މިޞްރުގެ ޓެލެކޮމް އިމާރާތެއްގައި ރޯވެ ހަތަރު މީހުން މަރުވެ މުވާސަލާތީ ގުޅުމަށް ބުރޫއަރައިފިއެވެ.
ޓެލެކޮމް އީޖިޕްޓުގެ ޑާޓާ މަރުކަޒެއްގައި ރޯވީ ޖުލައި މަހުގެ 7ވަނަ ދުވަހުއެވެ. އެ ހާދިޘާގައި އެ މަރުކަޒުގެ ހަތަރު މުވައްޒަފުން މަރުވެފައިވާއިރު، އިތުރު 22 މީހުން ޒަޚަމްވެފައިވާ ކަމަށް މިޞްރުގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ. މިޞްރުގެ ވެރިކަންކުރާ ރަށް ކަމަށްވާ ކައިރޯގެ ރަމަސީސް ޑިސްޓްރިކްޓުގައި ރޯވި މި އަލިފާންގަނޑު ހަމަ އެ ދުވަހުގެ ވަގުތެއްގައި ވަނީ ފެތުރުން ހުއްޓުވައިފައެވެ.
އެ ހުޅުގަނޑުގެ ސަބަބުން މުވާސަލާތީ ގުޅުމަށް ބުރޫއަރައި، ފޯނު ކޯލު ކުރުމާއި އިންޓަނެޓުގެ ޚިދުމަތަށް ވަނީ އަސަރުކޮށްފައެވެ. އަލިފާންގަނޑުގެ ސަބަބުން ނެޓްވޯކު ޚިދުމަތް ލިބެމުން ދިޔައީ އާންމުކޮށް އެ ޚިދުމަތް ލިބޭ މިންވަރުގެ 62 އިންސައްތައަށެވެ. އޭގެ އިތުރުން ޑިޖިޓަލް ބޭންކިންގ ނިޒާމުތަކަށް ވެސް ކޮންމެވެސް ވަރަކަށް ބުރޫއަރާފައިވެއެވެ. އެ ގޮތުން އޭޓީއެމުން ފައިސާ ނެގުމަށް ވެސް ދަތިތައް ކުރިމަތިވިއެވެ. މި ޙާލަތުގައި އެމްބިޔުލަންސުގެ ޚިދުމަތް ހޯދުމަށް ގުޅާ ނަންބަރާ ގުޅުމުގައި ވެސް ދަތިތައް ހުރުމުން، ޞިއްޙީ ވުޒާރާއިން ވަނީ އެހެން ނަންބަރެއް އެ ޚިދުމަތަށް ހަމަޖައްސައިފައެވެ.
މިޞްރުގެ ޞިއްޙީ ވުޒާރާގެ ތަރުޖަމާނު، ހުސާމް އަބްދުލް ޣައްފާރު ވިދާޅުވީ ޒަޚަމްތައް ލިބުނު މީހުންނަށް މައިގަނޑުގޮތެއްގައި މައްސަލަތައް ކުރިމަތިވީ ދުމުގެ އަސަރުކޮށްގެން ކަމަށެވެ.
މިޞްރުގެ ޤައުމީ ޓެލެކޮމް އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ އަލިފާން ރޯވީ ރަމަސީސް ސްވިޗުބޯޑުގައި ރޯވެގެން ކަމަށެވެ. އިބްތިދާއީ ހޯދުންތަކުން އެނގޭ ގޮތުގައި ސްވިޗުބޯޑަށް މައްސަލަ ކުރިމަތިވީ ކަރަންޓު ޝޯޓެއްގެ ސަބަބުންނެވެ. 24 ގަޑިއިރުގެ ތެރޭގައި އަލުން ޚިދުމަތްތައް ދޭން ފެށޭނެ ކަމަށް އެ ޤައުމުގެ މުވާސަލާތީ ވަޒީރު ވަނީ ވިދާޅުވެފައެވެ.