ޚަބަރު

ޕްލާސްޓިކު ބޭނުންކުރުން ހުއްޓުވުމަށް ސްކޫލްތަކުގައި އެއާރ ޗެލެންޖް ހަރަކާތް ހިންގަނީ


ޕްލާސްޓިކު ބޭނުންކުރުން ހުއްޓުވުމާ ގުޅޭގޮތުން ސްކޫލްތަކުގައި ހިންގާ އެއާރ ޗެލެންޖް ހަރަކާތް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ.ޢާއިޝަތު ޢަލީ ޢިފްތިތާހުކޮށްދެއްވައިފިއެވެ. މި ޙަރަކާތަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޕާލޭ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ސްކޫލް އެއަރޗެލެންޖުގެ މަގުސަދަކީ އިންޓަރސެޕްޝަން ނުވަތަ ވެށްޓަށް ދިޔަނުދީ ޕްލާސްޓިކު ހިފެހެއްޓުމުގެ އިތުރުން، ޕްލާސްޓިކު ބޭނުންކުރުން ހުއްޓުވުމާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި އުފެއްދުންތެރިކަމުގައި އާ ފަރުމާތަކަށް ބަދަލުވުމުގެ މަސައްކަތްތައް ވެސް ކުރުމަށް ބާރުއަޅައި ހިތްވަރުދިނުމެވެ.

އެއަރޗެލެންޖް ހަރަކާތަކީ އެވޮއިޑް، އިންޓަރސެޕްޓް، ރީޑިޒައިން މިއިން ކޮންމެ ކެޓަގަރީގެ ދަށުން އެއް އަހަރުދުވަހުގެ ތެރޭގައި ތަފާތު މަސައްކަތްތަކެއް ކޮށް ނިންމައި ރިޕޯޓުކުރުމުން ކަ ނޑައެޅިފައިވާ ޕޮއިންޓުތަކެއް ލިބެމުންދާގޮތަށް އިންތިޒާމުކުރެވިފައިވާ ހަރަކާތެކެވެ.

އެއަރޗެލެންޖުގައި ވަނީ ތިން މަރުހަލާއެކެވެ. ފުރަތަމަ މަރުހަލާ ފުރިހަމަވާނީ 1025 ޕޮއިންޓު ހާސިލުވުމުންނެވެ. ދެވަނަ މަރުހަލާ ހާސިލުވާނީ2050 ޖުމުލަ ޕޮއިންޓުންނެވެ. ތިންވަނަ މަރުހަލާ 5075 ޕޮއިންޓުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިނިސްޓްރީން ވިދާޅުވީ ކޮންމެ މަރުހަލާއެއްގައި ކަނޑައެޅިފައިވާ ޕޮއިންޓް ސްކޫލްތަކުން ހާސިލްކުރުމުން، އެއަރޗެލެންޖްގެ އިނާމު ކެޓެލޮގުން އެ ސްކޫލަކުން ޚިޔާރުކުރާ އިނާމުތަކެއް ލިބޭނެކަމަށެވެ.

މިއަދު އިފްތިތާހްކުރެވުނު އެއާރ ޗެލެންޖް ހަރަކާތަކީ ޕާލޭގެ އެއާރ ސްޓްރެޓަޖީ އޮނިގަނޑުގެ ދަށުން 2015 އިން ފެށިގެން ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި ހިންގަމުން އަންނަ އެއާރ ސްކޫލް ޕްރޮގްރާމްގެ އާ ފިޔަވަޅެކެވެ.

އެއާރ ސްޓްރެޓަޖީއަކީ ކަނޑުވެށީގެ ދިރުން ހިމާޔަތްކުރުމަށާއި ތަޣައްޔަރުވުން ހުއްޓުވުމަށްޓަކައި އެވޮއިޑް- އިންޓަރސެޕްޓް – ރީޑިޒައިން، މި ތިން ކަމުގެ މައްޗަށް އެކުލަވާލެވިފައިވާ، ޕްލާސްޓިކު ބޭނުން ކުރުން ހުއްޓުމާއި އުކާލާ ޕްލާސްޓިކު ވެއްޓަށް ދިޔަނުދީ ހިފެހެއްޓުމާއި، ދިރިއުޅުމުގެ ވައްޓަފާޅިއާއި އުފެއްދުންތެރިކަމުގައި އާފަރުމާތަކަށް ބަދަލުވުމަށް އަމާޒުކޮށް މަސައްކަތްކުރުމުގެ އޮނިގަނޑެކެވެ.

2015 ގައި ފެށި އެއަރސްކޫލް ޕްރޮގްރާމް މިހާތަނަށް އަމާޒުކުރެވިފައިވަނީ ކުރިމަގަށް އެންމެ ބޮޑު ނުރައްކަލަކަށްވާ ޕްލާސްޓިކު ވެށްޓަށް ދިޔަނުދީ ހިފެހެއްޓުން ނުވަތަ އިންޓަރސެޕްޝަނަށެވެ. މި ހަރަކާތް ވަނީ ވޭތުވި 3 އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ފެތުރި ފުޅާވެފައެވެ. މިގޮތުން ގޮނޑުދޮށް ސާފުކުރުމުގެ 250 ހަރަކާތް ހިންގިފައިވެއެވެ. އަދި އިންޓަރސެޕްޝަންގައި މިހާތަނަށް ބައިވެރިވެފައިވާ 133 ސްކޫލުން 815،56 ކިލޯ ޕްލާސްޓިކު ވެށްޓަށް ދިޔަނުދީ ރިސައިކްލިންގ އަށް ރާއްޖޭން ބޭރުކުރެވިފައިވެއެވެ.