ދުނިޔެ

ޔޫރަފުގައި ކޯވިޑް ނަމްބަރު 25 މިލިއަން ހުރަސްކޮށް މައްޗަށް


ވިލާތުގައި ކޯވިޑް ޖެހުނު މީހުންގެ ޢަދަދު 25 މިލިއަން ހުރަސްކޮށްފިއެވެ. ވިލާތުގެ ގިނަ ޤައުމުތަކުގައި ކޯވިޑް ޙާލަތު ގޯސްވުމުގެ ސަބަބުން، އެ ޤައަމުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް ބައެއް ޤައުމުތައްދަނީ ފުރަބަންދުކުރަމުންނެވެ. އެ ބައްރުގެ ޤައުމުތަކުގެ ޞިއްޙީ ނިޒާމުތަކަށް ހިފަހައްޓައިނުލެވިދާނެކަމުގެ ބިރުވެސްވަނީ ހީވެފައެވެ.

ކޯވިޑް ފެތުރެން ފެށީއްސުރެ ވިލާތުގައި މިހާތަނަށް 25،016،506 މީހުންނަށް ކޯވިޑް ޖެހި 559،863 މީހުންވަނީ މަރުވެފައެވެ. އެ ބައްރުގައި ކޮންމެ ހަތަރު ދުވަހެއްގެ ތެރޭގައި އެއް މިލިއަން މީހުންނަށް ދަނީ ބަލިޖެހެމުންނެވެ.

މުޅި ދުނިޔޭގައި ބަލިޖެހިފައިވާ މީހުންނާއި ބަލީގައި މަރުވެފައިވާ މީހުންގެ 30 އިންސައްތަ ޙިއްޞާކުރަނީ ދުނިޔޭގެ އާބާދީގެ ދިހަ ބައިކުޅަ އެއްބައި އޮންނަ ވިލާތުންނެވެ. އެއާއިއެކު އެ ބައްރު އޮތީ ކޯވިޑްގެ ސަބަބުން އެންމެ ޙާލަތު ގޯސްވެފައިވާ ސަރަޙައްދުގެ ގޮތުގައެވެ.

ވިލާތަށް ނިސްބަތްވާ އިނގިރޭސިވިލާތުގައި ވައިރަހުގެ އައު ވައްތަރެއް ފެތުރި ނުރައްކާ އިތުރުވެފައިވާތީ އެ ޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންވަނީ މިދިޔަ އަންގާރަ ދުވަހު މުޅި ޤައުމު ފުރަބަންދު ކުރިކަން އިޢުލާނުކުރައްވާފައެވެ. މަދުވެގެން ހަ ހަފުތާގެ މުއްދަތަށް ފުރަބަންދު އިޢުލާނުކުރައްވަމުން ބޮޑުވަޒީރު ޖޮންސަންވަނީ ވެކްސިން ދިނުމުގެ މަސައްކަތާއި އެކުއެކީގައި ބަލީގެ އައު ވައްތަރު ފެތުރުން ހުއްޓުވުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ފާހަގަކުރައްވާފައެވެ.

ވިލާތުގެ ޤައުމުތަކުގެ ތެރެއިން ދުވާލެއްގެ މައްޗަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވަމުންދަނީ ޖަރުމަނުވިލާތުގައެވެ. ފާއިތުވި ހަފުތާގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 600 މީހުން އެ ޤައުމުގައިވަނީ މަރުވެފައެވެ. އެ ޤައުމުގައި މީގެ ކުރިން އިޢުލާނުކޮށްފައިވާ ފުރަބަންދު މިހާރުވަނީ ޖަނަވަރީ މަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައިފައެވެ. އެ ޤައުމުގެ ޗާންސެލަރ، އަންގެލާ މާކެލް ވިދާޅުވީ ހަސްފަތާލުތަކަށް ބާރުބޮޑުވެފައިވާކަމަށާއި، ހާއްޞަކޮށް ޙާލު ދެރަވާ މީހުންނަށް ފަރުވާދޭ އައިސީޔޫތަކުގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަމަށެވެ.

އިޓަލީވިލާތުގައި ޑިސެމްބަރު މަހުގެ ފަހުކޮޅު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރުވަނީ ޖަނަވަރީ މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައެވެ. ގުރީސުންވަނީ ޖަނަވަރީ މަހުގެ 3ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ހަރުކަށި ފުރަބަންދެއް ޤާއިމްކޮށްފައެވެ.

ވިލާތުގެ އިރުމަތީ ސަރަޙައްދުތަކުގައި ހިމެނޭ ޤައުމުތަކުގެ ޙާލަތު ވަކިން ގޯހެވެ. އެގޮތުން ވިލާތުގައި ބަލިޖެހިފައިވާ މީހުންގެ 30 އިންސައްތަ ޙިއްޞާކުރަނީ އެ ސަރަޙައްދުގައިވާ ޤައުމުތަކުންނެވެ. ވިލާތުގެ ޤައުމުތަކުގެ ތެރެއިން 3 މިލިއަން މީހުންނަށް ބަލިޖެހިފައިވާކަމަށް ފުރަތަމަ ރިޕޯޓުކުރި ރަޝިޔާ އޮތީ މުޅި ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވާ ޤައުމުގެ ގޮތުގައެވެ. ސްލޮވޭކިއާގައި ރެކޯޑު ޢަދަދެއްގެ މީހުންނަށް ބަލިޖެހި، ހަސްފަތާލުގައި ގިނަ ޢަދަދެއްގެ މީހުންނަށްދަނީ ފަރުވާދެމުންނެވެ.

ވިލާތުގެ ޤައުމުތަކުގައި ބަލިފެތުރޭ މިންވަރު އިތުރުވަމުންދާތީ، އެ ސަރަޙައްދުގައި ބައްޔާއި ދެކޮޅަށް ވެކްސިން ދިނުމުގެ އިންތިޒާމްތައް ކުރިއަށް ގެންދާނެ ގޮތާއި މެދު ދަނީ ބަހުޘްކުރަމުންނެވެ. ބައެއް ޤައުމުތަކުން މިހާރުވަނީ އިނގިރޭސިވިލާތުން ނިންމާފައިވާ ގޮތަށް ދެ ޑޯޒް ހިމެނޭ ވެކްސިންގެ ފުރަތަމަ ޑޯޒް ވީހާވެސް ގިނަ މީހުންނަށް މިވަގުތު ދީ، ދެވަނަ ޑޯޒް ދިނުން ލަސްކޮށްލުމަށް ނިންމާފައެވެ.