ޚަބަރު

ވޭމަންޑޫ ނަރުދަމާ ނިޒާމުގެ މަޝްރޫޢަށް ބައެއް ބަދަލުގެންނަންޖެހޭ - އެމްޑަބްލިއުއެސްސީ


ތ.ވޭމަންޑޫގައި ކުރިއަށްގެންދާ ނަރުދަމާގެ މަޝްރޫއަށް ބައެއް ބަދަލު ގެންނަންޖެހޭކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއްޖެއެވެ. ކުރީގެ ސަރުކާރުން ފެށި މިމަސައްކަތް ނިންމަން އެއްބަސްވިގޮތަށް ނިންމާފައިނުވުމަކީ ވޭމަންޑޫގެ ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުމެކެވެ.

ތ.ވޭމަންޑޫގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތުގެތެރެއިން ނުނިމިހުރި މަސައްކަތް ނިންމުމަށް އެމްޑަބްލިއުއެސްސީއާވަނީ މިހާރު ޙަވާލުކޮށްފައެވެ. މިމަސައްކަތް ފަށްޓަވައިދެއްވީ ވޭމަންޑޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހްއެވެ.

މިރަސްމިއްޔާތުގައި ޙަސަން ޝާހް ވިދާޅުވީ ކުރިން ކޮށްފައިހުރި ބައެއް މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެންނަން ޖެހޭކަމަށެވެ. ޝާހް ވިދާޅުވީ މިއީ ރައްޔިތުންގެ އަސާސީ ޙައްގަކަށްވާއިރު މަސައްކަތް އަވަހަށް ވީއެންމެ ރަނގަޅަކަށް ނިންމުމުމަކީ އަމާޒެއްކަމަށެވެ.

ޝާހްވަނީ ކުރީގެ ސަރުކާރުން ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަމެއްގައި އިހުމާލުވެފައިވާތީ އެކަމަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި މިފަދަ ތަރައްޤީގެ މަޝްރޫއުތަކުގައި މަގުތައް ކޮނުނާއި އެނޫންވެސް ގޮތްގޮތުން ކުރިމަތިވެދާނެ ދަތިތަކަށް ކެތްތެރިވެ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝާހްވަނީ ޝުކުރުއަދާކުރައްވާފައެވެ. އަދި މިމަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާކަން ފާހަގަކުރައްވައި ޝާހުވަނީ އެމްޑަބްލިއުއެސްސީގެ ބެލުމުގެދަށުން މަސައްކަތް ނިންމަން ކަންޑައަޅާފައިވާ މުއްދަތަށް ނިންމާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވޭމްންޑޫ ކައުންސިލުންވަނީ މިމަޝްރޫ ހުއްޓި ކުރިއަށް ކުރިއަށްނުގޮސް އޮތުމަކީ ރައްޔިތުން ވަރަށްބޮޑަށް ކަންބޮޑުވެ އެކަމުގެޝަކުވާ ގިނަވެފައިވާކަން ކަމެއްކަން ފާހަގަކުރައްވާފައެވެ.

ނިމިދިޔަ ސަރުކާރުން ވޭމަންޑޫ ނަރުދަމާގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏަކާއެވެ. މިމަސައްކަތް އޮތީ 149 މިލިއަން ރުފިޔާއަށް 18 މަސްދުވަހުގެތެރޭހައި މަސައްކަތް ނިންމުމަށް ޙަވާލުކޮށްފައެވެ. އެހެންނަމަވެސް އެއްބަސްވުމުގައިވާ މުއްދަތުގެ ތެރޭގައި އެކުންފުނިން މިމަސައްކަތް ނިންމާފައެއްނުވެއެވެ. އޭގެ ސަބަބުން މިސަރުކާރުންވަނީ މިދިޔަ އަހަރުގެ ތެރޭގައި އެއްބަސްވުން ބާޠިލްކޮށްފައެވެ. އަދި އޮކްޓޯބަރު މަހު މިމަޝްރޫގެ ދަށުން ނުނިމިހުރި މަސައްކަތް ނިންމުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސުންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވަނީ އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައެވެ.