ޚަބަރު

ކޯވިޑް-19އާ ދެކޮޅަށް އިންޑިއާއިން ކުރަމުންދާ މަސައްކަތްތަކަށް ޑަބްލިއު.އެޗް.އޯގެ ޝުކުރުު


ކޯވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އިންޑިއާއިން ކުރަމުންދާ މަސައްކަތްތަކަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނަރަލް ޓެޑްރޮސް އަދަނަމް ގެބްރިއޭސުސް ޝުކުރު އަދާކުރައްވައިފިއެވެ.

އިންޑިއާއިން ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވާ ޓެޑްރޮސް ކުރެއްވި ޓުވީޓެއްގައި ވަނީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޯވިޑް ބަލި ކޮންޓްރޯލްކުރުމަށްޓަކައި ހުއްޓުމެއްނެތި އިންޑިއާއިން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވާ އެޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޝުކުރު އަދާކުރައްވާފައެވެ. ޓެޑްރޮސް ވަނީ މި ބަލި މަޑުކަން ކޮންޓްރޯލް ކުރެވޭނީ އެންމެ ގުޅިގެން މަސައްކަތް ކޮށްގެން ކަމަށާއި އެކަކު އަނެކަކަަށް އެހީތެރިކަން ފޯރުކޮށްދީގެން ކަން ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާގެ 1.3 ބިލިއަން މީހުންނަށް ވެކްސިން ދިނުމުގެ މަޝްރޫޢު އެޤައުމުގައި ފަށާފައިވާއިރު އިންޑިއާއިން މިހާރު ވަނީ ކޯވިޑް-19 ވެކްސިން އެކްސްޕޯޓުކުރަންވެސް ފަށާފައެވެ. އެގޮތުން ކޮރޯނާވައިރަހާއި ދެކޮޅަށް އުފައްދާފައިވާ ވެކްސިންގެ ޝިޕްމަންޓެއް ދިވެހިރާއްޖެއަށްވެސްވަނީ ފޮނުވާފައެވެ. އަދި އިތުރު ޝިޕްމެންޓެއް އަވަށްޓެރި ބޫޓާންއަށްވެސް މިހާރު ވަނީ ފޮނުވާފައެވެ. އިންޑިޔާއިން ވެކްސިން ފޮނުވުމަށް ހަމަޖެހިފައިވާ އިތުރު ޤައުމުތަކުގެ ތެރޭގައި ނޭޕާލް، މިޔަންމާ، ސީޝެލްސް، ބަންގްލަދޭޝް، ސްރީލަންކާ، އަފްޣާނިސްތާން، މޮރިޝަސް ހިމެނެއެވެ.

އިންޑިޔާއިން ބޭރު ޤައުމުތަކަށް މިވަގުތަށް ސަޕްލައި ކުރާނީ ހަމައެކަނި އެސްޓްރަޒެނެކާގެ ވެކްސިނެވެ. އެ ވެކްސިން ހަދަނީ ދުނިޔޭގެ އެންމެ ބޮޑު ވެކްސިން އުފައްދާ ކުންފުނިކަމަށްވާ ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާއިންނެވެ. އެ ކުންފުނިން އެސްޓްރަޒެނެކާގެ ވެކްސިން ވިއްކާނީ ކޮވިޝީލްޑްގެ ނަމުގައެވެ.

އިންޑިއާގައި ދެ ވެކްސިނެއް އެޤައުމުގެ ރައްޔިތުންނަށް ދަނީ ދެމުންނެވެ. އެއް ވެކްސިނަކީ އޮކްސްފޯޑާއި އެސްޓްރާޒެނެކާގެ ކޯވިޑް ވެކްސިނެވެ. ދެވަނަ ވެކްސިނަކީ އިންޑިއާގެ ބާރަތު ބައޯޓެކްގެ ކޯވެކްސިނެވެ. މިދެ ވެކްސިންވެސް ބާޒާރަށް ނެރުމަށް ތައްޔާރުކުރަނީ އިންޑިޔާގައެވެ. ކުރިއަށް އޮތް މަސްތަކުގައި އިންޑިޔާއިން އިތުރު ދެ ވެކްސިނަކަށް ހުއްދަ ދޭނެކަމަށް ބެލެވެއެވެ.

އިންޑިޔާއަކީ ގިނަ ޢަދަދެއްގެ ބޭހާއި ވެކްސިން ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ސަޕްލައިކުރާ ޤައުމެކެވެ. މެދު ފަންތީގެ އަދި ފަޤީރު ގިނަ ޤައުމުތަކުން އެ ޤައުމުތަކުގެ ކޯވިޑް-19 ވެކްސިން މަޝްރޫޢުތައް ފެށުމަށް ބަރޯސާވަނީ އިންޑިޔާއިން ލިބޭނެކަމަށް އުންމީދުކުރާ ވެކްސިންގެ މައްޗަށެވެ.