ރިޕޯޓް

ކުޅިވަރު ޤާނޫނަށް ގެނެވޭ އިސްލާޙުތަކާއެކު ކުޅިވަރު އޮނިގަނޑެއް އެކުލަވާލެވި، ލާމަރުކަޒުވާނެ

ކުޅިވަރު ޤާނޫނަށް ގެނެވޭ އިސްލާޙުތަކާއެކު ޤައުމީ ކުޅިވަރު އޮނިގަނޑެއް އެކުލަވާލައި، ކުޅިވަރުގެ ދާއިރާ ލާމަރުކަޒު ކުރެވިގެންދާނެކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓްރީން ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ ކުޅިވަރު ޤާނޫނަށް ސަރުކާރުގެ ފަރާތުން ގެންނަން ފެންނަ އިސްލާޙުތައް އެޓަރނީ ޖެނެރަލް އޮފީހާއި މިހާރު ހިއްސާކޮށްފައިވާކަމަށެވެ.

ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނެއް އެކުލަވާލާ ޢަމަލުކުރަން ފަށާފައިވަނީ 2015 ވަނަ އަހަރެވެ. މިއީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާއި ކުޅިވަރު ކުލަބު ޖަމްޢިއްޔާތައް ކުރިއަރުވާ، ޒަމާނީ ފެންވަރުގައި ރާއްޖޭގައި ޤައުމީ ކުޅިވަރު މަޖިލީހާއި މޯލްޑިވްސް ނޭޝެނެލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ޤާއިމުކޮށް ރެގިއުލޭޓްކޮށް، ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ފެޑެރޭޝަންތައް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށް ލިބިދޭ ބާރުތައް ބަޔާންކުރާ ޤާނޫނެކެވެ. ނަމަވެސް މި ޤާނޫނު އޭގެ އެންމެ ފުރިހަމަގޮތުގައި ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއް ހުރުމާއި، ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކަންބޮޑުވުންތަކެއް ހުރުމާއި ގުޅިގެން ޔޫތު މިނިސްޓްރީން ދަނީ އެ ޤާނޫނު އިސްލާޙުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު އިބްރާހީމް ވިދާޅުވީ، މިހާރު ޢަމަލުކުރަމުންދާ ކުޅިވަރު ޤާނޫނުގައި ރާއްޖޭގެ މާހައުލާއި، އަދި އިންޓަރނޭޝަނަލް ފެޑެރޭޝަންތަކުގެ އުޞޫލުތަކާ ތަޢާރަޒުވާ ބައެއް މާއްދާތައް އެބަހުރިކަމަށެވެ. އަދި ނިމިދިޔަ އަހަރުގެ ތެރޭގައި ސްޕޯޓްސް ކައުންސިލުގެ ފަރާތުން ޤާނޫނު އިސްލާޙުކުރުމަށްޓަކާ، މުޅި ޤާނޫނު ރިވިއުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރު ހަރުފަތަކަށް ގެންދެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލާ، އެ ދާއިރާ ލާމަރުކަޒުކުރުމަށް މުހިއްމު ބަދަލުތަކެއް ޤާނޫނަށް ގެނައުމަށް ހުށަހަޅާފައިވާނެކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ފަރާތުން ޤާނޫނަށް ގެންނަން ފެންނަ އިސްލާޙުތައް މިހާރު އެޓަރނީ ޖެނެރަލްގެ އޮފީހާއި ހިއްސާކޮށްފައިވާކަމަށްވެސް އަޙްމަދު އިބްރާހީމް ވިދާޅުވިއެވެ.

