ކ. ތުލުސްދޫގައި ކުރިއަށްދިޔަ މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން މުބާރާތުގެ ކާމިޔާބީ ހާއްސަކުރާނީ އާއިލާއަށް ކަމަށް އެ މުބާރާތުގެ މެންސް ރައިސިންގ އިވެންޓުގެ ޗެމްޕިއަންކަން ހޯދި ފްރާންސްގެ ވަރުގަދަ ބޮޑީބޯޑަރު ޕިއޭރް ލުއިސް ކޮސްޓެސް ބުނެފިއެވެ.
ގިނަ އަހަރުތަކެއްވަންދެން ބޮޑީބޯޑިންގެ ދުނިޔޭގެ ރޭންކިންގެ އެއްވަނަ ހޯދި ލުއިސް ބުނީ އަދިވެސް މަތީ ފެންވަރުގައި ބޮޑީބޯޑިންގ އިން ކުރިއަށް ދެވެނީ ހަޔާތުގެ އެތައް ކަމެއް ގުރުބާންކޮށްގެން ކަމަށެވެ. އަދި ބޮޑީބޯޑިން އަކީ އޭނާގެ ހަޔާތުގައި އެންމެ މުހިންމު ކަމެއްދޭ ކަންތައް ކަމަށާއި، މި ފެންވަރުގައި އެއް ވަރެއްގައި ހިފަހައްޓައިލެވުން އެއީ ލިބޭ ހިތްހަމަ ޖެހުމެއް ކަމަށެވެ.
ލުއިސް ބުނީ މި ފަހަރުގެ މުބާރާތް އުނދަގޫ ކަމަށާއި، ހާއްސަކޮށް މިހާރު މުބާރާތްތަކަށް ނުކުންނައިރު، ވާދަ ކުރަންޖެހޭ އެތުލީޓުންގެ ފެންވަރު އެތައް ގުނައެއް ވަރުގަދަ ކަމަށެވެ. އެހެންވެ، ކޮންމެ މުބާރާތަކަށް ވެސް ނުކުންނާނީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށް ލުއިސް ބުންޏެވެ.
ލުއިސް ބުނީ މި ފަހަރުގެ މުބާރާތުން ލިބުނު ކާމިޔާބީ ހާއްސަކުރާނީ އޭނާގެ އާއިލާއަށް ކަމަށެވެ. އަދި މި ފެންވަރުގައި ގިނަ އަހަރުތަކެއް ބޮޑީބޯޑިންގައި ކުރިއަށް ދެވެނީ އާއިލާއިން ދޭ އެއްބާރުލުމުގެ ސަބަބުން ކަމަށާއި، އާއިލާއާ ނުލައި މި ކާމިޔާބީ ނުހޯދޭނެ ކަމަށެވެ.
މި މުބާރާތުގެ ފައިނަލުން ލުއިސް ޖާގަ ހޯދީ ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަހުމަދުގެ މައްޗަށް ސެމީ ފައިނަލުގައި ކުރިހޯދައިގެންނެވެ.
ފައިނަލް ހީޓުގައި ލުއިސް ވާދަކުރީ ސެމީ ފައިނަލުގައި ރާއްޖޭގެ އާމިން ބަލިކޮށް ފައިނަލުން ޖާގަ ހޯދި އާމިޑޭއާއެވެ.
ފައިނަލް ހީޓުގައި ލުއިސް މުޅިއެކު ހަތް ރާޅާ އެޅިއިރު، އޭނާއަށް ޖުމްލަ 18.50 ގެ ސްކޯއެއް ލިބުނެވެ. އާމިޑޭއަށް ލިބުނީ 14.50 ގެ ސްކޯއެކެވެ.
މި ފަހަރުގެ މުބާރާތް ލުއިސް ކާމިޔާބުކުރުމާއެކު އޭނާ ވެފައިވަނީ ބޮޑީބޯޑިން ތާރީހުގައި އެންމެ ގިނަ މުބާރާތްތަކުގައި ޕޯޑިއަމް ފިނިޝް ހޯދި އެތުލީޓަށެވެ. އޭނާ ވަނީ 61 މުބާރާތް ޕޯޑިއަމުން ނިންމާލައިފައެވެ. ވޯލްޑް ރޭންކިންގ އަށް ބަލާއިރު، ލުއިސް މި ވަގުތު އޮތީ ވޯލްޑް ރޭންކިންގެ ތިންވަނައިގައެވެ.