ޚަބަރު

ފުވައްމުލައް ވިމެންސް ޓީ10 ކްރިކެޓް ކަޕުގެ ޗެމްޕިއަންކަން ވިކެޓް ވޯރިއާސްއަށް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ފުވައްމުލައް ސިޓީގައި ކުރިއަށްގެންދިޔަ ފުވައްމުލައް ވިމެންސް ޓީ10 ކްރިކެޓް ކަޕުގެ ޗެމްޕިއަންކަން ވިކެޓް ވޯރިއާސްއިން ހޯދައިފިއެވެ.

ވިކެޓް ވޯރިއާސްއިން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ 24 ލަނޑުގެ ތަފާތުން ޓީމް ބެޓްލިންގ ބްލާސްޓާސް ބަލިކޮށްގެންނެވެ. ފައިނަލު މެޗުގައި ޓޮސް ދިމާވުމުން ވިކެޓް ވޯރިއާސްއިން ނިންމީ ކުޅެން އަރާށެވެ. އެޓީމުން ކުޅެން އަރާ 10 އޯވަރުގެ ތެރޭގައި 5 ވިކެޓަށް ހެދިފައި ވަނީ 49 ލަނޑެވެ. ޖަވާބުގައި ބެޓްލިންގ ބްލާސްޓާސް ކުޅެން އަރައި 8.4 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 25 ލަނޑެވެ.

މިމުބާރާތުގައި ފަސް ޓީމެއް. ވަނީ ވާދަކޮށްފައެވެ. އެއީ މާކޯނި އާއި، ބެޓްލިންގ ބްލާސްޓާސް އާއި، ކަނބުލޮ އާއި، އޯކިޑު އަދި ވިކެޓް ވޯރިއާސްއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިމުބާރާތުގެ ކުޅުން ކުރިއަށް ދިޔައީ ފުވައްމުލަކުގެ ދެ ޕިޗެއްގައި ކޮންމެ ދުވަހަކު ހަތަރު މެޗު ކުޅޭގޮތަށެވެ.

މިމުބާރާތުގެ ކުޅުން ކުރިއަށްގޮސްފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެއް ފައިނަލުގައި ވާދަކުރާ ގޮތަށެވެ.

މިމުބާރާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ސީބީއެމްގެ ރީޖަނަލް ޑެވެލޮޕްމެންޓު މެނޭޖަރ ހަސަން މުތީއު ބުނީ މުބާރާތް ވަރަށް ފޯރިއާއެކު ކުރިއަށްދިޔަކަމަށާއި އެކި އުމުރުފުރާތަކުން މުބާރާތުގައި ވާދަކޮށްފަވާކަމަށެވެ. މީގެ ތެރޭގައި އުމުރުގެ ގޮތުން ވަރަށް ހަގު ކުދިންނާއި، ބެލެނިވެރިންނާ ޓީޗަރުންވެސް ހިމެނޭ ކަމަށާ، މުބާރާތަށް ފުވައްމުލަކުން ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އޭނާ ހާމަކުރިއެވެ.

"މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު. ހުރިހާ އުމުރުފުރާއަކުން ބައިވެރިން މުބާރާތުގަ ވާދަކޮށްފަވޭ. އުމުރުން ފަނަރަ ސޯޅަ އަހަރުގެ ކުދިންނާއި ބެލެނިވެރިންނާ، ސްކޫލުގެ ޓީޗަރުންވެސް މިމުބާރާތުގައި ވާދަކުރި" މުތީއު ބުންޏެވެ.

މިއީ ރާއްޖެގައި ބޭއްވޭ އަންހެނުންގެ އެންމެ ބޮޑު ކުރިކެޓު މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ އެގާރަ މެޗުވަނީ ކުޅެފައެވެ. މިއީ މިމުބާރާތް ބޭއްވުނު ތިންވަނަ އަހަރެވެ. މިއަހަރުގެ މުބާރާތް 65 ބައިވެރިންނާއެކު ކުރިއަށް ގެންގޮސްފައި ވަނީ ހާފިޒް އަހުމަދު ސްކޫލާ ގުޅިގެންނެވެ. ސީބީއެމްއިން މައުލޫމާތުދީފައިވާގޮތުގައި މިފަދަ އެހެން މުބާރާތެއް މިއަހަރުގެ އޮގަސްޓުމަހަށްވެސް ވަނީ ތާވަލުކޮށްފައެވެ.