ޚަބަރު

ބ.ދަރަވަންދޫގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ބައެއް ސަރވޭތައް ނިންމާލައިފި


ބ.ދަރަވަންދޫގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ އިނީޝިއަލް ސާވޭ އާއި ގުރައުންޑް ލެވެލް ސަރވޭ ނިމިފައިވާކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީން ބުނެފިއެވެ.

އެމް.ޑަބްލިއު.އެސް.ސީން ބުނީ، ބ.ދަރަވަންދޫގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ޑީޓެއިލް ޑިޒައިން ހެދުމަށްޓަކައި އީ.އައި.އޭ ހެދުމުގެ މަސައްކަތްތައްކަމަށެވެ.

މި މަޝްރޫޢުގެ ދަށުން އެރަށުގައި، ނަރުދަމާގެ ވިއުގައެއް ޤާއިމްކޮށް ގޭގެއަށް ހޮޅި ގުޅުމާއި ޕަމްޕް ސްޓޭޝަން ޤާއިމްކޮށް ސީ އައުޓްފޯލް އެޅުން ހިމެނެއެވެ. މީގެއިތުރުން ޕަމްޕިން މެއިން ސްޓޭޝަންއެއް ޤާއިމްކުރުމާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖެޓިންމެޝިން ފޯރުކޮށްދިނުންވެސް މިމަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހު ހަވާލުކުރި ބ.ދަރަވަންދޫ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތަކީ 720 ދުވަހުގެތެރޭގައި މަސައްކަތް ނިންމާގޮތަށް 40.2 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.

ލޯކަލް ޓުއަރިޒަމް ފުޅާދާއިރާއެއްގައި ކުރިއަށްދާ މި ރަށުގެ ބައެއް ގެތަކުން ފާޚާނާއިން ބޭރުވާ ނަޖިސް ހިންދަނީ ގޯތި ތެރޭގައި ހަދާފައި ހުންނަ ވަޅުގަނޑުތަކަށެވެ. މިގޮތަށް ހުރުމުގެ ސަބަބުން ވާރޭ ވެހި ފެން ބޮޑުވާ ދުވަސްތަކުގައި ރަށުތެރެއަށް ނަޖިސް ބޭރުވާކަމަށް ދަރަވަންދޫ ކައުންސިލުން ވިދާޅުވެއެވެ.

އާބާދީގައި 1500އެއްހާ މީހުން ދިރިއުޅޭ ދަރަވަންދޫ ކައުންސިލްގެ ރައީސް ޢަލީ މާޖިދު ވިދާޅުވީ، ނަރުދަމާގެ ދަތިކަން ހައްލުވެ ރައްކާތެރި ނިޒާމެއްގެ ތެރެއިން ނަޖިސް ބޭރުކުރެވޭނެ ފުރިހަމަ ނަރުދަމާ ނިޒާމަކަށް ރަށުގެ ރައްޔިތުން އަބަދުވެސް އިންތިޒާރުކުރާކަމަށެވެ.

އީއައިއޭގެ މަސައްކަތް ނިމުމުން ލަސްނުވެ ބ.ދަރަވަންދޫ އާއި ބ.ކެންދޫގެ ނަރުދަމާ ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޑަބްލިއުއެސްސީން ދަނީ ތައްޔާރުވަމުންނެވެ.