ޚަބަރު

ބައެއް ރިސޯޓްތަކުން މޫދަށް ކުނި އަޅާ މައްސަލަ ފާހަގަކުރެވިފައިވޭ: ޓޫރިޒަމް މިނިސްޓްރީ


ބައެއް ރިސޯޓްތަކުން މޫދަށް ކުނި އަޅާކަން ފާހަގަކުރެވިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްސަދު ރިޒާ ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްސަދު ރިޒާ މިހެން ވިދާޅުވީ ރިސޯޓްތަކުން މޫދަށް ކުނި އަޅާ މައްސަލައާއި ބެހޭގޮތުން މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްސަދު ރިޒާ ވިދާޅުވީ ރިސޯޓްތަކުން މޫދަށް ކުނި އަޅާ މައްސަލަ ހައްލު ކުރުމަށްޓަކާ ވަރަށް ގިނަ މަސައްކަތްތައް މިނިސްޓްރީން ކޮށްފައިވާކަމަށެވެ. އަދި މޫދަށް ކުނި ނޭޅުމަށް ރިސޯޓްތަކަށް ސަރކިއުލާއަކުން އަންގާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރިސޯޓަށް ހެދިފައިވާ ގަވާއިދުތަކަކީ 1997 ގަ ހެދި ގަވާއިދުތަކެއް. މިހެންގޮސް ގެސްޓްހައުސް ގަވާއިދަކީވެސް ގެސްޓްހައުސްއަށް ހުއްދަދެވުނު އިރުގެ ގަވާއިދުތައް. ހުރިހާ ގަވާއިދުތަކަށްވެސް އަޅުގަނޑުމެން ގަބޫލުކުރީ ބަދަލުކުރަންޖެހޭކަމަށް. ގާތްގަނޑަކަށް އަޅުގަނޑު މި ދައްކަނީ 18 ގަވާއިދުގެ ވާހަކަ. އޭރު މަސައްކަތް ފަށާފަ ވަރަށް ގިނަ ގަވާއިދުތައް މިހާރުވާނެ ގެޒެޓްކުރެވިފަ. މި މައްސަލައަށްވެސް ވަގުތީ ހައްލެއް ހޯދަން މިނިސްޓްރީގެ ސަރކިއުލަރ އަކުން އަޅުގަނޑުމެން ވާނެ އަންގާފަ މަނާ ކަމެކޭ، އެގޮތަށް އެކަން ކޮށްގެން ނުވާނެއޭ" އައްސަދު ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅޭ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، ރިސޯޓްތަކުން ކުނި ގެންދިއުމުގެ މަސައްކަތް ހަވާލުކުރާ ކޮންޓްރެކްޓަރުންނަކީ އީޕީއޭގައި ރަޖިސްޓަރ ކޮށްފައިވާ ބައެއްތޯ ޔަގީންކުރަންޖެހޭކަމަށެވެ. އެހެންނަމަވެސް މި ކަމަށް އަމަލުކުރަމުން ނުދާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިހާތަނަށް ބެލިބެލުމުން މޫދަށް ކުނި އަޅަނީ ސީދާ ރިސޯޓްތަކަކުން ނޫންކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ ތިލަފުށީގެ އިތުރުން ވަންދޫގައި ވެސް ކުނި މެނޭޖްކުރުމުގެ ކަންކަން ކުރިޔަށް ގެންދާކަމަށެވެ. އަދި އެ ސަރަހައްދުގެ ރިސޯޓްތަކުން ވަންދޫއަށް ކުނި ގެންދާނެގޮތުގެ ގައިޑްލައިންއެއް އެކުލަވާލާފައިވާކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ގިނަ ގަވާއިދުތަކަކީ ކުރީގެ ޤަވާއިދުތަކެއްކަން ފާހަގަކުރައްވަމުން އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ ވަންދޫގެ ފެސިލިޓީ ގާއިމްކުރިއިރު އެ ސަރަހައްދުގައި އޭރު އޮޕަރޭޓްކުރަމުން އައި 15 ރިސޯޓްކަމަށެވެ. އެހެންނަމަވެސް މިހާރު އެ ސަރަހައްދުގައި ޖުމްލަ 43 ރިސޯޓް އޮޕަރޭޓް ކުރަމުން އަންނަކަމަށާއި އެހެންކަމުން ކުނި މެނޭޖްކުރުމަށް ދަތިތަކާއި ކުރިމަތިވަމުން އަންނަކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްސަދު ރިޒާ ވިދާޅުވީ މޫދަށް ކުނި އަޅާ މައްސަލަ ހައްލުކުރުމަށް ގަވާއިދެއްގެ ޑްރާފްޓެއް ތައްޔާރުކުރަމުންދާކަމަށެވެ. އަދި ކުރިޔަށް އޮތް 2 ނުވަތަ 3 މަހުގެ ތެރޭގައި މި ޑްރާފްޓް ގެޒެޓްކުރެވޭނެކަމަށާއި މި ޤަވާއިދު ގެޒެޓްކޮށް އަމަލުކުރަން ފެށުމާއެކު މި މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.