ޚަބަރު

އެމެރިކާ ސަރުކާރުން ކަނޑައެޅުއްވި އާ ސަފީރު ފަތްކޮޅު އަރުވައިފި


އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އަތުލް ކޭޝަޕް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ. 



މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، އެމެރިކާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. 



މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އެމެރިކާއާ ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމްކުރެވުނު ފަހުން ފަންސާސް އަހަރު ވެފައިވާކަން ފާހަގަ ކުރައްވައި، އެމެރިކާގެ އާ ސަފީރުގެ ދައުރުގައި، މިގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.



މިއަދުގެ ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އެމެރިކާއާ ދެ ޤައުމުގެ ގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން އެމެރިކާ ސަފީރާއެކު ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ. މިގޮތުން ޚާއްޞަކޮށް ތަޢުލީމީ ދާއިރާއިން ދެޤައުމުގެ ދޭތެރޭ އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.



މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އެމެރިކާއާ ދެޤައުމުން ކަންބޮޑުވާ އެކިއެކި މައްސަލަތަކާ ބެހޭގޮތުންނާއި، މިކަންކަން ޙައްލުކުރެއްވުމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާއާއި އެމެރިކާގެ ސަފީރު ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން، ޓެރަރިޒަމާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި، ދުނިޔޭގެ މޫސުމާ ގުޅޭ އެކިއެކި މައްސަލަތަކުގެ މައްޗަށް ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.



އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އަތުލް ކޭޝަޕް ދެއްކެވި ވާހަކަފުޅުގައި، މިދިޔަ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި ލޯންޗްކޮޅުގައި ހިނގި ހިތާމަވެރި ހާދިސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ލޯންޗްކޮޅުގައި ދަތުރުކުރެއްވި ބައެއް އެހެން ބޭފުޅުން ޒަޚަމްވެފައިވާތީ، އެކަމާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. 



‏‏މި‏‎ ‎‏ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫން ބައިވެރިވެވަޑައިގެންނެވިއެވެ.