުން ބުއްދިވެރިއެވެ.

އިންތިޚާބު ފަސްކުރުމަށް ނިންމައިފިނަމަ ޕޯޗުގަލްގެ ޤާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނަން ޖެހޭނެއެވެ. އިންތިޚާބާއި ގުޅޭ ރަސްމީ ފަރާތްތަކުން ބުނީ ޤާނޫނު އަސާސީއަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ ކުރު މުއްދަތެއްގެ ތެރޭގައި ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ނަމަވެސް ވޯޓައިގެން ކުރިއަށް ދިޔުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާއިމެދު ގިނަ ބަޔަކުވަނީ ހިތްހަމަނުޖެހިފައެވެ. އަދި ގިނަ ދުވަސްތަކުގެ މައްޗަށް ވޯޓުލުން ބަހައިނުލާ ވޯޓުލުން އެންމެ ދުވަހަކަށް ރާވާފައި އޮތުމާއިމެދެވެސް އާންމުންނާއި އެހެން ފަރާތްތަކުންވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ.

މިފަހަރުގެ އިންތިޚާބުގައި ޕޯޗުގަލްގެ މިހާރުގެ ރައީސް، ކަނާތު ފިޔައިގެ ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ މާސެލޯ ރެބޭލޯ ޑީ ސޫސާ ފަސޭހަކަމާއިއެކު އިތުރު ދަޢުރަކަށް ހޮވިވަޑައިގަންނަވާނެކަމަށް ބެލެވެއެވެ. 13 އިންސައްތަ ވޯޓު ލިބޭނެކަމަށް ބެލެނީ ވައަތު ފިޔައިގެ ކެންޑިޑޭޓު އަނާ ގޯމެސްއަށެވެ. އަދި ކަނާތު ފިޔައިގެ ޝެގާ ޕާޓީގެ ލީޑަރު އަންދުރޭ ވެންޗުރާއަށް ވޯޓު ލިބޭނެކަމަށް ބެލެވެނީ 10 އިންސައްތައާއި 12.5 އިންސައްތައާއި ދެމެދުގެ ނިސްބަތަކަށެވެ.

ޕޯޗުގަލްގެ ރައީސްގެ މަޤާމަކީ އާންމު ގޮތެއްގައި ރަމްޒީ މަޤާމެކެވެ. ނަމަވެސް ބައެއް ޤާނުނުތައް ވީޓޯ ކުރުމުގެ ބާރާއި ކުއްލި ޙާލަތްތައް އިޢުލާނުކުރުމުގެ ބާރު ޤައުމުގެ ރައީސަށް ލިބިގެންވެއެވެ.