ޚަބަރު

ޑްރަގު މައްސަލާގައި ކުރި އެންމެ ބޮޑު ޖޫރިމަނާއާއިއެކު ޝާހީން އުމުރަށް ޖަލަށް


7 ކިލޯގެ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ރާއްޖޭގެ މަޝްހޫރު ބޮޑީ ބިލްޑަރ ޝާހީން އިބްރާހީމް ދީދީ އުމަރަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ހުކުމްކޮށްފިއެވެ.

މީނާ ހައްޔަރުކޮށްފައިވަނީ 2018 ވަނައަހަރުގެ ޑިސެމްބަރު މަހުގެ 2 ވަނަދުވަހުގެ ރެއެވެ. އޭނާ ހައްޔަރުކުރީ ހ. ސާމަރާގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާކަމުގެ މައުލޫމާތަކާއި ގުޅިގެން ފުލުހުން ހިންގި އޮޕރޭޝަނެއްގައެވެ. މި އޮޕަރޭޝަންގައި އޭނާގެ ކޮޓަރީގެ ސްޓޮކްރޫމްގައި ޓޭފް އަޅާ ބަންދުކޮށްފައި ހުރި ކަރުދާސް ފޮށިގަނޑެއްގެ ތެރެއިން 7 ޕެކެޓް މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލާގައި މީނާގެ މައްޗަށް އުފުލީ ޑައިފޯމިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ. މި މައްސަލަ ސާބިތުވެ މީނާ އުމަރަށް ޖަލަށްލުމުގެ އިތުރުން ފަސްލައްކަ ރުފިޔާއިން ޖޫރިމަނާވަނީ ކޮށްފައެވެ. އަދި މި ފައިސާ އެއްމަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށްވެސް ކޯޓުންވަނީ އަމުރުކޮށްފައެވެ. މީ މިހާތަނަށް ޑްރަގް މައްސަލައެއްގައި ކަނޑައެޅި އެންމެ ބޮޑު ޖޫރިމަނާއެވެ.

މީނާގެ މައްޗަށް ކުރު ހުކުމްގައި ބުނެފައިވަނީ އޭނާގެ ކޮޓަރުން ފެނުނު ޕެކެޓްތަކުން 6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނުނުކަމަށާއި އެތަކެތި ތަހުލީލުކުރުމުން މަސްތުވާތަކެތިކަން ސާބިތުވާކަމަށެވެ. އަދި މި ދައުވާއަށް އެނާ އިންކާރުކުރިނަމަވެސް ހެއްކާ ގަރީނާތަކަށް ބަލާއިރު ޝައްކެތް ނެތް މިންވަރަށް އެ ކުށް ސާބިތުވާކަމަށްވެސް ދަށުކޯޓްގެ ހުކުމްގައިވެއެވެ.