ދުނިޔެ

ވެކްސިންގެ 2 ވަނަ ޑޯޒް ދޭންޖެހޭ މުއްދަތު ޑަބްލިއުއެޗުއޯއިން ކަނޑައަޅައިފި


ކޯވިޑާއި ދެކޮޅަށް ފައިޒާއިން އުފެއްދި ވެކްސިންގެ ދެ ޑޯޒު ދޭންޖެހޭ ދުރުމިނުގެ ތާވަލެއް އެކުލަވާލާ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗްއޯއިން އިޢުލާނުކޮށްފިއެވެ. ޑަބްލިއުއެޗުއޯގެނިންމުމުގައިވާގޮތުން ވެކްސިންގެ ދުރަތަމަ ޑޯޒަށްފަހު ދެވަނަ ޑޯޒް ދޭންވާނީ 21 ދުވަހާއި 28 ދުވަހާއި މެދެދުގެ މުއްދަތެއްގެ ތެރޭގައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސްޓްރެޓީޖިކް އެޑްވައިސަރީ ގުރޫޕް އޮފް އެސްޕާޓްސް އޮން އިމިއުނައިޒޭޝަން، (ސޭޖު) ގެ ޗެއާމަން، އަލެހަންދްރޯ ކްރަވިއޯޓޯ ވިދާޅުވީ ބަލި ޖެހުމުގެ ސަބަބުން ޙާލު ބޮޑުވުމުގެ ފުރުޞަތު ވަރަށް ބޮޑަށް އޮތް މީހެއް ނޫންނަމަ ދަތުރުވެރިންނަށް ފައިޒާގެ ވެކްސިން ދިނުމަށް ޑަބްލިއުއެޗުއޯއިން ލަފާނުދޭކަމަށެވެ. ސަބަބެއްކަމަށް އޭނާ ވިދާޅުވީ މިވަގުތު ލިބެންހުރި ވެކްސިންގެ ޢަދަދު މަދުވުންކަމަށެވެ.

ކްރަވިއޯޓޯ ވިދާޅުވީ ފުރަތަމަ ޑޯޒް ދިނުމަށްފަހު ދެވަނަ ޑޯޒް ދިނުން ތިނެއް ނުވަތަ ހަތަރު ހަފުތާއަށް ލަސްކުރުމުން ވެކްސިނުން ލިބިދޭ ދިފާޢީ ބާރާއި އޭގެ ރައްކާތެރިކަމާއިމެދު އެއްވެސް ދިރާސާއަށް އަދި ހަދާފައިނުވާކަމަށެވެ. އެހެންނަމަވެސް ޚާއްޞަ ޙާލަތްތައް ކުރިމަތިވެފައިވާ ބައެއް ޤައުމުތަކުގައި ވެކްސިން ލިބުމުގައި އަދި ހުރި ދަތިތަކުގެ ސަބަބުން ދެވަނަ ޑޯޒް ދޭ މުއްދަތު އިތުރު ހަފުތާތަކަކަށް ލަސްކޮށްލުމަށް ސޭޖުގެ ފަރާތުން އަބްގާފައިވާކަމަށްވެސް ކްރަވިއޯޓޯ ވިދާޅުވިއެވެ. އޭގެ ބޭނުމަކީ މިވަގުތު ލިބެންހުރި ވެކްސިން ވީހާވެސް ގިނަ މީހުންނަކަށް ވަގުތުން ވަގުތަށް ފޯރުކޮށްދިނުންކަމަށް އޭނާ ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯގެ މާހިރެއްކަމަށްވާ ކޭޓް އޯ ބްރިއެން ވިދާޅުވީ ވެކްސިންގެ ދެވަނަ ޑޯޒު ދޭން ވަކި މުއްދަތެއް އަދި ކަނޑައެޅިފައިނެތްކަމަށެވެ. ވެކްސިން ދިނުމުގައި ކުރިމަތިވެފައިވާ ބައެއް ލަސްތަކާއި ގޮންޖެހުންތަކަށް އިޝާރާތްކުރައްވާ އޭނާ ވިދާޅުވީ ވެކްސިން ދިނުމުގެ މަރުހަލާއަކީ ފަސޭހަ މަރުހަލާއަކަށްވާނެކަމަށް ކުރިންވެސް ޤަބޫލުނުކުރެވޭކަމަށާއި އެކި ގޮންޖެހުންތައް ކުރިމަތިވާ ވަރަކަށް އެ ގޮންޖެހުންތަކާއި އެއްގޮތަށް ބަދަލުތައް ގެންނަން ޖެހޭނެކަމަށްވެސް ބްރިއެން ވިދާޅުވިއެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ދިނުން ލަސްކުރުމަށް މިހާތަނަށް ނިންމާފައިވާ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި ޑެންމާކު ހިމެނެއެވެ. ޑެންމާކުން ނިންމާފައިވަނީ ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ފުރަތަމ ޑޯޒްދޭތާ 6 ހަފްތާ ފަހުންކަމަށެވެ. ޖަރުމަނުވިލާތުންވެސް ދަނީ އެފަދަ ފިޔަވަޅެއް އެޅުމާއިމެދު މަޝްވަރާކުރަމުންނެވެ. ދަ ޔޫރަޕިއަން މެޑިސިންސް އޭޖެންސީން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒްއާއި ދެވަނަ ޑޯޒް ދިނުމާއި ދެމެދު ހޭދަވާ މުއްދަތު 42 ދުވަހަށްވުރެ އިތުރުނުކުރުމަށް ލަފާދީފައެވެ.