ޚަބަރު

މެރިކަލްޗަރ ތަރައްޤީކުރަން 2 ޤާނޫނަކަށް އިސްލާޙު ގެންނަނީ


  • މީހުން ތަމްރީންކުރުމަށް 6 ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވޭ

  • މެރިކަލްޗަރ ތަރައްޤީކުރުމަށް 13 ސަރަހައްދެއް ވަނީ ކަނޑައަޅާފައި

މެރިކަލްޗަރ ސިިނާއަތް ތަރައްޤީކޮށް، އެ ސިނާއަތުގައި ހަރަކާތްތެރިވާ މީހުންނަށް ކަންކަން ފަހިވާނެފަދަ މާހައުލެއް ޤާއިމްކުރަން ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ވަކި ސިނާއަތެއްގެ ގޮތުގައި މެރިކަލްޗަރ ސިނާއަތް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ، ކުރަމުންނެވެ. އެގޮތުން މެރިކަލްޗަރއަށް ވަކިން ޚާއްސަ ސަރަހައްދުތަކެއް ކަނޑައަޅައި، އެ ދާއިރާއަށް ދަނީ މީހުން ތަމްރީން ކުރަމުންނެވެ.

މެރިކަލްޗަރ ސިނާއަތަށް މީހުން ތަމްރީން ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފުތާ 14 މަގު ޗާޓުގެ ދަށުން ފައްޓަވަފާއިވާ މަސައްކަތެކެވެ. މި ތަމްރީން ޕްރޮގްރާމުގެ ތެރެއިން ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަނީ ދަސްކޮށްދެމުންނެވެ.

މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 6 ތަމްރީން ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މި ޕްރޮގްރާމުތަކުގައި 76 މީހުން ވަނީ ތަމްރީންކޮށްފައެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، އެންމެ ފުރަތަމަ މި ޕްރޮގްރާމް ކުރިއަށްގެންދަން ނިންމީ ކޮންމެ އަހަރަކު 2 ޕްރޮގްރާމުގެ ގޮތުގައި ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމަކާއިއެކު މިހާރު އަހަރަކު 4 ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ 3ވަނަ އަދި 4ވަނަ ޕްރޮގްރާމް އޮކްޓޯބަރ އަދި ނޮވެމްބަރ މަހު ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މެރިކަލްޗަރ ތަރައްޤީ ކުރުމަށް މެރިކަލްޗަރ ކުރުމަށް ފަހި މާހައުލެއް އޮންނަންޖެހޭ ކަމަށެވެ. އެހެންކަމުން މިކަން ފަހިކޮށްދިނުމަށް ޤާނޫނަށް އިސްލާޙުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"މިހާރު މަޖިލީހުގައި އޮންނާނެ މެރިކަލްޗަރ ފަހިކުރުމަށްޓަކައި 2 ޤާނޫނަކަށް ގެނެވޭ އިސްލާޙު. އޭގެތެރޭގައި މަސްވެރިކަމުގެ ޤާނޫނަށް ގެނެވޭ އިސްލާޙާއި އަދި ހަމަ އެއާއިއެކީގައި ދެން އޮތީ އިސްލާޙަކަށްވުރެ ބޮޑަށް އައު ބިލެއް މަޖިލީހަށް ހުށައެޅިފައި. ރާއްޖޭގައި ފަޅު ރަށްތަކާއި ފަޅުތަކާއި ބެހޭ ޤާނޫނެއް. އެ ޤާނޫނަކީ، މިވަގުތު ބިލެއް އެހެންނަމަވެސް ޤާނޫނަކަށް ބަދަލުވެގެންދާނީ ދާއިރުގައި ރާއްޖޭގައި މެރިކަލްޗަރ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މެރިކަލްޗަރ ކުރުމުގައި މެރިކަލްޗަރއަށް އިންވެސްޓް ކުރުމުގައި އިންވެސްޓްމަންޓުން ގެނައުމުގައި ފަހި މާހައުލެއް ޤާނޫނީ ފްރޭމްވޯކް ޤާއިމްވެގެންދާނެ" ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި މެރިކަލްޗަރ ސިނާއަތް ތަރައްޤީ ކުރުމަށްޓަކައި 6 އަތޮޅަކުން 13 ޒޯނެއް ވަނީ ކަނޑައަޅާފައެވެ. މެރިކަލްޗަރ ކުރުމަށްޓަކައި ޚާއްސަކޮށްފައިވާ ސަރަހައްދުތަކުގެ ބޮޑުމިން 3849 ހެކްޓަރަށް އަރައެވެ.

މެރިކަލްޗަރ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް މޫދުކޮށި ގަތުމަށް މާލީ އެހީދިނުމަށް "މެރިކަލްޗަރ ސްކީމް'ގެ ނަމުގައި ޚާއްޞަ ސްކީމެއް ވަނީ، ތަޢާރަފްކޮށްފައެވެ. މިކަމުގެ ސަބަބުން މިދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ފުޅާކުރުމަށާއި، އަލަށް މި ވިޔަފާރިއަށް ވަނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފަހި ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މީގެ އިތުރުން މެރިކަލްޗަރ ސިނާޢަތް ތަރައްޤީ ކުރުމަށް މަގުފަހިކޮށްދީ، ލުއިފަސޭހަ މާލީ އިންތިޒާމެއްގެ ދަށުން މޫދު ކޮށިތައް ލިބޭނެ މަގު ތަނަވަސް ކޮށްދީގެން، ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރި ފުޅާކުރުމަށް އެހީތެރިވުމަކީވެސް މި ލޯނު ސްކީމް ތަޢާރަފް ކުރުމުގެ ބޭނުމެކެވެ.