"ރަށްރަށުގައިވެސް އެބަތިބި އިނގޭތޯ ވަރަށް ޓެލެންޓެޓް ކުދިން، އެ ކުދިން މީގެ ތެރެއަށްވަދެ، ދިވެހިރާއްޖޭގެ ކުޅިވަރުގެ ތެރެއަށް އިތުރު މީހުން ވައްދާ، މިކަން ކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަކީ އަޅުގަނޑުމެންގެ އަމާޒެއް. އެގޮތުގެ މަތިން ޤާނޫނަށް ގެނައި އިސްލާޙުތަކަކީ ކުޅުންތެރިން އިތުރު ހަރުފަތަކަށް ގެންދެވޭނެ، ބައިނަލްއަޤްވާމީ މައިދާނުގައި އިތުރު ހަރުފަތަކަށް މިހާރަށްވުރެ ބޮޑަށް ގެނެވޭނެ ވިސްނުންތަކަކާ އެކީގައި ގެނެވިފައި ހުރި އިސްލާޙުތަކެއް. މިހާރު އަޅުގަނޑުމެން ވާނީ އެ އިސްލާޙުތައް އޭޖީ އޮފީހަށް ފޮނުވާފައި. އިރާދަކުރެއްވިއްޔާ މި ބަލަނީ ފުރިހަމަކުރަންޖެހޭ އިޖުރާޢަތުތައް ފުރިހަމަކުރުމަށްފަހު މަޖިލީހަށްގޮސް، އަޅުގަނޑުމެން ކުޅުންތެރިންނާއި، ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި، މުޅި ކުޅިވަރު ކޮމިއުނިޓީ ބޭނުންވާގޮތަށް މި ޤާނޫނު ބައްޓަންވެގެންދާނެކަމަށް" ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.

ޑެޕިއުޓީ މިނިސްޓަރ އަޙްމަދު އިބްރާހީމް ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ ޤާނޫނުގައި ކުޅިވަރާބެހޭ މާ ބޮޑު އޮނިގަނޑެއް ފެންނަން ނެތްކަމަށެވެ. އެހެންކަމުން ޤައުމީ ކުޅިވަރު އޮނިގަނޑެއް އެކުލަވާލާ ކްލަބްތަކާ އެސޯސިއޭޝަންތައް އަދި ފެޑެރޭޝަންތައް ހިންގޭނެގޮތުގެ ތަފްޞީލު ޤާނޫނަށް ގެންނަ އިސްލާޙުތަކުގައި ހިމަނާފައިވާނެކަމަށް އަޙްމަދު އިބްރާހީމް ވިދާޅުވިއެވެ.

"ޤައުމީ ކުޅިވަރު އޮނިގަނޑެއް އޭގެ ތެރޭގައި އަޅުގަނޑުމެން ހިމަނާފައިވާނެ. ޤައުމީ އެސޯސިއޭޝަންތައް، ފެޑެރޭޝަންތަކަށް ބަދަލުވާނެގޮތް ހިމަނާފައިވާނެ. އަދި ހަމަ އެއާއެކީގައި ކްލަބްތައް އުފެދޭނެގޮތްތަކާއި، އަދި އެކެޑަމީ އުފެދޭނެގޮތްތައް ހުންނާނެ. އަޅުގަނޑުމެން ބޮޑަށް ބަލާފައި ހުންނާނީ އިންޓަރނޭޝަނަލް ޓަރމްސްތައް ބޭނުންކޮށްގެން، ސްޕޯޓްސްގެ ދާއިރާއަށް އެ މަޙްފޫމްތައް ގެންނަން. އެއީ ކުޅިވަރަކީ ވަރަށް ތަފާތު ހުނަރެއް، ވަރަށް ތަފާތު ކަންތައްތަކެއް ހިމެނޭ ކަމެއްކަމުގައިވާތީ އަޅުގަނޑުމެންގެ ވިސްނުންހުރީ ކުޅިވަރު އޮނިގަނޑު ވީހާވެސް ބޮޑަށް ރައްޔިތުންނަށް ފަހުމްވާނެ އަދި ވީހާވެސް އިތުރު ހަރުފަތަކަށް ގެންދެވޭނެ ގޮތަކަށް ބައްޓަންކުރަން" ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.

ކުޅިވަރުގެ ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ މުހިއްމު އިސްލާޙުތަކުގެ ތެރޭގައި ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމަށް ނޭޝެނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ހަރުދަނާކުރުމާއި، ރާއްޖޭގައި ހައި ޕަރފޯމެންސް ސެންޓަރެއް ޤާއިމުކުރުން ހިމެނޭކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ. އަދި ރާއްޖޭގައި މަނާބޭސް ބޭނުންކުރުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާކޮށް، މޯލްޑިވްސް ނޭޝެނަލް އެންޓި-ޑޯޕިންގ އެޖެންސީ، މަނާޑާގެ މަސައްކަތްތައްވެސް ފުޅާކުރުމަށް މުހިއްމު ކަންތައްތަކެއް ހިމަނާފައިވާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް މަނާޑާ ކޯޑެއް އެކުލަވާލާ، އެކޯޑު ވޯލްޑް އެންޓި-ޑޯޕިންގ އެޖެންސީވެސް ފާސްކުރައްވާފައިވާކަން ޔޫތު މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.