ތަރައްްޤީ

ރަސްމާދޫ ބަނދަރު މަޝްރޫއާއެކު ހުޅަނގު މޫސުމުގައި ބަނދަރު ބޭނުންނުކުރެވޭ މައްސަލައަށް ހައްލެއް


ރ. ރަސްމާދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް ނިންމާލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

ރަސްމާދޫގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ. އަދި މި މަސައްކަތުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައެވެ.

އެމް.ޓީ.ސީ.ސީން ވިދާޅުވީ، ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވިމިނެއްގައި ކުރިއަށްދާކަމަށެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން، ބޭރުތޮށިލުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. އަދި ރަށުގައި މިހާރު ބޭނުންކުރާ އެއްގަމުތޮށި ތަޅާލުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އެކުންފުނިން ވަނީ ހާމަކުރައްވާފައެވެ.

މި މަޝްރޫޢުގެ ދަށުން ރަސްމާދޫ ފަޅުން 8،100 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 377 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ.

ރަސްމާދޫގައި ބަނދަރެއް ތަރައްޤީކޮށްފައި އޮތްނަމަވެސް ބަނދަރުގެ ބޭނުން އެންމެ އެކަށީގެންވާގޮތެއްގައި ނުކުރެވުމަކީ އެ ރަށު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ރަސްމާދޫ ކައުންސިލުގެ ރައީސް ޠާހާ ރަޝީދު ވިދާޅުވީ، އެ ރަށު ބަނދަރުގެ ބޭރުތޮށި ވެއްޓިފައިއޮތުމުގެ ސަބަބުން ހުޅަނގު މޫސުމުގައި ބަނދަރު އެއްވެސް ވަރަކަށް ބޭނުމެއް ނުކުރެވޭކަމަށެވެ. ބަނދަރުގެ ބޭރުތޮށި ވެއްޓިފައިވާތާ 3 ވަރަކަށް އަހަރުވެފައިވާކަމަށްވެސް ޠާހާ ވިދާޅުވިއެވެ. ބަނދަރު ހެދުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާއިރު، މި މަސައްކަތާއެކު ބަނދަރު އަލުން މަރާމާތު ކުރަންނުޖެހި ދިގު މުއްދަތަކަށް ބޭނުންކުރެވިގެންދިއުމަކީ ކައުންސިލުން ކުރާ އުއްމީދެއްކަމަށް ޠާހާ ވިދާޅުވިއެވެ.

ތާޙާ ވިދާޅުވީ، މިހާރު ކުރިއަށްދާ މަޝްރޫޢުގައިވެސް ކައުންސިލާއި ރައްޔިތުންގެ ބައެއް ކަންބޮޑުވުންތައް އެބަހުރިކަމަށެވެ. އަދި އެކަންކަން އެމް.ޓީ.ސީ.ސީއާއި ޕްލޭނިންގ މިނިސްޓްރީއާވެސް ހިއްސާކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ ބޭރުތޮށި މިވަގުތު ހަދަމުންދާއިރު އަޅުގަނޑުމެން އެސްޓިމޭޓްކުރާވަރަށްވުރެ ތަންކޮޅެއް ތިރިކަމަށް ލަފާކުރެވޭ ވޯޓަރ މެއިން ސީ ލެވެލްއަށްވުރެ. މެއިން ސީ ލެވެލްއަށްވުރެ މައްޗަށް މިން އަޅާ ބަލާއިރު، ތަންކޮޅެއް ތިރި. ކުރިންވެސް ދިމާވި މި މައްސަލަ. ހުޅަނގު މޫސުމުގައި ގަލާއި ރާޅުގަނޑު ތޮށިމަތިން އެތެރެއަށް ބިންދާލާ. އެކަން ވާނީ ޕްލޭނިންގ މިނިސްޓްރީން މިކޮޅަށް ވަޑައިގެން ޓީމާވެސް ހިއްސާކޮށްފައި. އަދި މިކޮޅުގައި މަސައްކަތްކުރާ އެމް.ޓީ.ސީ.ސީގެ ޓީމާވެސް އެކަން ހިއްސާކޮށް". ތާޙާ ވިދާޅުވިއެވެ.

26 ހެކްޓަރުގެ ރަސްމާދޫއަކީ އާބާދީގައި 800 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ރަށެކެވެ. ރަސްމާދޫއަކީ ބޮޑު ކަންނެލީގެ މަސްވެރިކަންވެސް ކުރާ ރަށަކަށްވެފައި، ބަނދަރުގެ ބޭނުން ހެޔޮގޮތުގައި ނުކުރެވުމުން ދަތުރުފަތުރު ކުރުމާއި ރަށަށް ބޭނުންވާ ސާމާނު އެތެރެކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާކަން ކައުންސިލުން ފާހަގަކުރައްވައެވެ. އެހެންނަމަވެސް ބަނދަރު ހެދުމުގެ މަޝްރޫޢާއެކު ރައްޔިތުންގެ މި ކަންބޮޑުވުންތަކަށް ނިމުމެއްއައިސް، ދަތުރުފަތުރު ކުރުމުގައި އުފުލަންޖެހުނު ތަކުލީފުތަކަށް އުއްމީދީ ހައްލެއް ލިބިގެންދާނެކަމަށް ރަސްމާދޫ ކައުންސިލުން ވިދާޅުވެއެވެ.

ރަސްމާދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަކީ ސަރުކާރުން 18.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.