ޚަބަރު

އޭދަފުށި : އާ ބަނދަރެއްގެ އިންތިޒާރުގައި


ބ.އަތޮޅުގެ ވެރިކަން ކުރާރަށް އޭދަފުށީގައި ބަނދަރެއްގެ ފަސޭހަކަން ލިބިގެން ދިޔައީ 1995 ވަނަ އަހަރުއެވެ. އެއީ އޭރު އަތޮޅުތެރޭގެ ރަށެއްގައި ޤާއިމްކުރި އެންމެ ބޮޑު ބަނދަރުވެސްމެއެވެ. އެކަމަކު މިހާރު އެބަނދަރު ތޮށްޖެހި، ބޭނުންކުރުމުގައި ދަތިތަކެއް ހުރިކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ 25 އަހަރު ކުރިން ހެދި މި ބަނދަރު 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި އެއްކޮށް ހަލާކުވެގެން ދިޔައެވެ. އޭގެފަހުން ޖެހިގެން އައި އަހަރު އެބަނދަރު އަލުން މަރާމާތުކޮށް ބޭނުން ކުރަން ފެށީ ކޮންމެވެސް ވަރަކަށް ބޮޑުކޮށްގެންނެވެ.

900 ފޫޓް ދިގު 320 ފޫޓް ފުޅާ މިބަނދަރު ފުރި، ބާރުވެ މުދާބާލާ އެރުވުމަށް ބޮޑެތި ދަތިތަކެއް އެބަހުއްޓެވެ. މި ރަށަކީ އަތޮޅުގެ ވެރިކަން ކުރާރަށަށްވުމުން ޒަރޫރީ ބޭނުންތައް ފުއްދުމަށް ދުވާލެއްގެ މައްޗައް އެތައް ލޯންޗަކާ ދޯނިތައް މިރަށަށް އާދެއެވެ. ރަށަށް އެކި ބޭނުންތަކަށް އަންނަ މީހުން ކުރާ އެންމެ ބޮޑު އެއް ޝަކުވާއަކީވެސް މީއެވެ. ބަނދަރުގެ ދަތިކަމެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދު ރަޙްމާން ވިދާޅުވީ ބަނދަރު ޕްލޭނެއް ހެދިޔަސް އަމަލު ކުރުމުގައި ގޮންޖެހުންތަކެއް އެބަހުރިކަމަށާ، އެއީ ބަނދަރު ފުރިފައި އޮތުމުންކަމަށެވެ. ތޮލާލް ވިދާޅުވީ މީހުން އަރާ ފޭބުމަށް އޮތީ ހަމައެކަނި ފާލަން ސަރަހައްދުކަމަށެވެ. މަސްބާލަން ވަކި ސަރަހައްދެއް ކަނޑައަޅާފައި އޮތްނަމަވެސް އެސަރަހައްދުވެސް އޮތީ އޮޑިދޯނިފަހަރާ ކުދި ޑިންގީތަކުން ފުރިފައިކަމަށެވެ.

