ޚަބަރު

ކޯވިޑް-19 : އަދަދުތައް ތިރިއެއްނުވޭ، މިއަދުވެސް އިތުރު 55 މީހަކު ޕޮޒިޓިވްވެއްޖެ


ރާއްޖެއިން ކޯވިޑް-19އަށް އިތުރު 55 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން 55 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 31 މީހުން ހިމެނެއެވެ. އަދި އަތޮޅުތަކުގެ ރަށްތަކުން 9 މީހަކު ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 15 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 14،885 އަށް އަރާފައެވެ. އެޗް.ޕީ.އޭއިން ކޮންމެ ދުވަހަކު ހާމަކުރަމުންދާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިމަހުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު 50 އިން މަތީގައި ހުންނަތާ މިއަދަށްވަނީ ހަފްތާއެއް ވެފައެވެ.

ރާއްޖޭގައި ފަހަކަށް އައިސް މި ބަލިޖެހޭ މީހުންގެ ތެރޭގައި ގިނައީ ރިސޯޓު މުވައްޒަފުންނާއި ފަތުރުވެރިންނެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 82 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 13،813 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 1،015 މީހުންނެވެ. އަދި މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 77 މީހުންނަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 2،748 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު މިބަލި ދެނެގަތުމަށް ޖުމްލަ 382،741 ސާމްޕަލްވަނީ ނަގާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 50 މީހުން ވަނީ ނިޔާވެފައެވެ. އެއީ 42 ދިވެހިންނާއި، 8 ބިދޭސީންނެވެ.