ދުނިޔެ

ހުޅަނގުން އެހެން ޤައުމުތަކަށް ވެކްސިން ބަހަނީ އަޖުމަ ބަލަން - ޚާމަނާއީ


އީރާނަށް އެމެރިކާއާއި އިނގިރޭސިވިލާތުން ކޯވިޑް ވެކްސިން އެތެރެކުރުން އެ ޤައުމުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ ޢަލީ ޚާމަނާއީ މަނާކުރައްވައިފިއެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ޙިޠާބެއްގައި ޚާމަނާއީ ވިދާޅުވީ ކޯވިޑްގެ ސަބަބުން އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާއާއި އިނގިރޭސިވިލާތް ހިމެނޭއިރު، ހުޅަނގުގެ އެ ދެ ޤައުމުން ގެންނަ ވެކްސިނާއި މެދު އެއްވެސް ޔަޤީންކަމެއް ނެތްކަމަށެވެ.

ކޯވިޑް ޖެހިގެން އެމެރިކާގައި ދުވާލެއްގެ މައްޗަށް 4،000 މީހުން މަރުވަމުންދާކަން ފާހަގަކުރައްވާ ޚާމަނާއީ ވިދާޅުވީ އެމެރިކާއިން ވެކްސިނެއް ތައްޔާރުކުރުމުގައި ކާމިޔާބުވެފައިވާނަމަ އެމެރިކާގައި ކޯވިޑްގެ ސަބަބުން އެހާ ޙާލަތު ގޯސްވާންވީ ސަބަބު ވިސްނިވަޑައިނުގަންނަވާކަމަށެވެ. އަދި އެމެރިކާގެ ފައިޒާ ކުންފުނިން އުފެއްދި ވެކްސިން ބާޒާރަށް ނެރުމުގެ ގާބިލިއްޔަތުކަން ހުރިއިރު އަމިއްލަ ޤައުމުގައި މަރުވާ މީހުން މަދުކުރުމަށް ބޭނުންކުރުމުގެ ބަދަލުގައި އެހެން ޤައުމުތަކަށް ދޭ ސަބަބާއި މެދުވެސް ޚާމަނާއީ ވަނީ ސުވާލު އުފައްދަވާފައެވެ.

އިނގިރޭސިވިލާތާއިމެދުވެސް ހަމަ އެ ޝަކުވާތައް އޮތްކަމަށާއި، އެމެރިކާއާއި އިނގިރޭސިވިލާތުން އެހެން ޤައުމުތަކުގެ ރައްޔިތުންނަށް ވެކްސިން ދެނީ ވެކްސިންގެ އަޖުމަ ބެލުމަށް ކަމަށް ޚާމަނާއީ ވަނީ ތުހުމަތުކުރައްވާފައެވެ.

ޚާމަނާއީ ވިދާޅުވީ 1990ގެ އަހަރުތަކުގެ ކުރީކޮޅުގައި އީރާނަށް ތަޣައްޔަރުވެފައިވާ ލޭ ފަރަންސޭސިވިލާތުން ފޯރުކޮށްދީފައިވާތީ އެ ޤައުމާއި މެދުވެސް އެއްވެސް އިތުބާރެއް ނެތްކަމަށެވެ. އޭރު ފަރަންސޭސިވިލާތުން އީރާނަށް ފޯރުކޮށްދީފައިވަނީ އެޗުއައިވީ ޖެހިފައިވާ މީހުންގެ ލެއެވެ. އޭގެ ސަބަބުން އީރާނުގެ އެތައް ސަތޭކަ ބަލިމީހުންނަށްވަނީ އެޗުއައިވީ ޖެހިފައެވެ. އެ ހާދިޘާއަށްފަހު ފަރަންސޭސިވިލާތުން އީރާނަށް އެއްވެސް ބަދަލެއް ދީފައި ނުވާކަމަށް އީރާނުން ބުނެއެވެ.

ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއިއެކު އީރާނިއަން ރެޑް ކްރެސެންޓު ސޮސައިޓީން ފައިޒާ ވެކްސިންގެ 150،000 ޑޯޒް އެތެރެކުރުމަށް ކުރަމުންދިޔަ މަސައްކަތް އީރާނުގެ އެންމެ މަތީ ވެރިޔާގެ ނިންމުމާއިއެކު މިވަނީ ހުއްޓުމަކަށް އައިސްފައެވެ.

އެ ޖަމުޢިއްޔާގެ ތަރުޖަމާނު މުޙައްމަދު ޙަސަން ގައުސިއަން ވިދާޅުވީ ރެޑް ކްރެސެންޓު ސޮސައިޓީން ޢަމަލުކުރާނީ ޤައުމުގެ އެންމެ މަތީ ވެރިޔާގެ ނިންމުމާއި އެއްގޮތަށްކަމަށެވެ.

ޗައިނާއިން އުފައްދާފައިވާ ވެކްސިނެއްގެ އެއް މިލިއަން ޑޯޒް ގަތުމަށް މަސައްކަތްކުރުމަށް ނިންމާފައިވާކަން އީރާނުގެ ރެޑްކްރެސެންޓުން މީގެ ކުރިންވަނީ އިޢުލާނުކޮށްފައެވެ. އޭގެ އިތުރުން އީރާނުގެ ސަރުކާރުންވެސްދަނީ ދުނިޔޭގެ ހުރިހާ ސަރަޙައްދަކަށް ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ހިންގަމުންދާ ކޯވެކްސް މަޝްރޫޢު މެދުވެރިކޮށް ކޯވިޑް ވެކްސިން 16.8 މިލިއަން ޑޯޒު ހޯދުމަށް މަސައްކަތްކުރަމުންނެވެ.

އީރާނުންވެސްދަނީ ކޯވިޑާއި ދެކޮޅަށް ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން ކޯވިރާން ބަރަކާތުގެ ނަމުން ނަންދީފައިވާ ވެކްސިނެއް އިންސާނުން ބޭނުންކޮށްގެން ތަހުލީލުކުރުމުގެ މަސައްކަތް މިދިޔަ ޑިސެމްބަރު މަހުގެ 29ވަނަ ދުވަހުގައި އެ ޤައުމުގައިވަނީ ފަށައިފައެވެ. އަދިވެސް އިތުރު ވެކްސިންތައް އެ ޤައުމުގައި ތައްޔާރުކުރަމުންދާއިރު ފެބުރުއަރީ މަސް ނިމުމުގެ ކުރިން ޖަނަވާރުން ބޭނުންކޮށްގެން ކުރާ ތަހުލީލުތައް ނިމުމަކަށް އަންނާނެކަމަށް ބެލެވެއެވެ.