ރާއްޖޭގެ ނިސްބަތުން ގިނަ އަދަދަކަށް ފެރީ ލޯންޗް އޮންނަ މި ރަށަށް އަންނަ ފެރީ ލޯންޗް ތަކާ އަތޮޅު ފެރީ ކައިރިކުރުމަށް ވަކި ސަރަހައްދެއް ކަނޑައެޅެން ނެތް ކަމަށާއި، ވިޔަފާރި މުދާ ބާލާ ބޯޓްފަހަރު ކައިރި ކުރުމަށްވެސް ވަކި ސަރަހައްދެއް ކަނޑައެޅިފައެއް ނެތުމަކީ ހިތާމަ ކުރާކަމެއްކަމަށް އޭދަފުށީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"ވަރަށް ގިނަ ޝަކުވާ އާދޭ ބަނދަރުގައި ތަންނެތީޔާ ފާލަން ކައިރީގައިވެސް އަޅާނެކަމަށް ގަބޫލް ކުރެވެނީ، ގިނަ ފަހަރު އިމަޖަންސީކޮށް ލޯޗެއް ފުރުވާލަން ނުވަތަ ކައިރި ކުރަންވިޔަސް ވަރަށް ބޮޑެތި ގޮންޖެހުންތައްހުރޭ، އެއީ ކައިރިކުރެވޭނެ ގޮތެއް ނެތީމަ" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ފާލަމުގެ ދެ ފަރާތް އަބަދުވެސް ބޭނުން ކުރަމުން އަންނަނީ އިމަޖަންސީ ދަތުރުތައް ކުރުމަށާއި މީހުން އަރާ ފޭބުމަށެވެ. ދުވާލެއްގެ މައްޗައް އެތައް ލޯންޗަކާއި ދޯންޏެއް ކައިރިކުރާ އޭދަފުށީ ބަނދަރު ފުރިފައިވަނީ މަސްވެރިކަން ކުރުމަށް ކުރުމަށް ބޭނުންކުރާ ކުދި އުޅަނދު ފަހަރުންނެވެ. އެކަމަކު މި އުޅަނދުތައް އަޅާނެ އެހެން ތަނެއް މިރަށަކުނެތެވެ.

މިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ވަނީ 2020 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި އެކަން ހިމަނާފައެވެ. އެހެންނަމަވެސް އެކަން ނުވީ ކޯވިޑް19ގެ ބަލިމަޑުކަމާއި ގުޅިގެންކަމަށް އެރަށު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ކައުންސިލުން ބުނީ މިހާރު އޮތް ބަނދަރު ބޮޑުކުރުމަށް މިދިޔައަހަރުގެ ޑިސެމްބަރުމަހުތެރޭގައި ސާވޭކޮށްފައިވާކަމަށެވެ. މިހާރު އޮތް ބަނދަރަށް ބައެއް އިތުރު ކުރާނަމަ ރަށުގެ ފަސްގަނޑުން ބޮޑުބައެއް ދާނެކަމަށާ، ބަނދަރަށް ބައެއް އިތުރުކޮށްގެން ފަޅުގެ ދަތިކަން ހައްލުވާނެކަމަށް ގަބޫލް ނުކުރާކަމަށް އެރަށު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"ކިހިނެއްތޯ އެކަން ކުރާނީ ބަނދަރުގެ އިރުމަތީ ފަރާތަކީ ވިޔަފާރި މުދާ ގުދަން ކުރުމަށް ދޫކޮށްފައި އޮންނަ ސަރަހައްދު އަނެއްކާ ޖެހިގެން އެއޮތީ ފުޓްބޯޅަ ދަނޑު ބަނދަރުގެ ހުޅަގު ފަރާތުގައި އެއޮތީ ސްޓޭޖް ސަރަހައްދު މި ސަރަހައްދުގައި ބަނދަރު ބޮޑު ކުރާނަމަ ފަސްގަނޑުން އެގެއްލެނީ ކިހާބޮޑު ތަނެއްތޯ؟ މިހާރު އޮތް ބަނދަރު ބޮޑުކުރާނަމަ ކުރެވޭނީ ގާތްގަނޑަކަށް 50 ފޫޓްކަމަށް ލަފާކުރެވެނީ މިހުރިހާކަމެއްވާނީ ސަރުކާރާ ހިއްސާކޮށްފައި، އާ ބަނދަރެއް ނުހަދާ މިކަންކަން ހައްލުކުރެވޭނެކަމަށް ގަބޫލެއް ނުކުރަން" އޭދަފުށީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ތިންހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ އޭދަފުށީ ބިންހިއްކައި ރިވެޓްމަންޓް ޖެހިއިރު، އޭރުގެ ސަރުކާރުން ވަކި ސަރަހައްދެއް ރިވެޓްމަންޓް ނުޖަހާ ބާއްވާފައި އޮތީ ބަނދަރަކާ އެކު ދޯނި އެހެލާ ބާލާނެ ސަރަހައްދެއް ހެދުމަށެވެ. ދާދިފަހުން ކުރި ސާވޭގައި އެ ސަރަހައްދުގެ އީއައިއޭ ހަދާފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ.