ވިޔަފާރި

މިދިޔަމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 170 އިންސައްތަ އިތުރު


ކޯވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު ޖުލައިމަހު އަލުން ބޯޑަރު ހުޅުވާލިފަހުން މިދިޔަމަހުގެ ނިޔަލަށް ރާއްޖެއަށް 172552 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޑިސެމްބަރުމަހު ރާއްޖެއަށް 96411 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ނޮވެމްބަރުމަހާ އަޅާ ބަލާއިރު، 170 އިންސައްތަ އިތުރު އަދަދެކެވެ. ނޮވެމްބަރުމަހު ރާއްޖެއަށް އައިސްފައިވަނީ 35759 ފަތުރުވެރިންނެވެ.

އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޑިސެމްބަރުމަހުތެރޭ ރާއްޖެއަށް އެއް ދުވަހެއްގެ ތެރޭ އެންމެ ގިނަ އަދަދަކަށް ފަތުުރުވެރިން އައި ދުވަހުގެ ގޮތުގައި ރެކޯޑުކުރެވިފައިވާ ދުވަހު، ރާއްޖެއަށް ވަނީ 6037 ފަތުރުވެރިން އައިސްފައެވެ. ނޮވެމްބަރުމަހު ރާއްޖެއަށް އެއް ދުވަހެއްގެ ތެރޭ އެންމެ ގިނަ ފަތުުރުވެރިން އައި ދުވަހުގެ ގޮތުގައި ރެކޯޑުކުރެވިފައިވާ ދުވަހު ރާއްޖެއަށް ވަނީ 2299 ފަތުރުވެރިން އައިސްފައެވެ.

އަދި މިދިޔަ މަހު އެންމެ މަދުން ފަތުރުވެރިން އައި ދުވަހުގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ ދުވަހުވެސް ރާއްޖެއަށް 1585 ފަތުރުވެރިން ވަނީ އައިސްފައިވާކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ. ނޮވެމްބަރުމަހު މި އަދަދު ހުރީ 569 ގައެވެ.

ފަތުުރުވެރިން ރާއްޖެއަށް އައިސްފައިވާ ޤައުމުތަކަށް ބާލާލާއިރު، ޑިސެމްބަރުމަހު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެޤައުމުން ރާއްޖެއަށް 18637 ފަތުރުވެރިންވަނީ އައިސްފައެވެ. ދެން އެންމެ ގިނަ އަަދަދަކަށް ފަތުުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެޤައުމުން ޑިސެމްބަރުމަހުވަނީ 15323 ފަތުރުވެރިން އައިސްފައެވެ. ތިންވަނައަށް އެންމެ ގިނައިން ފަތުުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެޤައުމުން ރާއްޖެއަށް 14431 ފަތުރުވެރިން ވަނީ އައިސްފައެވެ.

އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވެސްވަނީ ޑިސެމްބަރުމަހު ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ނޮވެމްބަރމަހު ރާއްޖެއަށް އެވްރެޖްކޮށް 1192 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، ޑިސެމްބަރުމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައި ފަތުރުވެރިންގެ އަދަދުވަނީ 161 އިންސައްތައަށް އިތުރުވެފައެވެ.

ޑިސެމްބަރުމަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 3110 ފަތުރުވެރިން އައިސްފައިވާކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.